ސްޕެނިޝް ލަ ލީގާގެ ޓޭބަލްގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކު ރެއާލް މެޑްރިޑް މި އަހަރު ލީގުގައި ކުޅޭ މެޗުތައް ނިންމާލައިފިއެވެ.
އެތުލެޓިކް ބިލްބާއޯއާ ވާދަކުރި ލީގު މެޗު ރެއާލުން ރޭ ކާމިޔާބުކުރީ 2-1 އިންނެވެ. މި ނަތީޖާއާ އެކު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ ކުޅުނު 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.
ރެއާލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓާއި ހަތްވަނަ މިނިޓުގައި ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ ލީގުގައި 15 ލަނޑު ހަމަކޮށްފައެވެ. އަދި މި ސީޒަނުގައި އޭނާ ޖުމުލަ 20 ލަނޑު ޖަހައިފައިވާކަން ފާހަގަކޮށްލެވެއެވެ.
ބިލްބާއޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ އޮއިހާން ސަންކޭޓް އެވެ. މި ނަތީޖާއާ އެކު ބިލްބާއޯ އަށް ވަނީ 28 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓަކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ޓޭބަލްގެ ފަސްވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ މި އަހަރުގެ ފަހު މެޗުގައި ރޭ ގްރަނާޑާއާ ވާދަކޮށް 2-1 އިން ބަލިވެފައެވެ.
ގްރަނާޑާއިން މެޗު ކާމިޔާބުކުރީ، ދެވަނަ މިނިޓުގައި ޔާއޯ ފީލިކްސް އެތުލެޓިކޯއަށް ލީޑު ނަގައިދީފައިވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
