މިއަދުގެ ދުނިޔޭގައި މީސްތަކުންގެ އުނި ސިފަތަކާއި، ކުރެވޭ ކުށްތަކާއި ފާފަތަކަކީ އެކަކު އަނެކަކަށް ނަސޭޙަތްތެރިވެ، އެކަންކަން ފޮރުވައިދިނުމުގެ ބަދަލުގައި، މުނިފޫހިފިލުވުމުގެ ވަސީލަތަކަށް ވަނީ ވެފައެވެ. މީސްތަކުންގެ ސަމާލުކަން ހޯދުމަށް ފެންބޮވައިގެންފައިވާ މި ޒަމާނުގައި، ﷲ ތަޢާލާ އިންސާނާގެ ކިބައިން ފޮރުއްވާފައިވާ ކަންކަން ހާމަކޮށް، މުޅި ދުނިޔެއަށް ފަޟީޙަތްކުރުމަކީ ގިނަ ބަޔަކަށް ލިބޭ އުފަލަކަށް ވަނީ ވެފައެވެ. މީހެއްގެ އެންމެ ބަލިކަށި ވަގުތު، “ލައިކް” އާއި “ވިއުސް” ހޯދުމަށްޓަކައި ކޮންޓެންޓަކަށް ހަދައި، މަލާމާތާއި ފުރައްސާރައިގެ އަމާޒަކަށް ހަދާއިރު، އެއީ ހިތާމަވެރި ހާލަތެއްގައިވާ އިންސާނެއްކަން މިއަދު ގިނަ ބަޔަކު ހަނދާން ނެތިއްޖެއެވެ.
އަޅުގަނޑުމެން ހަނދާން ނެތުނީ ހެއްޔެވެ؟ ކޮންމެ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ތަޢާލާ، ހާލަތު ބަދަލުކުރެއްވުމަށް ކުޅަދުންވަންތައެވެ. މިއަދު އަޅުގަނޑުމެން މީހެއްގެ ކުށަކަށް މަލާމާތްކޮށް، އެމީހަކު ލަދުގަންނުވާއިރު، މާދަމާ ހަމަ އެ ކުށުން ނުވަތަ އެއަށްވުރެ ބޮޑު ކަމަކުން އަޅުގަނޑުމެން ނުވަތަ އަޅުގަނޑުމެންގެ ލޯބިވާ މީހަކު އިމްތިހާނު ކުރެވިދާނެއެވެ. ﷲ އީ އިންސާފުވެރި ރަސްކަލާނގެއެވެ. އެކަލާނގެ އިންސާފުން އެއްވެސް ކަމެއް ބޭރުވެގެން ނުދެއެވެ. އަޅުގަނޑުމެންގެ އުނި ސިފަތައް ފޮރުވިފައި ހުރުމަކީ އަޅުގަނޑުމެންގެ ތާހިރުކަމުގެ ހެއްކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ބަހައްޓަވާ އޯގާވެރިކަމާއި ރަޙުމަތުގެ ނިޝާނެކެވެ.
މިއަދު މުޖުތަމައުން ކެތްތެރިކަމާއި، ހިތްތިރިކަމާއި، ރަޙުމްކުރުން މިވަނީ ބީވެފައެވެ. ކީރިތި ރަސޫލާ ﷺ އުނގަންނައިދެއްވާފައިވަނީ މީސްތަކުންގެ އުނި ސިފަތައް ފޮރުވައިދިނުމަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ލޯބިވެތިވެގެންވާ އަމަލެއް ކަމުގައެވެ. ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. “މުސްލިމެއްގެ އުނި ސިފައެއް ފޮރުވައިދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ އެމީހެއްގެ އުނި ސިފަތައް ފޮރުވައިދެއްވާނެއެވެ.” އެހެންކަމުން، “ޒިންމާދާރުކުރުވުން” ނުވަތަ “އިންސާފު ހޯދައިދިނުމުގެ” ނަމުގައި މީހުން ފަޟީޙަތްކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކުރިން އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަޑުޖެހިލައި ވިސްނާލަން ޖެހެއެވެ.
މީހެއްގެ ފާފައެއް ނުވަތަ ކުށެއް ހާމަކުރުމަކީ އޭގެ ސަބަބުން އެމީހަކު ތައުބާވެ އިސްލާހުވާނެ ކަމެއް ނޫނެވެ. ގިނަ ފަހަރަށް އޭގެ ނަތީޖާއަކަށް ވަނީ އެމީހަކު އިތުރަށް ބާކީވެ، ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރުމެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ލަދުގަންނުވައި ފަޟީޙަތްކުރުމަކީ އިންސާފެއް ނޫނެވެ. އެއީ މުނިފޫހިފިލުވުމުގެ ނަމުގައި ކުރެވޭ އަނިޔާވެރި އަމަލެކެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވާފައިވެއެވެ. “ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރިޔަސް، ނުވަތަ އެކަން ވަންހަނާކުރިޔަސް، ނުވަތަ ނުބައިކަމަކަށް މާފުކުރިޔަސް، ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން މާފުކުރައްވާ، ކޮންމެކަމަކަށްމެ ކުޅަދުންވަންތަ ކަލަކު ކަމުގައިވެއެވެ.” (ސޫރަތުއްނިސާ: 149). މީސްތަކުން ފަޟީޙަތްކުރުމަށްވުރެ، މާފުކުރުމާއި، އޯގާވެރިވުމާއި، އަމިއްލަ ނަފްސު ހިފެހެއްޓުން ﷲ ތަޢާލާގެ ހަޟްރަތަށް މާ ގާތްވެގެންވެއެވެ. މުޖުތަމައު އިސްލާހުވާނީ އެކަކު އަނެކަކަށް އިޙުތިރާމްކޮށް، އުނި ސިފަތައް ފޮރުވައިދީގެންނެވެ.
