ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ޝެޓީގެ ”ސިންގަމް3“ ގެ ޝޫޓިންގ އަންނަ އަހަރުގެ އޭޕްރިލް މަހު ފަށާނެކަމަށް އޭނާ ބުނެފިއެވެ.
”ސިންގަމް3“ ގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ނަމަވެސް އަންނަ އަހަރު ޝޫޓިންގ ފަށަނީ އަޖޭ އެހެން ފިލްމުތަކެއްގެ މަސައްކަތުގައި ވަދިވުމާއި އޭނާގެ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު ”ސާކަސް“ ގެ މަސައްކަތުގައި އޭނާ ވަދިވުމުން ކަމަށް ބުނެފައިވެއެވެ. އަދި ”ސިންގަމް3“ އަކީ އޭނާ އުފައްދަމުން އަންނަ ”ކޮޕް ޔުނިވާރސް“ ގެ އެންމެ ބޮޑު ފިލްމަށް ވާނެކަމަށްވެސް ރޯހިތު ބުނެފައިވެއެވެ.
އިތުރަށް ވާހަކަދައްކަމުން ރޯހިތު ބުނެފައިވާ ގޮތުގައި ކުރީގެ ތަރިންނާ ޚިލާފަށް މިހާރުގެ ޒުވާން ތަރިން، ”ގިނަ ހީރޯ“ ތަކެއް އުޅޭ ފިލްމުތައް ކުޅެން ދެކޮޅު ހަދާ ކަމަށެވެ. އެކަން ދޫކޮށްލަން ޖެހޭކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރަކީ އޭގެ ނަމޫނާއެއް ކަމަށެވެ. އަދި އޭނާގެ ފިލްމެއްގައި ރަންވީރްވެސް އަކްޝޭ އާއެކު މަސައްކަތް ކުރިކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ އެހެން އެވަނީ އެތަރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެކަމުގެ ޔަޤީންކަން އެ ތަރިންނަށް އޮންނާތީއެވެ.
ރޯހިތުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު ”ސޫރިޔަވަންޝީ“ ގެ ޕްރޮމޯޝަން އިވެންޓެއްގައި އޭނާ ވަނީ އޭނާގެ ”ކޮޕް ޔުނިވާރސް“ އަށް އަންހެން ކޮޕެއް ތަޢާރަފުކުރާނެ ކަމަށް ބުނެފައެވެ. ”ސިންގަމް3“ ގެ އަދާހަމަތައް ދިން އިންޓަވިއުގައި އަންހެން ކޮޕްގެ ވާހަކަ އެހުމުން އޭނާ ބުނީ އެއީ އޭނާ ހަމަ ހަޤީޤަތުގައި ކުރަން ރާވާފައިވާ ކަމެއް ކަމަށާއި އެކަން އެގޮތަށް ވާނެ ކަމަށެވެ.
ދާދި ފަހުން ކަލާޒްގެ ސްޓަންޓް ޝޯވ ”ޚަތުރޯން ކޭ ކިލާޅީ12“ ގެ ޝޫޓިންގ ނިންމާލި ރޯހިތުގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި މިއަހަރު ޑިސެމްބަރު23 އަށް ތާވަލުކޮށްފައިވާ ”ސާކަސް“ އާއި އެމެޒޯން އަށް ތައްޔާރުކުރާ ވެބް ސީރީޒް ”އިންޑިއަން ޕޮލިސް ފޯސް“ ހިމެނެއެވެ. މިއީ އޭނާގެ ”ކޮޕް ޔުނިވާރސް“ ގެ ދަށުން ގެނެސްދޭ ސީރީޒެކެވެ. މި ސީރީޒްގެ ލީޑްގައި ހަރަކާތްތެރިވަނީ ސިދާތު މަލޯޓްރާ، ޝިލްޕާ ޝެޓީ، ވިވެކް އޮބެރޯއީ އަދި އިޝާ ތަލްވާރްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




