ފަނޑުވަމުން އުވެމުންދާ ދިވެހި އާދަކާދަ އާއި ސަގާފަތް
ކޮންމެ ގައުމެއްގެވެސް އެންމެ ބޮޑު ރައުސްމާލަކީ އެ ގައުމެއްގެ އަމިއްލަވަންތަކަމާއި، ޒަމާނުއްސުރެ ހިފަހައްޓަމުން އައިސްފައިވާ ރީތި އާދަކާދަތަކާއި ސަގާފަތެވެ. ދިވެހިރާއްޖެއަކީ މުއްސަނދި ސަގާފަތެއްގެ ވެރި، އިސްލާމީ އަދަބު އަޚުލާގުގެ މައްޗަށް ބިނާވެފައިވާ ހިތްގައިމު އާދަކާދަތަކެއް ލިބިފައިވާ ގައުމެކެވެ. ނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، އަޅުގަނޑުމެންގެ މި އަގުހުރި ސަގާފަތާއި އާދަކާދަތައް ދަނީ މަޑުމަޑުން ފަނޑުވެ، އުވެމުންނެވެ.
ކުރީގެ ދިވެހި ރައްފުށުގެ ދިރިއުޅުމަކީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ. ރަށުގެ އެންމެންނަކީ އެއް އާއިލާއެއް ފަދަ ބައެކެވެ. “ހޮޅުއަށި” ތަކަކީ އިޖުތިމާއީ ގުޅުންތައް ބަދަހިކުރާ މައި މަރުކަޒުތަކެވެ. ކެއްކުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގައިވެސް އޮންނަނީ އެހީތެރިކަމުގެ ރޫހެކެވެ. ކުޑަކުދިން ބޮޑެތިވަނީ މުޅި ރަށުގެ ލޯތްބާއި އަޅާލުމުގެ ތެރޭގައެވެ. ނަމަވެސް މިއަދު މި މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ.
ޒަމާނީ ތަރައްގީއާއެކު ރަށްފުށުގެ ސާދާ ދިރިއުޅުން “ސިޓީ ލައިފްސްޓައިލް” އަށް ބަދަލުވުމަކީ ސަގާފަތް ފަނޑުވުމުގެ އެންމެ ބޮޑު ސަބަބެވެ. މިއަދު ގިނަ މީހުން ދިރިއުޅެނީ ކުދިކުދި އެޕާޓްމަންޓްތަކުގައި ބަންދުވެގެންނެވެ. އަވަށްޓެރިޔާއަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންތައްތައް ވަނީ ގޮސްފައެވެ. އިޖުތިމާއީ ބައްދަލުވުންތަކުގެ ބަދަލުގައި މިއަދު އޮތީ ސޯޝަލް މީޑިއާގެ ވަހުމީ ދުނިޔެއެކެވެ. އާއިލީ ބައްދަލުވުންތަކާއި، ގޯތިތެރޭގައި ޖަހާފައި ހުންނަ ޖޯލިފަތިތަކުގެ ބަދަލުގައި މިއަދު ފެންނަނީ ކޮންމެ މީހަކުވެސް އަމިއްލަ ފޯނަށް ގެއްލިފައި އިންނަ މަންޒަރެވެ.

ރަށްފުށުގެ ހިތްްގައިމު ދިރިއުޅުމުގެ މަންޒަރެއް ދ. ބަނޑިދޫން – ފޮޓޯ: އާާޒިމް / މުނިއަވަސް
މީގެ އިތުރުން، ދިވެހިންގެ ކެއިންބުއިމާއި، ހެދުން އެޅުމާއި، ބަސްމަގަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހިވަންތަ ކާނާގެ ބަދަލުގައި “ފާސްޓް ފުޑް” އާންމުވެ، ދިވެހި ބަހުގެ ތެރެއަށް ބޭރު ބަސްތައް ވަދެ، ދިވެހިވަންތަކަން ދަނީ ގެއްލެމުންނެވެ. ކުޑަކުދިންނަށް ދިވެހި އާދަކާދަތައް ދަސްކޮށްދިނުމުގެ ބަދަލުގައި، ހުޅަނގުގެ ސަގާފަތްތަކަށް ލޯބިކުރަން ވަނީ ދަސްވެފައެވެ.
ނިންމާލަމުން ދަންނަވާނީ، ގައުމެއްގެ ދިރިހުރުން ބިނާވެފައިވަނީ އެ ގައުމެއްގެ ސަގާފަތާއި އާދަކާދައިގެ މައްޗަށެވެ. ޒަމާނީ ތަރައްގީއަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދޫކޮށްލުމަކީ ގައުމީ އަމާނާތަކަށް ޚިޔާނާތްތެރިވުމެވެ. އެހެންކަމުން، ރައްފުށުގެ އެ ރީތި އާދަކާދަތަކާއި، އިސްލާމީ އަޚުލާގުގެ މަތީގައި ބިނާވެފައިވާ ދިވެހި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާއެކެވެ. އޭރުން ނޫނީ ދިވެހި ގައުމުގެ އަސްލު ކުލަވަރު ދުނިޔޭގެ ކުރިމަތީގައި ފުނޑުފުނޑުނުވެެ ދެމިއޮންނާނެއެވެ
