ރާއްޖެޓީވީން މިދިޔަ އަހަރުގެ ރޯދަ މަހު ގެނެސްދން ވަރުގަދަ ރިއަލިޓީ ޝޯވ “ސެލެބްރިޓީ ރޭސް”ގެ ދެވަނަ ސީޒަން ގެނެސްދޭން ނިންމާ، މިފަހަރުގެ ބައިވެރިން ދައްކާލައިފިއެވެ.
“ސެލެބްރިޓީ ރޭސް – ސީޒަން 2” ގައި ޖުމުލަ 11 ފަންނާނުން ބައިވެރިވެއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މި ޝޯވް ދެއްކުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުން ފެށިގެން ކަމަށް ރާއްޖެޓީވީން މައުލޫމާތު ދެއެވެ.
މިއަހަރުގެ ޝޯވް ގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ.
“ސެލެބްރިޓީ ރޭސް – ސީޒަން 2” ގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި، ރާއްޖޭގެ އެއްމެ ކާމިޔާބު އެއް އެކްޓްރެސް ޢާއިޝަތު ރިޝްމީ ރަމީޒް، އެއްމެ މަގުބޫލު އެކްޓްރެސް މަރްޔަމް އައްޒަ، ކޮމެޑީ ރޯލުތަކާއި ޝޯވް ހޯސްޓްކުރުމުގައި މަޝްހޫރު އިބްރާހީމް ޝާފިއު (ފުބޫ)، ޓިކްޓޮކް އަދި އެހެނަސް ސީރީޒުން މަޝްހޫރުކަން ހޯދި މުހައްމަދު ވިޝާލު (ރޯމަން)، މޮޑްލި ްް އެކްޓިން އަދި ޝޯވ ހުށައެޅުމުގައި ފާހަގަކޮށްލެވޭ ،ދޮނާ، އެކްޓަރ އަދި ޝޯވ ހޯސްޓް އަހްމަދު އިފްނާޒް އަދި ކުރީގެ ހިތްގައިމު އެކްޓްރެސް ފަރީލާ ހިމެނެއެވެ.
މީގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު ވެސް މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.
“ސެލެބްރިޓީ ރޭސް – ސީޒަން 2” ވެސް ކުރިއަށްގެނާނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ.
ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯވް “ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2″ގެ މެއިން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމެވެ. ކޯ-ހޯސްޓެއްގެ ގޮތުގައި އެމްއެންޑީއެފްގެ ބޭކަނބަލެއްކަމަށްވާ ހައްވާ ނަޖްލާ ފެނިގެންދާނެއެވެ.
ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. މި ޝޯވް ގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.
މަސްދަރު: ރާއްޖެއެމްވީ
