ބޮލީވުޑް ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު “ޗޯރީ” ގެ ދެވަނަ ބައިގެ ޝޫޓިންގ އަންނަ ނޮވެމްބަރުގައި ފަށަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރިމިއާ ކުރި “ޗޯރީ” އަށް ފާޑުކިޔުންތެރިންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ބެލުންތެރިން ފިލްމަށް ދިން ތަރުޙީބުގެ ސަބަބުން ދެވަނަ ބައެއް އުފައްދާނެކަން އިޢުލާނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
“ޗޯރީ” ގެ ބޮޑު ބައިގައި ނުޝްރަތު މާބަނޑު އަންހެނެއްގެ ގޮތުގައި ފެނިގެންދިޔައިރު، ދެވަނަ ބައި ގެންނާނީ ފުރަތަމަ ބަޔާއި ގުޅުވައިގެން ކަމަށްވެއެވެ. ނުޝްރަތު ފިޔަވައި ދެވަނަ ބައިން ފެންނާނެ އިތުރު އެއްވެސް ތަރިއެއްގެ ނަން ހާމަކޮށްފައި ނުވާއިރު، ފުރަތަމަ ބައިގެ ކާސްޓާއިއެކު ކާސްޓާއި ގުޅޭ އިތުރު ތަރިންވެސް ދެވަނަ ބައިން ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.
ވިޝާލް ފޫރިއާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން “ޗޯރީ” އަކީ2017 ގައި އޭނާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން މަރާޓީ ފިލްމު “ލަޕަޗައްޕީ” ގެ ހިންދީ ރީމޭކެކެވެ. މިހާރު އޭނާ އަންނަނީ “ޗޯރީ2” ގެ ސްކްރިޕްޓް ލިޔަމުން ކަމަށާއި ފުރަތަމަ ބަޔަށްވުރެ ދެވަނަ ބައި ހުރިހާ ގޮތަކުންވެސް ބޮޑުވެފައި ޝައުޤުވެރި ވާނެކަމަށް ފިލްމާއި ގާތް މަސްދަރަކާއި ހަވާލާދީ އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ ޖޫން މަހު ރިލީޒްކުރި “ޖަނިތު މޭ ޖާރީ” އިން އެންމެ ފަހުން ފެނުނު ނުޝްރަތުގެ “ޗޯރީ2” ގެ އިތުރުން ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ރާމް ސެތޫ” އަދި “ސެލްފީ” ހިމެނެއެވެ.
