ލިޔާނާ އޭނާގެ ކޯތާފަތް ފޮހެލިއެވެ. “ހަމައެކަނި ލޯތްބަކުން ނުފުދޭ، އަޔާން.”
“އަހަންނަށް އެނގޭ.”
“އެހެންވިއްޔާ ސާބިތުކޮށްދީ.”
އޭނާ ބޯޖަހައިލިއެވެ. “އަހަރެން ސާބިތުކޮށްދޭނަން.”
ލިޔާނާ ފަސްއެނބުރި ބެލުމެއްނެތި ހިނގައިގަތެވެ. އަދި މިފަހަރު، އަޔާން އޭނާގެ ފަހަތަކުން ނުދެއެވެ.
*****
ހަމަސް ދުވަސް ފާއިތުވެގެން ދިޔައެވެ. ރަޝީދުގެ މާލީ މުއާމަލާތްތަކުގެ ތަހުޤީޤު ކުރިއަށް ދިޔައެވެ. އަޔާންގެ އާއިލާގެ ޤާނޫނީ މައްސަލަތައް އެންމެ ފަހުން ހައްލުވަމުން އައިސް، އޭނާ ވަނީ ބަނދަރު ކައިރީގައި ކުޑަ އިންޖީނު މަރާމާތުކުރާ ވޯކްޝޮޕެއް ހުޅުވާފައެވެ. އޭނާ އިރުއޮއްސި އަނދިރިވަންދެން މަސައްކަތްކޮށް، އިންޖީނުތައް މަރާމާތުކޮށް، ރަށުގެ މަސްވެރިންނަށް އެހީތެރިވަމުން ދިޔައެވެ.
ލިޔާނާ ވަނީ ގެސްޓްހައުސްގެ ވަޒީފާ ދޫކޮށްލުމަށްފަހު މާލޭގައި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކޯހެއްގައި ބައިވެރިވެފައެވެ. ބަންދު ދުވަސްވަރު އޭނާ މާފުށްޓަށް ޒިޔާރަތްކުރި ނަމަވެސް، އޭނާއާއި އަޔާން ވާހަކަދައްކަނީ ވަރަށް މަދުންނެވެ.
އެއް ހުކުރު ދުވަހެއްގެ އިރުއޮއްސުނު ވަގުތު، އަޔާންގެ ވޯކްޝޮޕް ދޮރުގެ ދަށުން ކުޑަ ސިޓީއުރައެއް ފެނުނެވެ. އޭގެ ބޭރުގައި އޭނާގެ ނަން ލިޔެފައިވަނީ ފަރިތަ އަތުލިޔުމަކުންނެވެ. އެތެރޭގައި އޮތީ ސާފު ނޫ އުޑެއްގެ ދަށުގައި، ފިނޮޅުމަތީގައި ދެމީހުން އެކުގައި ހިނިތުންވެފައި ތިބި ފޮޓޯއެކެވެ.
ފޮޓޯގެ ފުރަގަހުގައި ލިޔާނާ ލިޔެފައި އޮތެވެ. “ލޯތްބަކީ ދުވަހަކުވެސް ދޫކޮށްނުލުން ކަމަށް އަހަރެން ކުރިން ޤަބޫލުކުރީމެވެ. އެކަމަކު މިހާރު އަހަންނަށް ވިސްނެނީ ލޯތްބަކީ އަނެކާއަށް ފަސޭހަވުމަށްޓަކައި މިނިވަންކަން ދިނުންވެސް މެއެވެ. އަހަރެންގެ އިންޓަރންޝިޕަށް އަންނަ ހަފުތާގައި މާލެ ފުރަމެވެ. މުސްތަޤުބަލުގައި ވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެން ބޭނުންވަނީ އަޔާން މިކަން ހަނދާން ބެހެއްޓުމެވެ. ތިޔައީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަދި އަބަދުވެސް އަހަރެންގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ތި ހަނދާންތައް ވާނެއެވެ.”
އަކުރުތައް ފުސްވަންދެން އޭނާ އެ ލިޔުންކޮޅު ކިޔެވެ. އެރޭ، އޭނާ ގޮނޑުދޮށުގައި އެކަނިމާއެކަނި ހިނގާލިއެވެ. ތަރިތައް ކަނޑުގެ މަތީގައި ފިޔަޖަހަމުން ދިޔައިރު، ރާޅުތަކުގެ މައްޗަށް ހަނދުގެ ރިހި އަލިކަމެއް ފެތުރިފައި އޮތެވެ. ދުރުން ކޮންމެވެސް މަސްދޯންޏެއްގެ އިންޖީނު އަޑު އިވެމުން ދިޔައެވެ.
އަޔާން ވެލިގަނޑުމަތީގައި އިށީނދެ، އޭނާ ވީ ވަޢުދު ހަނދާންކުރިއެވެ. “އަހަރެން ދުވަހަކުވެސް ލިޔާނާދެކެ ލޯބިވުން ހުއްޓައެއް ނުލާނަން.”
މީހަކުދެކެ ލޯބިވުމަކީ އެމީހެއްގެ ގައިގައި ބާރަށް ހިފެހެއްޓުން ކަމަށް އޭނާއަށް ކުރިން ވިސްނުނެވެ. އެކަމަކު މިހާރު އޭނާއަށް ވިސްނެނީ، އެއީ ތިމާގެ އަމިއްލަ ކުށްތަކުން ލިބުނު ވޭން ޤަބޫލުކުރުންވެސް މެއެވެ.
އޭނާ ދެލޯ މަރާލިއެވެ. “ލިޔާނާ.”
އޭނާ ވައިރޯޅީގެ ތެރެއަށް މަޑުމަޑުން ބުންޏެވެ. “މައުސޫމު ހިތަކަށް ލިބޭ އަދަބަކީ މިއީ ކަމުގައި ވަނީނަމަ، އަހަރެން މި އަދަބު އުފުލަން ތައްޔާރު. އެކަމަކު ހެޔޮނުވާނެ، އޭނާއަށް އުފާވެރިކަން މިންވަރުކުރައްވާށި!”
ތިން ހަފުތާ ފަހުން، އެއްވެސް އިންޒާރަކާ ނުލައި ލިޔާނާ މާފުށްޓަށް އެނބުރި އައެވެ. އަޔާން އޭނާގެ ވޯކްޝޮޕް ބަންދުކުރަމުން ދަނިކޮށް، މީހަކު އޭނާގެ ނަމުން ގޮވައިލި އަޑު އިވުނެވެ. އޭނާ އެނބުރި ބަލައިލިއެވެ. ދޮރުމަތީގައި ކުޑަ ދަތުރު ދަބަހެއް ހިފައިގެން ހުރީ ލިޔާނާއެވެ.
ވަގުތުކޮޅަކަށް، އެ ދެމީހުންކުރެ އެކަކުވެސް ގުޑައިވެސް ނުލައި ތިއްބެވެ. ދެން ލިޔާނާ މަޑުމަޑުން ހިނިތުންވެލިއެވެ.
“ބިޒީތަ؟”
އަޔާން ބޯ ހޫރައިލިއެވެ. “ދެން ބިޒީއެއް ނޫން.”
އެމީހުން އެކުގައި އަތިރިމައްޗާ ދިމާއަށް ހިނގައިގަތެވެ. ރޭގަނޑުގެ ވައިރޯޅި ތާޒާއެވެ. ލޮނުގެ މީރުވަހާއި ރުއްތަކުގެ ވަސް ގޮނޑުދޮށަށް ފެތުރިފައި އޮތެވެ. ހަނދުގެ އަލީގައި ރާޅުތައް މަޑުމަޑުން ބީއްސަމުން ދިޔައެވެ.
“އަހަންނަށް އިންޓަރންޝިޕް ލިބިއްޖެ.” ލިޔާނާ ބުންޏެވެ.
“ތީ ވަރަށް އުފާވެރި ޚަބަރެއް.”
“އަދި އިތުރު ވާހަކައެއްވެސް ބުނަން އެބައޮތް.”
އަޔާން އޭނާއަށް ބަލައިލިއެވެ. “އަހަރެން މިއިނީ އަޑުއަހަން.”
ލިޔާނާ ފަސްޖެހިލިއެވެ. “ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު، އަހަންނަށް ހީވީ އަހަރެން ޖެހޭނީ އަޔާން މަތިން ހަނދާންނައްތާލަން ކަމަށް. އެކަމަކު އަހަންނަކަށް އެކަމެއް ނުވި. އަހަރެން އަޔާންދެކެ ރުޅިއަންނަން މަސައްކަތްކުރިން. އެކަމަކު އަހަރެންގެ އާއިލާއާމެދު އަޔާން ބެހެއްޓި އޯގާތެރިކަމާއި، އަހަރެން ހެއްވާލި ގޮތްތައް ހަނދާންވާ ކޮންމެ ފަހަރަކު، އަހަންނަށް އިޙުސާސްވީ އަހަރެންގެ ހިތުގައި އޮތް އެއްޗަކީ ހަމައެކަނި ރުޅިވެރިކަމަށްވުރެ މާ ފުން އިޙުސާސެއްކަން.”
އަޔާންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. “ލިޔާނާ..”
“އަހަރެންގެ ވާހަކަ މެދުކަނޑައިނުލާ.”
އޭނާ ހާސްކަމާއެކު ހީނލިއެވެ. ލިޔާނާ ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ.
“އަހަރެމެންނަށް ކުރީގެ ގޮތަށް އެނބުރި ދެވިދާނެ ކަމެއް އަހަންނަކަށް ނޭނގެ. އެއްވެސް ކަމެއް ނުވާކަމަށް ހަދާކަށްވެސް އަހަރެން ބޭނުމެއް ނޫން. އެކަމަކު، ލަސްލަހުން އަލުން ފަށަން އަޔާން ތައްޔާރު ކަމަށްވަންޏާ، އަހަރެން ބޭނުން އަލުން މަސައްކަތްކޮށްލަން.”
އަޔާން އޭނާއަށް ބަލަހައްޓައިގެން ހުރީ އަޑުއިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ. “ޔަޤީންތަ؟”
“ނޫން. އަހަރެން ވަރަށް ބިރުގަނޭ.”
އަޔާން ކަރުނައިގެ ތެރެއިން މަޑުމަޑުން ހީނލިއެވެ. “އަހަރެންވެސް.”
ލިޔާނާ އޭނާގެ އަތް ދިއްކޮށްލިއެވެ. “އެހެންވިއްޔާ އެކުގައި ބިރުގަންނަން ހިނގާ.”
އަޔާން ވަރަށް އަގުބޮޑު، އަދި ދުވަހަކުވެސް ބަދަލު ނުލިބޭނެ ފަދަ އެއްޗެއްގައި ހިފަހައްޓާ ފަދައިން، މަޑުމަޑުން އޭނާގެ އަތުގައި ހިފިއެވެ.
އެމީހުން ހަނދުގެ އަލީގައި ކަނޑުގެ އަޑު އަހަން ތިއްބެވެ. އެރޭ އެއްވެސް ބޮޑު ވަޢުދެއް ނުވެއެވެ. އަބަދުގެ އަބަދަށް ލިބޭނެ އުފާވެރިކަމުގެ އަހުދެއްވެސް ނުވެއެވެ. ލޯތްބަކީ ކޮންމެ ތޫފާނަކުން އެމީހުން ސަލާމަތްކޮށްދޭނެ އެއްޗެއް ނޫންކަން އެނގޭ ވަރަށް، ހިތްހަލާކުވުމުގެ ވޭން އެމީހުންނަށް ވަނީ ތަޙައްމަލުކުރަން ޖެހިފައެވެ.
އޭގެ ބަދަލުގައި، އެމީހުން ވީ މާ ކުޑަ ވަޢުދެކެވެ. ތެދުބަހުން ވާހަކަދެއްކުމަށެވެ. އަނެކާގެ އަޑުއެހުމަށެވެ. އަދި ދުވަހަކުވެސް ހަމަހިމޭންކަން ހަތިޔާރަކަށް ހެދިޔަނުދިނުމަށެވެ.
އެންމެ ފަހުން އަޔާން، ލިޔާނާ ގެއަށް ލައިދޭން ހިނގައިގަނެ، އޭނާގެ ގޭގެ ދޮރާށި ކައިރީގައި މަޑުކޮށްލިއެވެ.
“އެންމެ ފަހު ވާހަކަ.” އަޔާން ބުންޏެވެ.
ލިޔާނާ އެނބުރުނެވެ. “ކޮން ވާހަކައެއް؟”
އޭނާ ހިތާމަވެރި ހިނިތުންވުމަކާއެކު ބުންޏެވެ. “ދިރިއުޅުން އަހަރެމެން ދެމީހުން ދެ ދިމާއަކަށް ގެންދިޔަކަމުގައި ވިޔަސް، ތީ އަބަދުވެސް މި ޙަޔާތުގައި އަހަރެން ހޯދި ހަމައެކަނި ޚާއްސަ މީހާ.”
ލިޔާނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭނާ ކުރިއަށް ޖެހިލައި، އަޔާންގެ ނިތްކުރީގައި އޭނާގެ ނިތްކުރި ޖައްސައިލިއެވެ.
“އަދި ތީ ލޯތްބަކީ ކިހާ ރީތި އެއްޗެއްކަމާއި އަދި އެއީ ކިހާ ވޭންދެނިވި އެއްޗަކަށް ވެދާނެކަން އަހަންނަށް ދަސްކޮށްދިން ހަމައެކަނި ފަރާތް.”
ހަމަހިމޭން ދިވެހިރާއްޖޭގެ ރޭގަނޑުގެ ހިޔަލުގައި އެ ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ.
ދުރުން، އޮއިވަރު ބަދަލުވަމުން ދިޔައެވެ. ކަނޑަކީ އެމީހުންގެ ފުރަތަމަ ބޮސްދިނުމާއި، ވަކިވުމާއި، އަދި އަލުން ގުޅުމުގެ ހެކިވެރިޔާއެވެ. އެއްވެސް މީހަކަށް އެމީހުންގެ ސިއްރުތައް ހާމަނުކޮށް، އެ ކަނޑު ވަނީ އެމީހުންގެ ކަރުނަތައް އޭގެ އުނގަށް ޖަމާކޮށްފައެވެ.
ރާޅުތައް ގޮނޑުދޮށުގައި ބީއްސަމުން ދިޔައިރު، ކުރިން ދުވަހަކުވެސް ނުވިސްނޭ މިންވަރަށް އަޔާންއަށް ކަމެއް ވިސްނުނެވެ. ބައެއް މީހުން އަހަރެމެންގެ ޙަޔާތަށް އަންނަނީ ލޯބީގެ އިޙުސާސަކީ ކޮބައިކަން ދަސްކޮށްދޭށެވެ. އަނެއްބަޔަކު ދަސްކޮށްދެނީ އޭގެ އަގަކީ ކޮބައިކަމެވެ. ނަމަވެސް އެންމެ ނާދިރު ލޯތްބަކީ، ޚިޔާނާތާއި ހިތްދަތިކަމަށްފަހުވެސް، އަލުން ފެށުމުގެ ހިތްވަރު ހޯދާ ލޯތްބެވެ.
އަދި ބައެއް ފަހަރު، އެންމެ ބާރުގަދަ ވަޢުދަކީ މަރުގެ އެންމެ ފަހު ނޭވާއާ ހަމައަށް ލޯބިވާނެކަމަށް ވާ ވަޢުދެއް ނޫނެވެ. އެއީ، ހަށިގަނޑުގައި ފުރާނަ ހުރިހައި ހިނދަކު، އެމީހަކު ތިމާއަށް ދިން ލޯތްބަށް ޙައްޤުވާ މީހަކަށް ވުމަށް ކުރާ މަސައްކަތް ދުވަހަކުވެސް ހުއްޓައިނުލާނެކަމަށް ވާ ވަޢުދެވެ.
(ނިމުނީ)
