ޓިކްޓޮކަކީ މިއަދު ދިވެހިރާއްޖޭގައި އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މި އެޕް މަނާކުރުމާ މެދު މުޖުތަމައުގައި ތަފާތު ބަހުސްތަކެއް ކުރެވޭއިރު، އަޅުގަނޑު ދެކޭގޮތުގައި ޓިކްޓޮކަކީ އަމިއްލަ ޒާތުގައި ގޯސް އެޕެއް ނޫނެވެ. ކޮންމެ ވަސީލަތަކީވެސް އެ ބޭނުންކުރާ މީހަކު ބޭނުންކުރާ ގޮތަކުން އޭގެ ނަތީޖާ ފެންނާނެ އެއްޗެކެވެ. އެހެންކަމުން، މައްސަލައަކީ އެޕެއް ނޫނެވެ. މައްސަލައަކީ އެ ބޭނުންކުރާ ގޮތެވެ.
ޓިކްޓޮކަކީ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ދައްކާލުމަށް އޮތް ވަރަށް ފުޅާ މައިދާނެކެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި ރަށްރަށުންވެސް އާދަޔާޚިލާފު ހުނަރުވެރި ފަރާތްތަކެއް މި ޕްލެޓްފޯމުން ދަނީ ފެންނަމުންނެވެ. ކީރިތި ގުރުއާން ކިޔަވައިދިނުމާއި ޚަބަރު ކިޔުން، ޚަބަރު ލިޔުން، ޕްރޮގްރާމް ހުށައެޅުން, ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި، ތަފާތު މާއްދާތަކުން ފިލާވަޅުތައް ނަގައިދިނުމަކީ މިއަދު ޓިކްޓޮކްގައި ވަރަށް އާންމު ކަމެކެވެ. މީގެ އިތުރުން ކެއްކުމާއި، ފެހުމާއި، ލަވަކިޔުން ފަދަ އެތައް ދާއިރާއަކުން އަމިއްލަ މަސައްކަތްތައް ކުރިއަރުވަން ބޭނުންވާ މީހުންނަށް މިއީ ރަންގަނޑެއް ފަދަ ފުރުސަތެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށްވެސް މިއީ ހަމަ ގައިމުވެސް ނަންބަރ ވަން ވަސީލަތްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ޓިކްޓޮކަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. އެހެންކަމުން، މި އެޕް ބޭނުންކުރާ ނުވަތަ މީގައި ކޮންޓެންޓް އުފައްދާ ކޮންމެ މީހަކީ އަޚްލާގު ދަށް ނުވަތަ ކުރާނެ ކަމެއް ނެތިގެން އުޅޭ މީހެއް ކަމުގައި ބަލައި، އެންމެން އެއް މިިންގަނޑަކުން މިނުމަކީ ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ކޮންމެ މީހަކީވެސް ތަފާތު މަގުސަދެއްގައި މި ވަސީލަތް ބޭނުންކުރާނެ މީހެކެވެ.
އަދަބުވެރިކަމާއި، ސުލޫކީ މިންގަނޑުތަކުގެ ތެރެއިން، ރަނގަޅު ނިޔަތަކާއެކު މި އެޕް ބޭނުންކޮށްފިނަމަ މިއީ ވަރަށް ވަރުގަދަ ބާރެކެވެ. މީހުންނަށް ކަންކަން އުނގަންނައިދިނުމަށާއި، މާޔޫސްވެފައިވާ މީހުންނަށް ހިތްވަރު ދިނުމަށާއި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް މިއަށްވުރެ ފަސޭހަ ވަސީލަތެއް މަދެވެ. އަޅުގަނޑުމެން މުނިއަވަސް ޓިކްޓޮކުން ކުރިއަށް ގެންދާ ޒަމާނީ ޕޮޓްކާސްޓިން ސްޓައިލްގެ މުނިއަވަސްފިލުވައިދޭ ޕްރޮގްރާމުތަކަކީ މި ދެންނެވި ކަންކަމުގެ އަލިގަދަ ހެއްކެކެވެ.
ޓިކްޓޮކް މަނާކުރުމުގެ ބަދަލުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ޒިންމާދާރުކަމާއެކު މި އެޕް ބޭނުންކުރުމެވެ. އެކަކު އަނެކަކަށް އޯގާތެރިވެ، އިހުތިރާމްކޮށް، ކެތްތެރިކަމާއި ލޯތްބާއެކު ރަނގަޅު މަގު ދައްކައިދިނުމެވެ. އަޅުގަނޑުމެންގެ މަގުސަދަކަށް ވާންޖެހޭނީ މިފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރުމެވެ.
