ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ އާއި ފިލްމީ އަދި އަދި ސްޓޭޖް ޑްރާމާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ، މއ.ކޮޕީގޭ މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު) ނިޔާވެއްޖެއެވެ.
އުމުރުން 72 އަހަރުގައި ކޮޕީ މުޙައްމަދު ރަޝީދު ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 11 ނޮވެމްބަރު 2021ވީ ބުރާސްފަތި ދުވަހުގެރޭ ގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2020 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ހާސިލްކުރައްވައިފައިވާ ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
ނޫސްވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކޮޕީ ރަޝީދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައެވެ.
ފިލްމީ ދާއިރާގައި ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔުއްވުމާއި ލަވަ އާއި ޅެން ހެއްދެވުން މިއީ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ރަޝީދު ކޮށްދެއްވާފައިވާ ޚިދުމަތްތަކުން ކުޑަ މިންވަރެކެވެ.
ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް ”މޫންލައިޓް“ އާއި، ”އެކުވެރިންގެ ރޫޙު“ މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، މުޙައްމަދު ރަޝީދުގެ ޅެންތައް ޝާއިޢު ކުރައްވާފައިވެއެވެ.
މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ދީނީ ޅެންހެދުމުގެ މުބާރާތުގައި ވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ.
މުޙައްމަދު ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައިވެއެވެ. މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، ”ފާގަތި ޙަޔާތެއް ހޯދުން“ މި ނަމުގަޔާއި، ”5 ބަޠަލުން“ މިނަމުގައި މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިޢުކުރައްވާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




