ދިވެހި އަމިއްލަ ރާގުގެ ލަވަ އަލްބަމް ‘މި ހިތުގާ’ އަކީ އަޑު އަހާ އަހާ މީހުން ފޫހިނުވާނެ ފަދަ ލަވަތަކެއް ހިމެނޭ އަލްބަމެއް ކަމަށް މި އަލްބަމް ގެ ޒުވާން ޕްރޮޑިއުސަރ އަޙްމަދު ރީހާން ބުނެފި އެވެ.
ދެ ވީޑިއޯ ލަވައާއިއެކު އަމިއްލަ ރާގުގުގެ ނުވަ ލަވަ ހިމެނޭ މި އަލްބަމް ލޯންޗް ކުރުން އޮތީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ހުރިހައި ލަވަތަކެއްގެވެސް ފިރިހެން އަޑުގެވެރިޔަކީ ލަވަކިޔުންތެރިޔާ ހުސެއިން އިނާޒް އެވެ. އިނާޒް އާއިއެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންތަކެއް ކަމަށްވާ ރާފިޔަތު ރަމީޒާ، މަރިޔަމް އަޝްފާ އަދި ވޮއިސް އޮފް މޯލްޑިވްސްއިން ފެނިގެންދިޔަ މަރިޔަމް އިފާ އާއި އައިޝަތު ނާޝިދާ ވެސް މި އަލްބަމަށް ލަވަ ކިޔައިދީފައިވެ އެވެ.
މުއާވިޔަތު އަންވަރު، އައްޔުމަން، ސޮބާ، އަދި ކޮއްކޮ ގެ ހިތްގައިމު މިއުޒިކުން ހިމެނޭ މި ލަވަތަކުގެ ދެ ވީޑިއޯ ލަވައިގެ ތެރެއިން އެއް ލަވައިން ޕްރޮޑިއުސަރ ރީހާން ފެނިގެންދެ އެވެ. ރީހާން އާއިއެކު މި ލަވައިގައި ހަރަކާތްތެރިވަނީ މަޝްހޫރު ބަތަލާ މަރިޔަމް ޝަހުޒާ (ޝަހޫ) އެވެ. އަނެއް ލަވައިގައި ފެންނާނީ ޝަހޫގެ ފިރިމީހާ އަމާން (ޓޮމް) އާއި ނާއްކޮ އެވެ.
ވީޑިއޯ ލަވަތައް ހަދާފައިވަނީ ފިލްމީތަރި ލަތީ ގެއެކްޝަނަލް މޫވީން ނެވެ.
