ގދ. ތިނަދޫ ބުންނަރު ސްޓޫޑިއޯ، ޗައްޕަލަ ސްޓޫޑިއޯ އަދި ފޮޓޯ މޯލްޑިވްސް އާއި ގުޅިގެން އުފެއްދި “މަޑުން ދޮއްވަހެން” ލަވަ ރިލީޒްކުރީ މިމަހުގެ 01 ވަނަ ދުވަހުގެ ރޭގައެވެ.
ކުރިން ނެރުނު ހިތްގައިމު ލަވަތަކެކޭ އެއްގޮތަށް މި ލަވައިގެ މަސައްކަތްތައްވެސް ކޮށްފައިވަނީ ޗައްޕަލާ ސްޓޫޑިއޯއިންނެވެ. ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ލަވަ ޑައިރެކްޓްކުރީ ހާޒިފް މުޙައްމަދު އާއި މުޙައްމަދު މާޖިދު އެވެ. ކެމެރާކުރީ ފޮޓޯ މޯލްޑިވްސް އިންނެވެ. މިލަވައިގެ ޅެން ހެދީ ގދ. ތިނަދޫ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު އަޖީބް އެވެ.
“މަޑުން ދޮއްވަހެން” ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޤުބޫލުކަން ހޯދި މުޙައްމަދު ޒަލީފްގެ އިތުރުން ޝަފީގް މުޙައްމަދު، މުޙައްމަދު މާޖިދުގެ އިތުރުން އަހުމަދު ޝިމާލް އެވެ.
މި ލަވައިގެ ވީޑިއޯއިން ސީރިއަސް ހާދިސާތަކެއްް، މަޖާ ގޮތެއްގައި ގެނެސްދީފައިވަނީ މުޖުތަމައަށް ބޭޭނުންތެރި މެސެޖްތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން މުޖުތަމައުގައި ހިނގާ ނޭދެވޭކަންކަމާއި ދިމާވެދާނެ ހިތާމަވެރި ހާދިސާތައް ދައްކައިދީފައިވެއެވެ. މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ސައިކަލް ދުއްވުމުން ކުރިމަތިވެދާނެ ހިތާމަވެރި ހާދިސާތަކާއި ކަފިހިހުރަސްތަކުން ހުރަސްކުރާމީހުންނަށް ނުބަލައި ބާރަށް ސައިކަލް ދުއްވުމާއި، ފޯނުގައި ހުރެ ސައިކަލް ދުއްވުމުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ގެނެސްފައިވެއެވެ. އަދި މަގުމަތީގެ ދުވާރުތަކުގައި ހިނގާފައި ދާ މީހުންނަށް ބެލުމެއް ނެތި ނުރައްކާވާ ގޮތަށް ސައިކަލު ދުއްވުމާއި ރޭގަނޑު ސައިކަލު ދުއްވާއިރު އަލިގަދަކޮށްގެން ސައިކަލްދުއްވުމުން އެހެންމީހުންނަށް ދިމާވާ ދަތިތައް މި ލަވައިގައި ދައްކުވައިދީފައިވެއެވެ.
