ބ. އިންނަފުށީ ފަރަށް ދޯންޏެއް އަރައިފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އިންނަފުށީ ހުޅަނގުފަރާތު ފަރަށް އަރާފައިވަނީ ހއ. ބާރަށު ދޯންޏެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދޯންޏަކީ ތިލަފުށިން ފުރައިގެން ބ.ތުޅާދުއަށް ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށާއި ދޯނިން 4 ދިވެއްސަކު ދަތުރުކުރިކަމަށް ގޮއިދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނާފިޒް މަޢުލޫމާތު ދެއްވިއެވެ. އަދި އެ ހަތަރު މީހުންގެ ޙާލު ރަނގަޅުކަމަށާއި މިހާރު ގޮއިދޫގައި އެމީހުން ތިބިކަމަށްވެސް ވިދާޅުވިއެވެ.

ދޯނި ފުންކުރުމުގައި ގޮއިދޫ ރައްޔިތުން އެހީ ފޯރުކޮށްދެނީ
މުނިއަވަސްއަށް ލިބިފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަގޮތުގައި މި ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އެ ދޯނި ފަރަށް އެރުމާއެކު ކޯސްޓުގާޑުން ވަނީ ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި މަސައްކަތުގައި ގޮއިދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
“ދޯނި އަދިވެސް ފުން ނުކުރެވޭ… މިހާރު ކުރިއަށްދަނީ ދޯނީގައި ހުރި ހިލަވެލިތައް ބޭލުމުގެ މަސައްކަތް.” ގޮއިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
