ބޮލީވުޑް ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު މިހިނގާ ނޮވެމްބަރު މަހު 26 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާ ކުރަން ނިންމައިފިއެވެ.
ފިލްމު ޕްރިމިއާކުރާނެ ތާރީޚު އިޢުލާނުކުރަމުން ފިލްމުގެ ޓީޒާ ޓްރެއިލާއެއްވެސް ދޫކޮށްލާފައިވާއިރު، “ޗޯރީ” އަކީ ވަރަށް ޝައުޤުވެރި ފިލްމަކަށް ވާނެކަމަށް އުންމީދު ކުރެވެއެވެ. ނުޝްރަތު މާބަނޑު އަންހެނެއްގެ ރޯލުން ފިލްމުގެ ބޮޑު ބައިގައި ފެނިގެންދާ މި ބިރުވެރި ފިލްމަކީ ބެލުންތެރިން އަންތަރީސް ކޮށްލާވަރުގެ ފިލްމަކަށް ވާނެކަމަށް އޭނާ ބުނެފައިވެއެވެ.
ވިޝާލް ފޫރިއާ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އޭނާ 2017 ގައި ގެނެސްދިން މަރާޓީ ފިލްމު “ލަޕަޗައްޕީ” ގެ ހިންދީ ރީމޭކެވެ. ނުޝްރަތުގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މިތާ ވަޝިސްތުއާއި ރާޖޭޝް ޖައިސް އަދި ސައުރަބް ގޯޔަލްއެވެ.
2011 ގެ ފިލްމު “ޕިޔާރް ކާ ޕަންޗްނާމާ” އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ނުޝްރަތު އެންމެ ފަހުން ފެނިފައިވަނީ މިއަހަރު އޭޕްރިލްގައި ނެޓްފްލިކްސްއިން ޕްރިމިއާކުރި އެންތޮލޮޖީ ފިލްމު “އަޖީބް ދާސްތާންސް” އިންއެވެ. އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “އާކާޝް ވާނީ” އާއި “ޕިޔާރް ކާ ޕަންޗްނާމާ 2” އާއި “ސޯނޫ ކޭ ޓީޓޫ ކޭ ސްވީޓީ” އާއި “ޑްރީމް ގާލް” ހިމެނެއެވެ.
“ޗޯރީ” ގެ އިތުރުން ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ހުޅްދަންގް” އާއި “ރާމް ސެތޫ” އާއި “ޖަނިތު މާ ޖާރީ” ހިމެނެއެވެ.
