ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިލްޕާގެ ފިރިމީހާ ރާޖް ކޯޓަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާވެރިޔާ ރާޖް ކުންދުރާ، މަނީ ލޯންޑަރިންގް އާއި “ގެއިން ބިޓްކޮއިން” ކްރިޕްޓޯ ކަރަންސީގެ ބޮޑު މަކަރާއި ހީލަތުގެ މައްސަލައެއްގައި މުމްބާއީގެ ޚާއްސަ ކޯޓަކަށް ހާޒިރުވުމަށް އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީ.ޑީ) އިން ހުށަހެޅި ޗާޖުޝީޓަށް ރިއާޔަތްކޮށް، “ޕްރިވެންޝަން އޮފް މަނީ ލޯންޑަރިންގް އެކްޓް” (ޕީ.އެމް.އެލް.އޭ) ކޯޓުން ވަނީ 19 ޖެނުއަރީ 2026 ގައި ކޯޓަށް ހާޒިރުވުމަށް އޭނާއަށް އަންގާފައެވެ. ކޯޓުން މިގޮތަށް އަމުރުކުރީ އީ.ޑީ އިން ހުށަހެޅި ހެކިތަކަށާއި މައްސަލައިގެ ބާވަތަށް ބެލުމަށްފަހުއެވެ.

އިންޑިއާގެ އީ.ޑީ އިން ހުށަހެޅި އިތުރު ތަހުގީގީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، “ގެއިން ބިޓްކޮއިން” ސްކީމްގެ މޭސްތިރިޔާ ކަމަށް ބެލެވޭ، މިހާރު މަރުވެފައިވާ އަމިތު ބަރަދްވާޖްގެ އަތުން ރާޖް ކުންދުރާއަށް 285 ބިޓްކޮއިން ލިބިފައިވެއެވެ. މިއީ ގާތްގަނޑަކަށް 150 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ ފައިސާއަށް އަގުކުރެވޭ މުދަލެކެވެ.

ތަހުގީގީ އިދާރާއިން ތުހުމަތުކުރާ ގޮތުގައި، މި މުދަލަކީ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކްރިޕްޓޯ މައިނިންގ މަޝްރޫއަކާ ގުޅިގެން ހިންގި ޖިނާއީ ކުށްތަކުން ހޯދާފައިވާ ފައިސާއެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި، މި ފައިސާ ކުންދުރާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އީ.ޑީ އިން ތުހުމަތުކުރާ ގޮތުގައި، މި މުއާމަލާތުގައި ކުންދްރާގެ ދައުރަކީ ހަމައެކަނި މެދުވެރިއަކަށް ވުމަށްވުރެ ފުޅާ ދާއިރާއެއްގައި އޮތް ކަމެކެވެ. އެ އިދާރާއިން އޭނާ ފާހަގަކޮށްފައިވަނީ މި ބިޓްކޮއިންތަކުގެ ހަގީގީ މަންފާ ލިބޭ މިލްކުވެރިޔާގެ ގޮތުގައެވެ.

މީގެ އިތުރުން، މި ފައިސާގެ އަސްލު އޮޅުވާލުމަށްޓަކައި، މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ހުރި ޝިލްޕާ ޝެޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފަސް ފްލެޓެއް، ބާޒާރުގެ އަގަށްވުރެ މާ ބޮޑަށް ހެޔޮ އަގެއްގައި ވިއްކާލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އީޑީން ގަބޫލުކުރާ ގޮތުގައި މިއީ ޣައިރު ޤާނޫނީ ގޮތުން ހޯދާފައިވާ މުދަލެއްކަން ފޮރުވުމަށްޓަކައި ހިންގާފައިވާ އަމަލެކެވެ.

“ގެއިން ބިޓްކޮއިން” ގެ މައްސަލަ ފެށިފައިވަނީ، ބަރްދްވާޖް އާއި އެހެން ބައެއް ފަރާތްތަކާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމާއި، އަމާނާތަށް ޚިޔާނާތްތެރިވުމާއި، ޖިނާއީ ރޭވުންތައް ރޭވުމުގެ އިތުރުން، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޓެކްނޮލޮޖީގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ޕޫނޭ އަދި ނަންދޭޑްގެ ފުލުހުންނަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކާ ގުޅިގެންނެވެ. އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީ.ޑީ) އިން ކުރިއަށްގެންދާ ތަންފީޛީ ފިޔަވަޅުތަކުގެ ތެރޭގައި، މި މައްސަލައާ ގުޅުންހުރި އުފުލޭ އަދި ނުއުފުލޭ މުދާ ހިފެހެއްޓުން ހިމެނެއެވެ. މިކަން ވަނީ މީގެ ކުރިން ޕީ.އެމް.އެލް.އޭ އެޑްޖުޑިކޭޓިންގ އޮތޯރިޓީން ކަށަވަރުކޮށްދީފައެވެ.

ކްރިޕްޓޯ ކަރަންސީގެ ބޮޑު މަކަރާއި ހީލަތުގެ މި މުއާމަލާތާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރިން ހިންގި ތަހުގީގުތަކުން ހާމަވިގޮތުގައި، މި ސްކީމްގައި 6،600 ކްރޯޑް ރުޕީސްއަށްވުރެ ގިނަ ފައިސާ ހިމެނެއެވެ. މި ސްކީމަކީ ކްލައުޑް މައިނިންގް މެދުވެރިކޮށް ބޮޑު ފައިދާއެއް ލިބޭނެކަމުގެ އުއްމީދު ދީގެން ގިނަ އަދަދެއްގެ އިންވެސްޓަރުންތަކެއް ޝައުގުވެރި ކުރުވުމަށްފަހު، އެންމެ ފަހުން މުޅި ނިޒާމު ފެއިލްވެ، ގިނަ ބަޔަކަށް ފައިސާ ނުލިބި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު މުއާމަލާތެކެވެ.

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top