ދިވެހި ފިލްމީ އުފެއްދުންތަކަށް ލޯބިކުރާ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ފިލްމު “ކީއްވެ؟” ގެ ޓިކެޓް މިއަދު ވިއްކަން ފަށައިފިއެވެ.
ކާމިޔާބު، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ގެނެސްދީފައިވާ ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ ސްލޭމް ސްޓޫޑިއޯ، ސެޓާން ސްޓޫޑިއޯ، ކިޑް ޕްރޮޑަކްޝަން އަދި ނޫރު އެން މޫވީސް ގުޅިގެން ގެނެސްދޭ “ކީއްވެ؟” ގެ ޓިކެޓު މިހާރު އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ.
އޮލިމްޕަސް ކައުންޓަރުގެ އިތުރުން، ލުއިފަސޭހަކަމާއެކު އޮންލައިންކޮށް ޓިކެޓް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް saturnstudio.mv/booking ވެބްސައިޓް މެދުވެރިކޮށް މިހާރު ޓިކެޓް ލިބެން ހުންނާނެކަމަށްވެސް ފިލްމުގެ ޓީމުން މަޢުލޫމާތު ދެއެވެ.
އިއްޔެ މި ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް މަޝްހޫރު އެކްޓަރު ރީކޯ މޫސާމަނިކު ލީޑް ރޯލަކުން ފެނުމާއި ދިގު މެދުކެނޑުމަކަށްފަހު އީސާ ޝަރީފް މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން އަސްލަމް ރަޝީދުގެ ދަށުން މި ފިލްމު އައުމަކީ މި ފިލްމު ޚާއްސަވާ ސަބަބުތަކެވެ.
ޓްރެއިލާއިން މޫސަގެ ހުނަރުވެރި އެކްޓިން އާއި ސުވާލުތަކެއް އުފައްދާ ވަރުގަދަ އެތައް ޑައިލޮގަކާއި މަންޒަރުތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ފިލްމަކީ އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިޙުސާސްތަކެއްގެ އިތުރުން ޚާއްސަކޮށް މެދުއުމުރުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފުން އަސަރުތަކެއް އެކުލެވޭ ފިލްމެކެވެ.
ރީކޯ މޫސަގެ އިތުރުން ދާއިރާގެ މަޝްހޫރު އަދި ތަޖުރިބާކާރު ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، ޢަލީ ޝަމީލް، މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، މަރިޔަމް ނިޝާ، އާމިނަތު ރިޝްފާ އަދި ވާޝިޔާ މުޙައްމަދު ހިމެނެއެވެ. މީގެ އިތުރުން އަލަށް ތައާރަފުވާ އަޒްލިފް ރައޫފް އަދި ޑައިރެކްޓަރު އީސާ ޝަރީފްގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ނައުރީން އާއި ނައުޝީންވެސް ވަރަށް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
ޓްރެއިލާއިން މި ފިލްމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ސާފުކޮށް ފެނިގެންދާއިރު، މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަޙްމަދެވެ.
ޓިކެޓް ވިއްކަން ފެށުމާއެކު ޓިކެޓަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެފައިވާއިރު، މި ފިލްމު އޮލިމްޕަހަށް ގެންނަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
