ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފީޗަރ ފިލްމު “ބީވީމާ” ގެ ރަސްމީ ޓްރެއިލާއާއި ރަސްމީ ޕޯސްޓަރ އާންމުކޮށްފިއެވެ. މިމަހު 26 ވަނަ ދުވަހުގެ ރޭ “އެސްއެމްބީ ހަބް” ގައި މިކަމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި ފިލްމުގެ ރަސްމީ ޕޯސްޓަރ އާންމުކޮށްދެއްވީ އެސްޓީއޯގެ ފަރާތުން ފާޠިމަތު ފާޒަތު އަދި ޚަދީޖާ މޫސާއެވެ.
ދެ ދައުރެއް ދައްކުވައިދޭ “ބީވީމާ” ގެ މައިގަނޑު ތަރިންނަކީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުކުރާ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ. ދެކުނު އިންޑިއާގެ ފިލްމަކުން ޚިޔާލު ނަގައިގެން އުފައްދާފައިވާ “ބީވީމާ” އަކީ ލޯބީގެ އަސަރުގަދަ އަދި މިސްޓީރިއަސް ފިލްމެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) ބުނެފައިވެއެވެ.
އިބްރާހީމް ވިސާން (ކަނޑި) ގެ ކުޅަދާނަ ސިނަމޮޓޮގްރަފީއާއެކު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ ޙުސައިން ތައުފީޤްއެވެ. ކޮސްޓިއުމްތައް ފަރުމާކޮށް ތަރިންގެ މޭކަޕް ކޮށްދިނީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ “ބީވީމާ” އަކީ މީގެ ދެއަހަރު ކުރިން މަސައްކަތް ފެށި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދި އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި އެ ޕްރޮޑަކްޝަން ހައުސްއިން ބުނާއިރު، މޮގާ ބުނީ މިއީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށެވެ.
މުޙައްމަދު ޢަލީ (މޮގާ) އާއި އޭނާގެ އަންހެނުން ޢާއިޝަތު ފުއާދު ތައުފީޤް ޕްރޮޑިއުސްކުރާ “ބީވީމާ” އޮލިމްޕަހުގައި އަޅުވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ގައެވެ.
