ކްރިޓިކުންގެ ތަޢުރީފާއި ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބުނު “ތުމްބަޅް” އަށްފަހު އޭގެ އެއް ލިޔުންތެރިޔާ އާނަންދު ގާންދީ، އަނެއްކާވެސް ބިރުވެރި ފިލްމެއް އިޢުލާނުކޮށްފިއެވެ.
“ވައިލްޑެބީސްޓް” ގެ ނަން ދީގެން މިހާރު އޭގެ ސްކްރިޕްޓް ލިޔަމުން އަންނަކަން އާންމުކޮށްފައި މިވަނީ “ތުމްބަޅް” ރިލީޒްކުރިތާ 3 އަހަރު ފުރުމާއި ދިމާކޮށެވެ. ފިލްމުގެ ޖޯންރާއާއި ނަން ފިޔަވައި އިތުރު އެއްވެސް މަޢުލޫމާތެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ރާހީ އަނިލް ބަރްވޭ ޑައިރެކްޓްކުރި “ތުމްބަޅް” ގައި ކިޔައިދިނީ 20 ވަނަ ޤަރުނުގައި، މަހަރާޝްތުރާގެ ތުމްބަޅްގައި ގެއްލިފައިވާ ޚަޒާނާއެއް ހޯދުމަށް ވިނާޔަކް ނަމަކަށް ކިޔާ ފިރިހެނަކު ކުރާ މަސައްކަތްތަކުގެ ތެރެއިން އޭނާއަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.
ސޯހަމް ޝާހް ލީޑް ރޯލުން ފެނިގެންދިޔަ “ތުމްބަޅް” އަކީ އާނަންދު ކްރިއޭޓިވް ޑައިރެކްޓަރ އަދި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ހިއްސާވި ފިލްމެކެވެ. އޭގެ ދެވަނަ ބައެއްވެސް ހެދުމަށް ނިންމާފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ.
“ތުމްބަޅް” އަށް 3 އަހަރު ފުރުން ފާހަގަކޮށް އާނަންދު ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅުމުގެ މުހިންމު ދުވަސްތަކެއް އޭނާ ހޭދަކުރީ ތުމްބަޅް އުފެއްދުމަށް ކަމަށާއި އޭގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ. ތުމްބަޅް އާއެކު އޭނާ ވަރަށް ބަދަލުވެއްޖެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
2013 ގައި “ޝިޕް އޮފް ތީސީސް” ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރި އާނަންދު އެންމެ ފަހުން ގެނެސްދިން އުފެއްދުމަކީ މިއަހަރު ކުރީކޮޅު ޑިސްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާކުރި ސައިންސް ފިކްޝަން ކޮމެޑީ ސީރީޒް “އޯކޭ ކޮމްޕިއުޓަރ” އެވެ.
