ރާޔާގެ ނިތްކުރިއާ، ކޯތާފަތާ، ނޭފަތާ، ތުންފަތާ އަދި ކަރުދޮށަށް ތެތް ބޮސްދިނުމެއްގެ އިހްސާސް ކުރެވެންފެށިއެވެ. ކުއްލިއަކަށް އޭނާގެ ކަންފަތްދޮށުގައި ވައި އަޑަކުން އެއްޗެއް ބުނާއަޑު އިވިއްޖެއެވެ. ނަމަވެސް އެތަނުގައި އެއްވެސް މީހަކު ނެތެވެ.
”ގުޑް ނައިޓް ދޫނިގަނޑާ!“
ވައި އަޑުން އިވުނު އެ ޖުމްލަ އިވުމާއެކު ރާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ބީހިލުމާއެކު ދެލޯ ބޮޑުވެގެން ދިޔައިރު އެއީ ރާޔާގެ ހޭވެރިކަން ނެތި، ފުން ނިންޖެއްގައި ހިނގަމުން ދިޔަ ކަމެއް ކަމަށް ހީވި ނަމަވެސް ގަސްތުގައި މީހަކު އޭނާއާ ބެހެމުންދާ ފަދައިން އޭނާގެ ހަށިގަނޑު ހަރަކާތްތެރިވެ ތެޅެމުން ދިޔައެވެ.
***~~~***
އަނެއް ދުވަހު ހެނދުނު، ހޭލެވުމާއެކު ރޭގައި ހިނގައިދިޔަ ކަންކަމާމެދު ރާޔާއަށް ފިކުރުކުރެވެން ފެށުނެވެ. ރޭގެ އެ ކަންތައްގަނޑުގައި އޭނާއަށް އިހުސާސްކުރެވުނީ ހަށިގަނޑު އެއްކޮށް ވާވެފައި ވަނިކޮށް ކޮންމެވެސް މީހަކު އޭނާގެ ގައިމައްޗަށް އަރާ އިންކަމެވެ. އެ ނުފެންނަ މީހަކު ނުވަތަ މަޚުލޫޤެއް އޭނާގެ ކިބައިން ޖިންސީ އެދުންވެރިކަމެއް ފުއްދުމަށް މަސައްކަތްކުރިކަމެވެ. އެއީ ހުވަފެނެއް ގޮތަށް ހީވި ކަމެއް ނަމަވެސް، އަސްލަށްވެސް ހިނގި ކަމަކާ ވަރަށް އެއްގޮތްކަމަށް ރާޔާއަށް ޤަބޫލުކުރެވުނެވެ.
އެނދުން ތެދުވެ ފާޚާނާއަށް ވަދެ، ލައިގެން ހުރި ޓީޝާޓް ބާލައި ކަރުދޮށަށް ބަލައިލިއިރު ނޫފައިގެންފައި ހުރި ނިޝާންތަކެއް އެކި ހިސާބުގައި ހުރިކަން ފާހަގަކުރެވުނެވެ. ކަރުދޮށުގައި އެކަންޏެއް ނޫނެވެ. ކޯތާފަތާ، ދަތްދޮޅިއާ އަތުގެ މުލައްދަނޑީގައިވެސް އެ ނިޝާންތަކެއް ހުއްޓެވެ. ބައެއް ނިޝާންތައް ހުރީ ކޮންމެވެސް ވަރަކަށް ރަތްކޮށެވެ. ލައިގެން ހުރި ހަރުވާޅު ތިރިކޮށް ބަލައިލި އިރު ފައިގެ ފަލަމަސްގަނޑުގައިވެސް އެ ނިޝާންތައް ހުއްޓެވެ.
ލިބުނު ކަންބޮޑުވުމާއެކުވެސް އޭނާގެ ވިސްނުމުގެ މިސްރާބު ބަދަލުކޮށްލައި މޫޑު ރަނގަޅުކޮށްލެވޭތޯ މަސައްކަތް ފެށިއެވެ. އޭނާއަކީ ކަންކަމާ އެހާ ބޯގޮށްވަން ބޭނުންވާ މީހެއް ނޫނެވެ. އަބަދުވެސް ހަމަޖެހިލައިގެން ހުރެވޭތޯ ބެލުމަކީ އޭނާ ނިކަން އިސްކަންދޭ ކަމެކެވެ.
♫⋆。♪ އުފް މޭރޭ ދިލް މެއިން ތޯޅީ ޚާލީ ސި ޖަގާ ތީ
އުފް ތޫނޭ އާ ކޭ ދިލް ކީ ރާހެއިން ޔޭ ޖަގާ ދީ
ކުޗް ކެހް ބީ ނާ ސަކީ، ޔޭ ކޭސީ ބޭބަސީ
ޔޫން…….♫⋆。♪
ޝަވަރުން ފެން ދޫކޮށްލައި ބޮލަށް ފެންއަޅަމުން، ފިލްމު ”އެކް ހަސީނާ ތީ“ގެ މި ހިތްގައިމު ލަވަ ރާޔާ ކިޔަން ފެށިއެވެ. ފެންވަރާ ނިންމައިލީ މި ލައެއް ތަކުރާރުކުރަމުންނެވެ.
ގައިން އެއްކޮށް ފެން ހިއްކައިލުމަށްފަހު ގައިގައި ތުވާލު އޮޅައިލަމުން އެހެން ތުވާއްޔަކުން ބޯ ހިއްކައިލިއެވެ. ކުއްލިއަކަށް އޭނާގެ ބުރަކަށީގައި މީހަކު އަތްލި ކަމުގެ އިހުސާސެއް ކުރެވުމާއެކު ސިހިފައި ފަސް އެނބުރި ބަލައިލިއެވެ. އެކަމަކު އެކަކުވެސް ފެންނާކަށް ނެތެވެ. މާ ބޮޑަށް ކަންކަމާ ފިކުރު ކުރެވެނީއޭ ހިތާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
”ޑޭމް…. މާ ބޮޑަށޭ މަށަށް މި ކޫސަނި ކަންކަމާ ވިސްނެނީ!“ އަމިއްލަ ނަފުސަށް އިންޒާރެއް ދޭ ބިދައިން ބުނެލެވުނެވެ. ފާޚާނައިން ނުކުތުމަށް ހިނގައިގަތް ވަގުތު އޭނާގެ ލޮލުގައި އެއްޗެއް އަޅައިގަތުމުން މަޑުކޮށްލެވިއްޖެއެވެ. ބިރުންގޮސް ފަހަތަށް ފިޔަވަޅެއްވެސް އެޅުނެވެ.
’ރާޔާގެ އަޑު ހާދަ ސަޅިއޭ!‘ މޫނުދޮންނަ ތަށްޓާ ދިމާ ފާރުގައި ހުރި ލޯގަނޑުގައި ލިޔެލާފައިވަނީ މި އިބާރާތްކޮޅެވެ. ލިޔަން ބޭނުންކޮށްފައިވަނީ ލިޕްސްޓިކް ކަން އެވަގުތުވެސް ފާހަގަކުރެވުނެވެ. އޭނާގެ ފާޚާނާއަށް އެހެން އެއްވެސް މީހަކު ވަދެ ނޫޅޭތީ ވަރުގަދަ ޝޮކެއް ރާޔާއަށް ލިބުނެވެ. ނަމަވެސް ހަމަ އެވަގުތު ހިނިތުންވެލަމުން މި ވާނީ އަކްމަލްގެ ސަމާސާއެއް ކަމަށް ހީކޮށްލައި ހިތްހަމަޖައްސައިލިއެވެ.
’މި ނުވާނެ އަކްމަލް ނޫން ދެވަނަ އެހެން މީހެއްގެ ކަމަކަށް. މަ ބިރުގަންނަވާނަމޭ ހިތާ އެހުރީ ލޯގަނޑުގަ ލިޔެލާފަ. ކޮންމެވެސް ރޫހެއް މި ކޮޓަރިއަށް ވަދެ މަގޭ ފާޚާނާ ލޯގަނޑުގަ ލިޔެފިއޭ ކިޔައިގެން އަހަރެން ކިޔީމަ އެ އަކްމަލް ގަނޑު މިތަނަށް ވަދެ މަށަށް މަލާމާތްކޮށްފަ ހޭން ހުންނާނެ މިހާރު ރެޑީގަ!‘ ކަން ވީ ގޮތްކަމަކަށް އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުން ރާޔާ ފާޚާނާއިން ނިކުމެއްޖެއެވެ.
ފާޚާނާއިން ރާޔާ ނުކުތްއިރު، ފާޚާނާގެ ލޯގަނޑަށް އެޅިފައި ހުރި އޭނާގެ ސޫރަ ގުޑިނުލާކަން ރާޔާއަކަށް ނޭނގެއެވެ. ރާޔާ ނުކުތް އިރުވެސް އޭނާގެ ސޫރަ ލޯގަނޑުން ފެންނަން ހުއްޓެވެ. އެ ސޫރަ ހުރީ ލާނެއް ފާޑަކަށް ހިނިތުންވެލައިގެންނެވެ.
ތަންކޮޅެއް އައު ހެދުމެއް ނަގައި ގަޔަށް ހެޔޮވަރުކޮށްލައި ލުއިލުއި މޭކަޕެއް ކޮށްލައިގެން ލޯގަނޑުން އޭނާގެ ސޫރަ ބަލައިލާ ހިނިތުންވެލަމުން ކޮޓަރިން ނުކުމެއްޖެއެވެ. އެވަގުތުވެސް ލޯގަނޑުން ފެންނަން ހުރި ރާޔާގެ ސޫރަ ގުޑިވެސް ނުލައި އެ ހުރި ގޮތަށް ހުއްޓެވެ. ހަމަ އެ ލާނެތް ހިނިތުންވުމާއެކު ރާޔާގެ ސޫރަ ލޯގަނޑުގައި ގައިދުވެފައި ހުރިކަން މިފަހަރުވެސް ރާޔާއަކަށް ނޭނގެއެވެ. ރާޔާ އެތަނުން ނުކުތްތާ ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް އެ ސޫރަ ގެއްލިއްޖެއެވެ.
ކޮޓަރިން ނުކުމެގެން ރާޔާ މިސްރާބުޖެހީ ސިޓިން ރޫމުގެ ސޯފާގައި އިން އަކްމަލްއާ ދިމާއަށެވެ. އަކްމަލްގެ ފަނޑުވުމެއް ނުވާ ހިނިތުންވުމާއެކު ފޯނަށް ގެއްލިފައި އިންދާ ރާޔާ އެތަނަށް ގޮސް އޭނާއާ ޖެހިގެން އިށީންދެ އަކްމަލްގެ މޫނުމަތީގައި އަތުގެ ފަސް އިނގިލި އަޅައި އޮއްބައިލިއެއެވެ. ފޯނަށް ގެއްލިފައި އިން އަކްމަލަށް ހޭވެރިކަންވީ އެހިސާބުންނެވެ. ފޯނަށް ހުއްޓިފައި ހުރި އޭނާގެ ކަޅި، ރާޔާއަށް ހުއްޓައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެހެނަސް އޭރުވެސް އޭނާގެ ހިނިތުންވުމަކަށް ފަނޑުކަމެއް ނާދެއެވެ.
”އަކްމަލް ގަނޑާ….! ކަލޭ ހީކުރީތަ އަހަރެން ބިރުގަންނަވައިލެވިދާނޭ؟ މަށެއް އެހާ ފަސޭހައިން ބިރެއް ނުގަންނާނެ އިނގޭ!“ ލޯ އަޅައިލަމުން ރާޔާ ބުންޏެވެ. އަކްމަލްއަށް ލިބުނީ ހައިރާން ކަމެކެވެ. ވާނުވާއެއް ނޭނގި އިން އަކްމަލް ސީރިއަސްވެލިއެވެ.
”ސޮރީ؟!!….. ކީކޭ ރާޔާ ތި ކިޔަނީ؟“ އަކްމަލް ސުވާލުކުރިއެވެ. އެވަގުތު ރާޔާގެ ދެއަތުން އަކްމަލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ.
”ކޮންމެހެން ޑްރާމާ ޖައްސަން ނޫޅޭތި އަކްމަލް ގަނޑާ، އަހަރެންގެ ފާޚާނާ ލޯގަނޑުގަ ކަލެއެއްނު ލިޔުނީ ’ރާޔާގެ އޮންނަނީ ސަޅި އަޑެކޭ!’….. އެހެން ލިޔެފަ ކޮންމެހެން މާ ނޫންކަމަށް ހެދިގެން އިންނާނެ ކަމެއް ނެތް އިނގޭ!“ ދަތްކުނޑިވިކައިލަމުން ރާޔާ ބުންޏެވެ.
”އަޅޭ؟ ރާޔާ ކީކޭތަ ތި ކިޔަނީ؟ އަހަރެން ނުވެސް ދަމޭ ތި ރާޔާގެ ކޮޓަރިއަކަށް، އެނގިއްޖެތަ؟ ރާޔާއަށް ހަމަ ރަނގަޅަށް އެނގޭނެ ރާޔާ ނިދާފަ އޮއްވާ އަހަރެން ގޮސް ތި ކޮޓަރިއަށް ނުވަންނާނެކަން،…… ތިއެއް ނޫނޭ! ކިހާ އިރަކު ހޭފުޅުލައްވައިގެން ތި އުޅުއްވަނީ؟ މީގެ ތިރީހަކަށް މިނެޓް ކުރިންތަ؟ އަހަރެން މި ހިއްލާލީ މީގެ ހަމަ ފަސްވަރަކަށް މިނެޓް ކުރިން. ހިއްލާލި ގޮތަށް ބްރަޝްވެސް ނުކޮށް މީނދީ މިތަނަށް ނުކުމެ. އެހެންވީމަ ޕޮސިބަލް ކަމަކަށްވެސް ނުވާނެ ދޯ އަހަރެން ތި ރާޔާގެ ކޮޓަރިއަށް ވަދެ، އަދި ފާޚާނާއަށް ވަނުމަކީވެސް. ގައިމުވެސް އޭރު ރާޔާ ހުންނާނީ ފެންވަރަށް ދޯ! އަޅޭ ރާ….. ރާޔާއަށް ވެސް އެނގޭނެ ދޯ އަހަރެން ތިކަހަލަ ސަކަރާތްޖަހައި އުޅުނީ އަހަރުމެން ކުޑައިރުގަކަން. މިހާރު މިއީ އަހަރުމެންގެ އެ އުމުރެއްވެސް ނޫނެއްނު؟ ނޫންތަ އަޅެ؟ ….. މަށަށް ހީވަނީ ރާ ތިއުޅެނީ ތަޅާނެ އަނގައެއް ނެތިގެން ބަހަނާއެއް ދައްކައިގެން މަގޭ އަނގަ ގޮށްވަންހެން! ދޯ؟“ ހެމުންހެމުން ބޮޑު ފަތިވަރެއް އަކްމަލް އަމުނައިލިއެވެ.
”އޯހް، ތިބުނީ ހަމަ އެކައްޗެއްވެސް އެ ލޯގަނޑުގަ އަކޫ ނުލިޔަމޭތަ؟“ ކުރިއަށް ވުރެންވެސް ސީރިއަސްވެލަމުން ރާޔާ ސުވާލުކުރިއެވެ. ”އަޅެ ހިނގާބަލަ އަހަރެން އެ ތަން ދައްކާނަން. އޭރުން ދެން ބުނާނީ ކީކޭ؟“ ގޮތްދޫކުރާކަށް ރާޔާ ބޭނުމެއް ނުވިއެވެ. އަކްމަލް އަޑެއް ލައްވައިލަމުން އެއްބަސްވިއެވެ.
އަކްމަލްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ރާޔާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
”ނިކަން ބަލާބަލަ!“ ކޮޓަރިއަށް ވަދެ ފާޚާނާ ދޮރު ހުޅުވައިލާ ލޯގަނޑާ ދިމާއަށް އިޝާރާތްކޮށްލަމުން ރާޔާ ބުންޏެވެ. އެވަގުތު ލޯގަނޑަށް ބަލައިލެވުނު ރާޔާއަށް ވެސް ލިބުނީ ޝޮކެކެވެ. ލޯގަނޑުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ.
”ކޮބާ؟ ހިތްހަމަޖެހިއްޖެ؟ ދެންވެސް ތި ފާޚާނައިން ނުކުމެބަލަ! ނެތެއްނު އެއްވެސް އެއްޗެއް ލިޔެފައެއްވެސް ދޯ؟“ ދިމާކުރަމުން އަކްމަލް ހޭން ފެށިއެވެ. ހެމުންހެމުން އަކްމަލް ނުކުތީ ސިޓިންރޫމަށެވެ. އަކްމަލްގެ ފަހަތުން ރާޔާވެސް ނުކުމެއްޖެއެވެ.
”އަކޫ،“ ވަރަށް ސީރިއަސް ރާގެއްގައި އަކްމަލްއަށް ރާޔާ ގޮވައިލިއެވެ. އެވަގުތު އަކްމަލް ވެސް ފަސްއެނބުރި ރާޔާއަށް ސަމާލުކަން ދިނެވެ. ކުއްލިއަކަށް އަކްމަލްގެ ގައިގާ ރާޔާއަށް ބައްދައިގަނެވުނެވެ.
”ހަމަ އަސްލުވެސް އެ ލޯގަނޑުގަ ލިޔެފަ ހުއްޓޭ.“ ކަންބޮޑުވުމާއެކު ޅަވެލަމުން ރާޔާ ބުންޏެވެ. އެވަގުތު އަކްމަލްވެސް ރާޔާގެ ގައިގައި ނިކަން ލޯބިން ބައްދައިލިއެވެ.
”ހެއި… ރިލެކްސް… ވެދާނެ އެއްނު ރޭގަ އެހާ ރަނގަޅަށް ނުނިދެނީ ކަމަށްވެސް ދޯ!“ އަކްމަލް ބުނެލިއެވެ.
”އަކޫ… ރޭގަ… ރޭގަ ކޮންމެވެސް މީހަކު އަހަރެންގެ ކޮޓަރީގަ އުޅުނު، އެކަމަކު އެއީ ނުފެންނަ މީހެއް! އަހަރެން މި ދައްކާ ވާހަކަ ގަބޫލުކޮށްބަލަ…. ކޮންމެވެސް މީހަކު އަހަންނާ ބެހުނުކަހަލަ ހުވަފަނެއްވެސް ފެނުނޭ!“ އަކްމަލްގެ ގައިން ރާޔާގެ އަތް ނައްޓައިލަމުން ބުންޏެވެ.
”ރާ… ތި ވާނީ ހުވަފެނެކަށޭ، ވެދާނެ މާ ބޮޑަށް ރާޔާ ކަންކަމާ ވިސްނަނީ ކަމަށްވެސް. ޔޫ ނީޑް ސަމް ރެސްޓް! އަހަރެން ބުނާ ކަމެއް ކޮށްފާނަން؟ މިއަދު ބޭރަށް ނުގޮސް އިހަށް ރެސްޓްކޮށްލާ އިނގޭ؟“ ރާޔާގެ ކިބައިން އަކްމަލް އެދުނެވެ. އެއްބަސްވުމުގެ ގޮތުން ރާޔާ ބޯޖަހައިލިއެވެ.
ރާޔާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތުމާއެކު އަކްމަލް، ރާޔާގެ ގައިމަތީގައި ބެޑްކަވަރު އަޅައިދިނެވެ. ރާޔާ ދެލޯ މަރައިލިއެވެ. ރާޔާއަށް ބަލަން ހުރެ ކޮޓަރީގެ ހޮޅިބުރިތައް ނިއްވައިލަމުން އަކްމަލް އެ ކޮޓަރިން ނުކުމެއްޖެއެވެ.
ރާޔާގެ ކޮޓަރިން ނުކުމެގެން އަކްމަލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ހަމަ ވަދެވުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ބޯއަޅާ ބާލީސް ދޮށަށް އޮތްކޮށްޕައިލަމުން އެއްޗެއް ނެގިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް




