އަންނަ ނޮވެމްބަރު މަހުގެ 20ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު ”ލިލީ“ގެ ޕްރިމިއާ ޝޯވގެ ގިނަ ސީޓުތަކެއް ބުކްކޮށްފި އެވެ.

މިހާރު ބުކިންއަށް ހުޅުވާލާފައިވަނީ ފިލްމުގެ ފުރަތަމަ ތިން ޝޯވއަށެވެ. އެއީ ނޮވެމްބަރު 20، 21 އަދި 22 ވަނަ ދުވަހުގެ ރޭގެ ޝޯއެވެ. ބުކް ކުރެވޭނީ 7505078 ވައިބާ މެދުވެރިކޮށް ނުވަތަ ވެބްސައިޓު www.book.lilythemovie.com އިންނެވެ.

”ލިލީ“ގެ ފުރަތަމަ ޓީޒާ މިދިޔަ ބުރާސްފްތި ދުވަހު ވަނީ އާންމުކޮށްފައެވެ. އައިޝާ އަލީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާ އިންސްޓަގްރާމުގައި އާންމު ކުރިތާ 24 ގަޑިއިރު ނުވަނީސް ބައި މިލިއަން ވިއުޒް ވަނީ ލިބިފަ އެވެ.

އާންމު ކުރި ޓީޒާއިން ފެންނަނީ ވާނުވާ ނޭނގޭ މަންޒަރުތަކެކެވެ. އެގޮތުން އައިޝާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި، މޭކަޕުން މުޅި މީހާއަށް ގެނަސްފައިވާ ބަދަލުތަކުން އޭނާ ކުޅޭ ކެރެކްޓާގެ ވަރުގަދަކަން ފެނިގެން ދެއެވެ.

ފިލްމު ”ލިލީ“ގެ މައި އައްތަ އައިޝާ ޢަލީ – ފޮޓޯ: ކްރިއޭޓިވް ނެޓްވޯރކް

މުޙައްމަދު އިޝްފާން ވެސް މި ފިލްމުގައި ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުދު ތާކިހަލާއިއެކު ޖުއްބާ ލައިގެން އިޝްފާން ފެނިގެން ދާއިރު އޭނާގެ ރޯލާއިމެދު ގިނަ ސުވާލުތަކެއް އުފެދެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު އެކްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ހަލީމް، އަޙްމަދު ނިމާލް އަދީ އަލީ ފާރޫޤް ފަދަ ތަރިންވެސް ފިލްމުގެ ޓީޒާއިން ފެނެ އެވެ. ހަމަ އެއާއެކު މުހިންމު ރޯލުތަކުން އަޙްމަދު ޝާރިފްއާއި މަރިޔަމް ޝިމާ ވެސް ފެނެ އެވެ.

މިއީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ ދެވަނަ ފީޗާ ފިލްމެވެ. މީގެ ކުރިން އަޒްހާން ވަނީ ”ދަރަކަ“ އަދި ”މިރާއީ“ ފަދަ ކްރައިމް ތްރިލާ ޖޯންރާގެ ވެބް ސީރީޒްވެސް ލިޔެ ޑައިރެކްޓުކޮށްފަ އެވެ.

އަޒްހާން އިބްރާހިމް ބުނި ގޮތުގައި ”ލިލީ“ އަކީ އޭނާގެ ކުރީގެ މަސައްކަތްތަކަށްވުރެން ހުރިހާ ގޮތަކުންވެސް މޮޅު މަސައްކަތަކަށް ވާނެ އެވެ. އަދި މިއީ ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ޚިޔާލީ ކަންތައްތަކެއް އިތުރުކޮށްގެން އުފައްދާފައިވާ މަސައްކަތެއް ކަމުން ގިނަ ބަޔަކާއި ގުޅޭނެ ފިލްމަކަށް މި ފިލްމު ވާނެ ކަމަށްވެސް އަޒްހާން ބުންޏެވެ.

މިއީ ކްރިއޭޓިވް ނެޓުވޯކުގެ ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުޙައްމަދު އަރީހު އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސަމާހު އިބްރާހީމް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.