ބޮލީވުޑުން ހަދާ އެންމެ ބޮޑު ގޯހަކީ އަމިއްލަ ސަގާފަތް ދޫކޮށްލުން ކަމަށް ”މާސޫމް“ އަދި ”މިސްޓަރ އިންޑިއާ“ އުފެއްދި ކާމިޔާބު ޑައިރެކްޓަރު ޝޭކަރް ކަޕޫރް ބުނެފިއެވެ.

ޝޭކަރް މިހެން ބުނެފައިވަނީ ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި މިހާރު ބޮލީވުޑްގެ ފިލްމުތަކަށްވުރެ ދެކުނު އިންޑިއާގެ ފިލްމުތައް ކާމިޔާބުވެފައި މަޝްހޫރީ ކީއްވެތޯ ސުވާލު ކުރުމުންނެވެ. އޭނާ ބުނެފައިވަނީ ދެކުނު އިންޑިއާގެ ޑައިރެކްޓަރުން އަދިވެސް ފިލްމުތައް ހަދަނީ އެމީހުންގެ ސަގާފަތާ ފުށުނާރާ ގޮތަށް ކަމަށާއި އެމީހުން ކިތަންމެ ބޮޑު ފިލްމެއް ހެދިނަމަވެސް އެމީހުންގެ ސަގާފަތް ދޫކޮށްނުލާ ކަމަށެވެ.

ޝޭކަރް އިތުރަށް ބުނެފައިވަނީ މިހާރު ބޮލީވުޑްގެ ޑައިރެކްޓަރުން ބޭނުންވަނީ ހޮލީވުޑް ސްޓައިލަށް ފިލްމު ހަދަން ކަމަށެވެ. ބޭނުންކުރާ އުސޫލު އެއްގޮތްވިޔަސް ވާހަކަ ތަފާތުވާން ޖެހޭނެކަމަށާއި އެމީހުންގެ ސަގާފަތް އިންޑިއާގެ ސަގާފަތުން ތަންކޮޅަކާއި އެއްކޮށްލައިގެން ފިލްމު ނުހިނގާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އަހަރެމެން މި އުޅެނީ ހޮލީވުޑްގައި ނޫންކަމަށާއި އެއީ އަހަރެމެންގެ ސަގާފަތް ނޫންކަމާއި ބޮލީވުޑް ޑައިރެކްޓަރުން އެކަމާ ވިސްނަން ޖެހޭކަމަށް އޭނާ ބުންޏެވެ. އަދި ބޮލީވުޑްގެ ފިލްމުތަކުގެ ވެއްޓުމަކީ އެގޮތަށް ފިލްމުތައް ހެދުމުން އިންޑިއާގެ އޯޑިއަންސާ ނުގުޅުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިހާރު އިންޑިއާގެ ސިނަމާތަކުގައި އެންމެ ބާރަށް ހިނގާ ހިންދީ ފިލްމު ”ދުރަންދަރް“ އާ ބެހޭގޮތުން ސުވާލުކުރުމުން ޝޭކަރް ބުނެފައިވަނީ ”ދުރަންދަރް“ އެހާ ބޮޑު ހިޓަކަށް ވެފައިވަނީ އޭގެ ޑައިރެކްޓަރަކީ އިންޑިއާގެ ސަގާފަތް ރަނގަޅަށް ދަނެގެން ފިލްމު ހަދާ މީހަކަށް ވާތީ ކަމަށެވެ. މިފަހުން ”ދުރަންދަރް“ ގެ ކުރިން އައީ ގާތްގަނޑަކަށް މުޅިންހެން ދެކުނު އިންޑިއާގެ ފިލްމުތައް ކާމިޔާބު ދުވަސްވަރެއް ކަމަށާއި އެއީ އެމީހުން އެމީހުންގެ ސަގާފަތް ދޫނުކުރާތީ ކަމަށާއި އެއީ މިހާރު ބޮލީވުޑްގައި އާންމު ކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.