މުމްބާއީ އަދި ނިއު ދިއްލީއަށް ދިއުމަށް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޢަލީ ސީޒަން މިއަދު ފުރައިފިއެވެ.
މިއަދު މުނިއަވަސް އަށް ވަރަށް މުޢުތަބަރު މަސްދަރަކުން މައުލޫމާތުދިން ގޮތުގައި ސީޒަންގެ މި ދަތުރަކީ ރާއްޖޭގައި ބޮލީވުޑްގެ ފިލްމެއް ހެދުމަށް ވިސްނައި އެކަމަށްޓަކައި ބޮލީވުޑްގެ ފިލްމު އުފައްދާ ބައެއް ފަރާތްތަކާއެކު ބާއްވާ ބައްދަލުވުން ތަކެއްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.
މިކަމުގެ އިތުރު ތަފްޞީލް ހޯދައިލުމަށް މިއަދު މެންދުރެއްހާއިރު ސީޒަންއަށް ގުޅުމުން އިންޑިޔާއަށް ދިއުމަށްޓަކައި އެއާޕޯޓްގައި ހުރިކަން ކަށަވަރުކޮށްދިނެވެ. ނަމަވެސް މި ދަތުރާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
ސީޒަންގެ މި ދަތުރާ ބެހޭ ފަހުގެ މަޢުލޫމާތު ހޯދައިލުމަށް މިއަދު މުނިއަވަސް އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ނަމަވެސް ސީޒަންގެ ޖަވާބެއް ލިބުނުހާ އަވަހަކަށް މުނިއަވަސް އިން މި ޚަބަރާއިގުޅޭ އެއްމެ ފަހުގެ އަދާހަމަތައް ގެނެސްދޭނެއެވެ.
