އިމްރާން ހާޝްމީގެ “އާވާރާޕަން 2” ރިލީޒްކުރީ “ދުރަންދަރް 2” ދެކެ ބިރުން ނޫންކަމަށް އާވާރާޕަންގެ ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނެފިއެވެ.
މުކޭޝް މިހެން ބުނެފައި މިވަނީ އަންނަ އޭޕްރިލް މަހު 3 ގައި “އާވާރާޕަން 2” ރިލީޒްކުރަން ތާވަލުކޮށްފައި އޮއްވައި، މިހާރުވެސް ސިނަމާތަކުގައި ފަނޑުވުމެއްނެތި ދައްކަމުންދާ “ދުރަންދަރް” ގެ ދެވަނަ ބައި އަޅުވާ ތާރީޚާއި މާ ކައިރިވުމުން އެކަމާ ބިރުންކަމަށް ބުނާ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެވާހަކަތައް ދޮގުކުރަމުން އޭނާ ބުނެފައިވަނީ އޭނާގެ ފިލްމު ލަސްކުރީ އެހެން ފިލްމެއްގެ ސަބަބުން ނޫންކަމަށާއި ލަސްކުރީ ޕާސަނަލް ސަބަބުތަކަކާ ހެދި ކަމަށެވެ.
“ޝޫޓިން ތެރެއިން އިމްރާނަށް ވަނީ އަނިޔާވެފައި. ސާޖަރީއެއް ކުރަން ޖެހޭ. 45 ދުވަސް ވަންދެން އޭނައަށް އެއްވެސް އެކްޝަން މަންޒަރެއް ކުޅުމުގެ ހުއްދައެއް ނެތް. ކުރިއަށް ހުރީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވީމަ އޭނަ ރަނގަޅުވަންދެން މަޑުކުރަން އެބަޖެހޭ.” މުކޭޝް ބުނެފައިވެއެވެ.
ފިލްމުގެ ބާކީ 20 ދުވަހުގެ ޝޫޓިން އެބައޮތެވެ. އެކަމަކު އެބައި ޝޫޓް ކުރެވޭނީ އިމްރާންގެ ސާޖަރީއަށްފަހު އޭނާ މުޅިން ރަނގަޅުވުމުންނެވެ. އެހެންވެ ވަކި ތާރީޚެއް ކަނޑަނާޅައި ރިލީޒްކުރުން ލަސްކުރިއިރު ޓީމުން ލަފާކުރަނީ މެއި މަހު ނުވަތަ ޖޫން މަހު ފިލްމު ރިލީޒްކުރެވޭނެ ކަމަށެވެ.
“އަހަރެން ދުރަންދަރް 2 އަދި ޓޮކްސިކް ދެކެ ބިރެއް ނުގަނޭ.” ބޮކްސް އޮފީހުގެ ވާދަވެރިކަމާއި ބެހޭގޮތުން ސުވާލު ކުރުމުން މުކޭޝް ބުނެފައިވެއެވެ.
“އާވާރާޕަން 2” އަކީ 2007 ވަނަ އަހަރު މޯހިތު ސޫރީ ޑައިރެކްޓްކޮށް ގެނެސްދިން “އާވާރާޕަން” ގެ ސީކުއެލްއެވެ. އިމްރާންއާއެކު ޝްރިޔާ ސަރަން ފެނުނު އެ ފިލްމަކީ ކަލްޓް ފިލްމެއްގެ ދަރަޖަ ދީފައިވާ ފިލްމެކެވެ. މިފަހަރުގެ ފިލްމުގައި އިމްރާންއާއެކު ލީޑުން ފެނިގެންދާނީ ޑީޝާ ޕަޓާނީއެވެ. ޑައިރެކްޓްކުރަނީ ނިތިން ކައްކަރްއެވެ.
