2002 ވަނަ އަހަރު ނުކުތް ކާމިޔާބު ހިންދީ ފިލްމު “ހަމްރާޒް” ގެ ދެވަނަ ބައެއް ހަދަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
ބޮބީ ޑެއޯލް، އަމީޝާ ޕަޓޭލް އަދި އަކްޝޭ ކަންނާ އިސް ރޯލުތަކުން ފެނިގެންދިޔަ “ހަމްރާޒް” އަކީ މުއްސަނދި ދިރިއުޅުމެއްގެ ހުވަފެން ދެކެމުންދިޔަ އަންހެންކުއްޖެއް، އޭނާގެ ލޯބިވެރިޔާގެ އެދުމަށް މުއްސަނދި ވިޔަފާރިވެރިއަކާ ކައިވެނި ކުރުމަށްފަހު ހިނގާ ކަންތައްތަކެއް ދައްކުވައިދިން ރޮމޭންޓިކް ތުރިލާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ ތުރިލާ ފިލްމުތައް ހަދަން މަޝްހޫރު ޑުއޯ އައްބާސް-މުސްތާންއެވެ.
ދާދިފަހުން ބޮލީވުޑް ހަންގާމާއަށް ދިން ބަސްދީގަތުމެއްގައި “ހަމްރާޒް” ގެ ޕްރޮޑިއުސަރު ރަތަން ޖެއިން ވަނީ ދެވަނަ ބައެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ދީފައެވެ.
“ބޮބީ އާއި އަކްޝޭއަށް ފިޓްވާ ރަނގަޅު އަދި ވަރުގަދަ ވާހަކައެއް ލިބިއްޖެއްޔާ އަހަރެން ހަމަ ޔަޤީނުންވެސް ހަމްރާޒްގެ ދެވަނަ ބައެއް ހަދަން ބޭނުން.” ރަތަން ބުނެފައިވެއެވެ.
އަދި މިހާރަށް ބަލާއިރު އެކްޓަރެއްގެ އުމުރާއި ގުޅޭގޮތަށް ކެރެކްޓާތައް ހުރުން ވަރަށް މުހިންމުކަމަށާއި ސްކްރިޕްޓްވެސް އެ އެކްޓަރުންގެ ފެންވަރާއި އެއްވަރަށް ވަރުގަދަވާން ވާނެކަމަށްވެސް ރަތަން ބުނެފައިވެއެވެ. އިތުރަށް ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ބޮބީ އާއި އަކްޝޭއާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަކްޝޭ އަކީ އޭނާ ކުޅޭނެ ފިލްމުތައް ވަރަށް ބަލައިގެން ހޮވާ ތަރިއެއް ކަމަށާއި އޭނާ އެ ފިލްމެއްގެ ސްކްރިޕްޓާއި ދޭތެރޭ ހިތްހަމަނުޖެހޭނަމަ އޭނާ އެ ފިލްމެއް ނުކުޅޭނެކަމަށް ވެސް ރަތަން ބުނެފައިވެއެވެ.
“އަކްޝޭއަށް މިދުވަސްކޮޅު ހަމަޖެހިލަން ވަގުތު ދީފަ އޭގެ ފަހުން އަހަރެން އޭނަޔާ ބައްދަލުކުރަން މަސައްކަތް ކުރާނަން. އަހަރުންނަކީ ވަރަށް ގާތް ރައްޓެހިން. އޭނައަށް ރަނގަޅު ފިލްމުތަކެއް ލިބެންޖެހޭ.” ރަތަން ބުނެފައިވެއެވެ.
މިހާރުވެސް ސިނަމާތަކުގައި ކާމިޔާބުކަމާއެކު ދައްކަމުން އަންނަ “ދުރަންދަރް” ގެ މުހިންމު ރޯލަކުން އަކްޝޭ ފެނިގެންދާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަންނަ މާރިޗު މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ “ދުރަންދަރް: ޕާޓް 2” އިންނެވެ. އޭގެ އިތުރުން ބޮބީ ޑެއޯލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތަމަޅަ ފިލްމު “ޖަނާ ނަޔަގަން” އާއި އާލިއާ ބަޓް އާއި ޝަރްވާރީ އާއެކު ކުޅޭ “އަލްފާ” ހިމެނެއެވެ.
