ހޮލީވުޑް ފިލްމު “ދި އިންޓާން”ގެ ހިންދީ ރީމޭކްގެ ރޯލަކަށް ނީނާ ގުޕްތާ ސޮއިކޮށްފިއެވެ.
ދީޕިކާ ޕަޑުކޯންއާއި އަމީތާބް ބައްޗަން އެކުގައި ކުޅެން ނިންމާފައިވާ މި ފިލްމަށް ނީނާ ސޮއިކުރިއިރު، އަމީތާބާއެކު ޑައިރެކްޓަރު ވިކާސް ބާލް ގެނެސްދޭ “ގުޑްބާއި” ގެ ރޯލަކުންވެސް ނީނާ ފެނިގެންދާނެއެވެ.
2018 ގެ ފިލްމު “ބަދާއީ ހޯ” ގެ ޑައިރެކްޓަރ އަމިތު ޝަރުމާ “ދި އިންޓާން”ގެ ޑައިރެކްޝަނާއި ހަވާލުވެފައިވާއިރު، “ބަދާއީ ހޯ” އަކީ ފިލްމުފެއަރ އެންމެ މޮޅު ސަޕޯޓިންގ ބަތަލާގެ އެވޯޑް ނީނާއަށް ލިބުނު ފިލްމެވެ.
އަމިތު “ދި އިންޓާން”ގެ މަސައްކަތް ފަށާނީ މިހާރު އޭނާ އުފައްދަމުން އަންނަ އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު “މައިދާން”ގެ މަސައްކަތް ނިންމާލާފައެވެ.
ނީނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި “ކަލްނާޔަކް” ފިލްމުގެ “ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ” ލަވައާއި ފިލްމު “ބަދާއީ ހޯ” ހިމެނެއެވެ. ނީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ގްވާލިއާރ”، “ގުޑްބާއި” އަދި “ދި އިންޓާން”ގެ އިތުރުން ކަބީރް ޚާންގެ ކުޅިވަރު ފިލްމު “83” ހިމެނެއެވެ. އޭގައި ނީނާ ފެނިގެންދާނީ ޚާއްސަ ފެނިލުމަކުންނެވެ.
