ޕާކިސްތާނުގެ މަޝްހޫރު ޕްރޮޑިއުސަރު މޫމިނާ ދުރައިދުގެ ޑްރާމާ ސީރީޒް “މުއަންމާ” ފަށަން ތައްޔާރުވެއްޖެއެވެ.
ސަބާ ޤަމަރް، ޢަލީ އަންސާރީ، ނަބީލް ޒުބޭރީ އަދި އަނޫޝާ އައްބާސީ އިސް ރޯލުތަކުން ފެނިގެންދާ “މުއަންމާ” ގެ އިތުރު ތަރިންގެ ތެރޭގައި ސައީދު ޖިބްރާން، އުސްމާން މުޚްތާރު ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
“މުއަންމާ” އަކީ ލޯބީގެ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެކެވެ. އޮޅުންބޮޅުންތަކެއްގެ ސަބަބުން ވަކިވެފައިވާ ދެމީހެއްގެ އާއިލާގެ ފަރާތުން ކުރިމަތިވާ ގޮންޖެހުންތަކާއި ޖަޒުބާތީ ގޮތުން ދިމާވާ ކަންތައްތައް މީގައި ދައްކުވައިދޭނެއެވެ. އަދި ވަރުގަދަ ޓްވިސްޓް ތަކެއްވެސް ފެނިގެންދާނެ ކަމަށްވެއެވެ.
“ވެހެމް” އަދި “ފަރަޤް” ފަދަ ކާމިޔާބު ޑްރާމާތަކެއް ލިޔެދީފައިވާ އިމްރާން ނަޒީރްގެ ސްކްރީންޕްލޭއަކަށް “މުއަންމާ” ޑައިރެކްޓް ކޮށްފައިވަނީ “ނަމަކް ހަރާމް” އަދި “ބެހެރޫޕިއާ” ގެނެސްދިން ޑައިރެކްޓަރު ޝަކީލް ޚާންއެވެ.
24 ޑިސެމްބަރު 2025 ގައި ޕާކިސްތާން ޗެނަލް ހަމް ޓީވީއިން “މުއަންމާ” ދައްކަން ފަށާއިރު އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 20:00 ގައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންވެސް މި ސީރީޒްގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
