ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮގާއި މަކަރުހެދުން – މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް

އިންސާނިއްޔަތާއި އިސްލާމީ ރިވެތި އަޚުލާޤުގެ އެންމެ މުހިންމު އެއް ބަހާއަކީ ތެދުވެރިކަމެވެ. ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމަކީ، މިއަދު މި ރާއްޖޭގައި އިންތިހާއަށް ދޮގުހެދުމާއި މަކަރުވެރިކަން އިސްކުރުމަކީ އާދައިގެ ކަމަކަށް ވެފައިވާ ކަމެވެ. މީސްތަކުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން ކެނޑި، މުޅި މުޖުތަމައު މި ނޭދެވޭ އާދައިގެ ތެރެއަށް ގެނބިފައިވާ މަންޒަރު މިއަދު ފެންނަނީ ނުހަނު ބިރުވެރި މިންވަރަކަށެވެ.

މިކަން މިހާ ބޮޑަށް އާއްމުވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔެވީ ވަގުތީ މަންފާއަށް އިސްކަންދިނުމެވެ. ސިޔާސީ ހަރަކާތްތަކުގައްޔާ، ވިޔަފާރީގެ މުއާމަލާތްތަކުގައްޔާއި، ވަޒީފާގެ މާހައުލުގައި އަދި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ވެސް، ތިމާ ބޭނުންވާ މަގުސަދު ހާސިލުކުރުމަށްޓަކައި ދޮގު ހެދުމަކީ ހުނަރެއްގެ ގޮތުގައި ބައެއް މީހުން މިއަދު ދެކެއެވެ. “އުސޫލެއް ނެތް” މިފަދަ އަމަލުތަކުގެ ސަބަބުން އަނެކާގެ ހައްގަށް އުނިކަން އަންނައިރު ވެސް، އެކަމާ މެދު ފަރުވާލެއް ނުބެހެއްޓުމަކީ އިންސާފުން އެއްކިބާވުމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާއި ހަމައަށް، އެއްވެސް ބިރަކާނުލައި ބޮޑެތި ދޮގުތައް ހަދައި، ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ގުނބޯހެއްދުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. އާއްމު ކަމަކަށް ވެފައެވެ. ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށް ‘ކޮން އާޓިސްޓުން’ތަކެއް ފަދައިން ދުނިޔޭގެ އަޖަލުގައި ޖެހިފައިތިބޭ މި ދެންނެވި ސިޔާސީން ތިބެނީ އެއްވެސް އެއްޗެއް ނޭނގޭ ޖާހިލުންތަކެއް ފަދައިން ނޭނގުމުގެ ކަނޑަކަށް ޣަރަޤުވެވިގެންނެވެ.

ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ކުރިއެރުމަކީ ވެސް ދޮގު ފެތުރުމަށް ހުޅުވިފައިވާ ބޮޑު ދޮރެކެވެ. ސައްހަ ނޫން މައުލޫމާތު ފެތުރުމާއި، ފޭކު އައިޑީތަކުން މީހުންނަށް އޮޅުވާލައިގެން މަކަރު ހެދުމަކީ މިހާރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމެކެވެ. މިއީ ހަމައެކަނި ފަރުދީ ފެންވަރުގައި ނޫން، ގައުމީ ފެންވަރުގައި ވެސް އިޖުތިމާއީ ފޭރާން ހަލާކުކޮށްލާ ކަމެކެވެ. އިތުބާރު ގެއްލުމުގެ ސަބަބުން އާއިލީ ގުޅުންތައް ކެނޑި، އެކަކު އަނެކަކަށް ޝައްކުގެ ނަޒަރުން ބަލަން ޖެހުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ކަމެކެވެ.

އިސްލާމްދީނުގައި ދޮގުހެދުމާއި މަކަރުހެދުމަކީ ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ކަންކަމެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ހަދީޘްކުރައްވާފައިވަނީ “ތެދުވެރިކަން ނަޖާކޮށްދޭނެ” ކަމަށާއި “ދޮގުހެދުން ހަލާކުގެ ތެރެއަށް ވައްޓާލާނެ” ކަމަށެވެ. މުނާފިގުންގެ ސިފަތަކުގެ ތެރޭގައި ވާހަކަދައްކާއިރު ދޮގުހެދުން ހިމެނިގެންވުމީ، މިކަމުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެކެވެ.

މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށްޓަކައި، އެންމެ ފުރަތަމަ ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. ކޮންމެ މީހަކީވެސް ތެދުވެރިކަން އިސްކުރާ މީހަކަށް ވާންޖެހެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ތެދުބަހުން ވާހަކަދެއްކުމުގެ މުހިންމުކަން އުނގަންނައިދީ، އަމަލީ ގޮތުން އެކަން ދައްކަންޖެހެއެވެ. އަދި ދޮގާއި މަކަރުގެ ސަބަބުން ލިބޭ ވަގުތީ ކުރިއެރުމަށްވުރެ، ތެދުވެރިކަމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމާއި ބަރަކާތް ބޮޑުކަން ގަބޫލުކުރަންޖެހެއެވެ.

ނިންމާލަމުން ބުނެވޭނީ، މުޖުތަމައެއްގެ ކުރިއެރުމާއި ބަދަހިކަން ގުޅިފައިވަނީ އެބައެއްގެ މެދުގައި އޮންނަ ތެދުވެރިކަމެއްގެ މައްޗަށެވެ. ދޮގާއި މަކަރަކީ މުޖުތަމައު ފަނާކުރަނިވި ވިހައެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އަމިއްލަ ނަފުސުން ފެށިގެން ތެދުވެރިކަން ގާއިމުކޮށް، ދޮގާއި މަކަރުން ދުރުހެލިވުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެކެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top