އޮފީހުގެ މީހުން އޭނާ މާ ވަރުބަލިވެފައި ހުންނަނީ ކީއްވެތޯ އެހުމުން، އޭނާ ބުނަނީ މަސައްކަތް ގިނައީ ކަމަށެވެ. ނަހީޒަށް އޭނާގެ އަތުކުރީގައި ހުރި ނިޝާނެއް ފެނުމުން، ޒާހިލް ބުނީ ކޮތަޅުތަކެއް ހިފައިގެން އަންނަނިކޮށް ކުޑަކޮށް ކަހާލީ ކަމަށެވެ.
ނަހީޒް ވަރަށް ގިނައިރު ޒާހިލަށް ބަލަހައްޓައިގެން ހުއްޓެވެ. “ޒާހިލް، އަހަރެން ކައިރީގައި ކޮންމެ ވާހަކައެއްވެސް ދެއްކިދާނެކަން އެނގޭ ދޯ؟”
ޒާހިލް ގަދަކަމުން ހީނލިއެވެ. “ކޮން ވާހަކައެއް ދައްކަންވީ؟ އަހަރެންގެ އަންހެނުން ކައްކާ އެއްޗެހި މީރު ނޫން ވާހަކަ ދޯ؟”
ނަހީޒް ހިންޏެއް ނައެވެ. ނަމަވެސް އިތުރަކަށް ސުވާލެއްވެސް ނުކުރެއެވެ.
ފަހުން ޒާހިލް ހިތަށް އެރިއެވެ. އެދުވަހު އެ ވާހަކަ ދެއްކުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަމިއްލަ ގެއަށް ދާން އޭނާ ބިރުގަންނަ ވާހަކަ ނަހީޒް ގާތު ބުނެވުނީހެވެ. ގެއަށް ވަނުމުގެ ކުރިން، ގޭތެރޭގައި ވާނެ ގޮތެއް ނޭނގޭތީ، ހިތްހަމަޖައްސާލަން ކާރުތެރޭގައި އެތައް އިރަކު އިށީނދެގެން އިންނަ ވާހަކަ ބުނެވުނީހެވެ. ނަމަވެސް، އޭނާ ގެއަށް ވަނީއެވެ. އެއީ ދަރިންގެ ޙައްޤުގައެވެ. ގެއިން ނުކުމެގެން ދާން ހިތަށްއަރާ ކޮންމެ ފަހަރަކު އޭނާ އަމިއްލަ ނަފްސަށް ބުނަނީ އެހެންނެވެ.
މާހީ ސްކޫލަށް ދާން ފަށައިފިއެވެ. ރިޝާންވެސް ދަނީ ބޮޑުވަމުންނެވެ. ހާލަތު ރަނގަޅު ދުވަސްވަރު ދެ ކުދިންވެސް އެމީހުންގެ މަންމަދެކެ ވަރަށް ލޯބިވެއެވެ. ޔަސްނާއަކީ މަޖާ، އަޅާލާ މަންމައެކެވެ. މާހީގެ އިސްތަށިގަނޑު ގަތައިދީ، ރިޝާންއަށް ކުދި ކާރު ގަނެދީ، ރޭގަނޑު ގަޑީގައި ކުދިންގެ ފިލާވަޅުތައް ހެދުމުގައި ޔަސްނާ އެހީތެރިވެދެއެވެ. އެފަދަ ރޭރޭ ބަދިގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރެ ޒާހިލް ބަލަހައްޓައިގެން ހުރެއެވެ. އޭނާ އުންމީދު ކުރަނީ އޭނާ ކުރިން އޭނާ ދެނެގަތް އަދި މިހާރު އޭނާ ބިރުގަންނަވާ އެ އަންހެންމީހާގެ އެތެރޭގައި، އޭނާ ކައިވެނިކުރި ލޯބިވާ ޔަސްނާ އަދިވެސް ކޮންމެވެސް ތަނެއްގައި ހުންނާނެ ކަމަށެވެ.
ވަކިވުމުން ދަރިންނަށް ކުރާނެ އަސަރު، ގޭތެރޭގައި ހިނގާ އަނިޔާވެރިކަމަށްވުރެ ބޮޑުވެދާނެތީ އޭނާ ކަންބޮޑުވެއެވެ. އާއިލާގެ މީހުން ބުނާނެ އެއްޗަކާއި، ޔަސްނާ ދަރިން އޭނާއާ ދެކޮޅަށް އަނބުރާލަފާނެތީއާއި، ކައިވެނި ރޫޅިއްޖެނަމަ ދަރިން ފެންނާނެ ގޮތެއް އޮންނާނެތޯ އޭނާ ފިކުރުކުރެއެވެ.
އެންމެ ބޮޑު ބިރަކީ، އެއްވެސް މީހަކު އޭނާގެ ވާހަކަ ޤަބޫލުނުކޮށްފާނެތީއެވެ. އޭނާއަކީ ފިރިހެނެކެވެ. ޔަސްނާއަކީ އަންހެނެކެވެ. ވަށައިގެން ތިބި މީހުންގެ ނަޒަރުގައި، މި ވާހަކައިގެ ނިމުން އޮތީ މާ ކުރިން ލިޔެވިފައެވެ.
ފިރިއަކު ހަޅޭއްލަވައިފިނަމަ، މީހުން ބުނަނީ އެއީ އަނިޔާވެރިކަން ކަމަށެވެ. އަނބިމީހާ ހަޅޭއްލަވައިފިނަމަ، މީހުން ބުނަނީ އެއީ ނަފްސާނީ ބުރަބޮޑުވުން ނުވަތަ ސްޓްރެސް ކަމަށެވެ. ފިރިހެނަކު އޭނާގެ އަނބިމީހާގެ ގައިގައި ޖަހައިފިނަމަ، އެއީ ނުރައްކާތެރި މީހެކެވެ. ނަމަވެސް އަންހެނަކު އޭނާގެ ފިރިމީހާގެ ގައިގައި ޖަހައިފިނަމަ، އެއީ މަލާމާތުގެ ޖޯކަކަށް ވެދެއެވެ. ޒާހިލަށް މިފަދަ އެތައް މަލާމާތެއް ފެނިފައިވުމުން، މި ވާހަކަ ދެއްކުމުގެ އަގަކީ ކޮބައިކަން އޭނާއަށް ވަރަށް ސާފުކޮށް އެނގެއެވެ. އެހެންނަމަވެސް، ކަންކަން ކޮންޓްރޯލް ކުރެވޭކަމަށް ހެދިގެން އިތުރަށް ނުހުރެވޭނެ ރެއެއް އައެވެ.
އެކަން ހިނގީ ކުދިން ނިދި ފަހުންނެވެ. ޒާހިލް ޔަސްނާއާއެކު ފިހާރައަކަށް ދާން ވަޢުދުވެފައި އޮތް ނަމަވެސް، އޮފީހުގެ ކުއްލި ކަމެއް ދިމާވެގެން ލަސްވުމުން ޔަސްނާ ވަރަށް ބޮޑަށް ރުޅިއައެވެ. ޒާހިލް އާއިލާއަށްވުރެ ބޮޑަށް އޮފީހުގެ މީހުންނަށް އިސްކަންދޭކަމަށް ބުނެ ޔަސްނާ ތުހުމަތު ކުރިއެވެ. ޒާހިލް މައާފަށް އެދި، ޖެހިގެން އަންނަ ދުވަހު ދާން ބުނެ، މަޑުމަޑުން ވާހަކަދައްކައިގެން އެކަން ހައްލުކުރަން އުޅުނެވެ.
ޔަސްނާ ޒާހިލްގެ ފޯނު އަތުލައި ކޮޓަރީގެ އެއްކޮޅަށް އެއްލާލިއެވެ. ފޯނު ގޮސް ޖެހުނީ ފާރުގައެވެ. އެއަށްފަހު ސޯފާގެ ފަހަތަށް ވެއްޓުނެވެ.
“ކަލޭ ތިއީ އަބަދުވެސް އުޒުރު ދައްކާ މީހެއް!”
“ޔަސްނާ، ޕްލީޒް..”
“އަހަރެން ގާތު ހަމަޖެހޭށޭ ނުބުނާތި!”
“އަހަރެން ނުބުނަން..”
ޔަސްނާ އޭނާ ކޮށްޕާލިއެވެ. އޭނާ ގޮސް ކާމޭޒުގައި ޖެހި، ގޮނޑިއެއް ބިންމައްޗަށް ވެއްޓުނެވެ. އެ އަޑަށް ރިޝާން ހޭލައިގެން ރޯން ފެށިއެވެ. ޒާހިލް ވަގުތުން ދަރިފުޅާ ދިމާލަށް އެނބުރުނެވެ.
“ބަލާބަލަ ކަލޭ ތިކުރި ކަމެއް!” ޔަސްނާ ހަޅޭއްލަވައިގަތެވެ.
ޒާހިލް ޔަސްނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކައިވެނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭނާގެ އެތެރެހަށިން ކޮންމެވެސް ކަމެއް ބަދަލުވިކަމުގެ އިޙުސާސް ކުރެވުނެވެ. އެއީ ހަމައެކަނި ރުޅިއެއް ނޫނެވެ. އެއީ އެހާ ގިނަ ފަހަރު މައާފަށް އެދުމުގެ ސަބަބުން، މައާފަށް އެދެނީ ކޮން ކަމަކަށްކަންވެސް ހަނދާން ނެތިފައިވާ މީހެއްގެ ވަރުބަލިކަމެވެ.
އޭނާ ކޮޓަރިއަށް ވަދެ، ރިޝާން އަތްމައްޗަށް ނަގައިގެން ސިޓިންގްރޫމަށް ނުކުތެވެ. މާހީވެސް އިނީ ހޭލައެވެ. ބިރުން ގޮސް ބޮޑުވެފައިވާ ލޮލަކާއެކު ރަޖާގަނޑުގެ ތެރޭގައި އޭނާ އިނެވެ.
“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ބައްޕަ މިހުރީނު.” ޒާހިލް މަޑުމަޑުން ބުންޏެވެ.
ނަމަވެސް އޭނާގެ އަތް ތުރުތުރުލަމުން ދިޔައެވެ. އޭނާ ދެ ކުދިން އެކުގައި ބައިތިއްބާފައި ސިޓިންގްރޫމަށް ދިޔައެވެ. ޔަސްނާ އަދިވެސް ހުރީ ހަޅޭއްލަވާށެވެ.
އޭނާ ހަލާކުވެފައިވާ ފޯނަށް ބަލާލިއެވެ. ދެން ކުދިންނަށް ބަލާލިއެވެ. އެއަށްފަހު އޭނާގެ އަނބިމީހާއަށް ބަލާލިއެވެ. ހިމޭނުން ހުރުމަކީ ކެތްތެރިކަން ކަމުގައި ޤަބޫލުކުރެވޭ ހިސާބަށްވުރެ ކަންކަން ބޮޑުވެއްޖެކަން އޭނާއަށް ވިސްނުނެވެ. މިހާރު އެ ހިމޭންކަމަކީ މި އަނިޔާވެރިކަމުގައި އޭނާވެސް ބައިވެރިވުން ކަމުގައި އޭނާއަށް އިޙުސާސް ކުރެވުނެވެ.
އެރޭ، ކުދިން ނިދައި، ޔަސްނާ ކޮޓަރިއަށް ވަން ފަހުން، ޒާހިލް އެކަނިމާއެކަނި ބެލްކަނީގައި އިށީނދެލިއެވެ. ރަށުތެރެ އޮތީ ހަމަހިމޭންވެފައެވެ. ނަމަވެސް އެއީ ފުރިހަމަ ހަމަހިމޭންކަމެއް ނޫނެވެ. މަގުމަތިން ސައިކަލެއް ދިޔަ އަޑު އިވެއެވެ. ކޮންމެވެސް ގެއެއްގެ ހުޅުވާފައި ހުރި ކުޑަދޮރަކުން ޓީވީގެ އަޑު އިވެމުން ދިޔައެވެ. ތެތްފިނި ރޭގަނޑުގެ ވައިރޯޅިތައް އޭނާގެ ހަންގަނޑުގައި ބީހެމުން ދިޔައިރު، ބަނދަރުގެ ތޮށިގަނޑުގައި ރާޅުޖަހާ އަޑު ފިޔަވައި ކަނޑުގެ އެއްވެސް މަންޒަރެއް ނުފެނެއެވެ.
އޭނާ ވަތްގަނޑެއްގައި ބާއްވާފައި އޮތް ބާ ފޯނެއް ނަގައި، އެހީތެރިކަން ހޯދޭނެ ނަންބަރެއް އިންޓަރނެޓުން ހޯދިއެވެ. އޭނާގެ އިނގިލިތައް ސްކްރީނާ ދިމާލަށް ހުއްޓިފައި ހުއްޓެވެ. އޭނާ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އަންހެނުން ގައިގައި ޖެހުމުން، ގެވެށި އަނިޔާގެ އެހީއަށް ގޮވާލާ ހޮޓްލައިނަށް ގުޅާނީ ކޮން ކަހަލަ ފިރިހެނެއް ހެއްޔެވެ؟ އޭނާއަށް މަލާމާތްކޮށް، އެފަދަ ކަމެއް ވާން ދިމާވީ ކޮން ކަމެއް ކޮށްގެންތޯ ސުވާލުކޮށް، ފިރިހެނަކަށް ވާން ނަސޭހަތްދޭ މީހަކު ހުރެދާނެ ކަމަށް އޭނާ ހީކުރިއެވެ.
އޭނާ ފޯނު ބާއްވަން އުޅުނެވެ. ނަމަވެސް އެ ވަގުތު މާހީ ބިރުން ރަޖާގަނޑު ދަށުގައި އިށީނދެގެން، މަންމަ ރުޅިއައީ ކީއްވެގެންތޯ ވިސްނަން އިން މަންޒަރު ހަނދާންވިއެވެ.
އޭނާ ގުޅާލިއެވެ. އެތައް ފަހަރަކު ރިންގުވުމަށްފަހު އަންހެނަކު ފޯނު ނެގިއެވެ.
“ހަލޯ، ކިހިނެއްތޯ އެހީތެރިވެދެވޭނީ؟”
ޒާހިލް ކަރުކެހިލިއެވެ. “އަހަންނަށް މި ގުޅުނީ ރަނގަޅު ތަނަކަށް ކަމެއް ނޭނގެ.”
“މައްސަލައެއް ނެތް. ތީ ކޮން ބޭފުޅެއްތޯ؟”
“ޒާހިލް.”
“އެންމެ ރަނގަޅު. ވާގޮތް ކިޔައިދީ.”
ޒާހިލް ކުރިމަތީގައި ހުރި އަނދިރި ކުޑަދޮރަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެންގެ އަންހެނުން ބައެއް ފަހަރު ވަރަށް އަނިޔާވެރިވޭ.”
ކުޑަ ހިމޭންކަމެއް އައެވެ. ޒާހިލް އަވަސްއަވަހަށް ކިޔައިދޭން ފެށިއެވެ. “ހަޅޭއްލަވައި، އެއްޗެހި އުކައި، ބައެއް ފަހަރު އަހަރެންގެ ގައިގައި ޖަހާ. އަހަރެން ރައްދުގައި ނުޖަހަން. އަހަރެމެންގެ ދެ ކުދިން ތިބޭ. ހަދާނެ ގޮތެއް ނޭނގިގެން މި ގުޅީ.”
އެ އަންހެންމީހާ ވަގުތުން ޖަވާބެއް ނުދިނެވެ. ޒާހިލްގެ ގަމީހުގެ ގިރުވާނުގެ އެތެރެއިން ދާހިއްލަން ފެށިއެވެ.
“މިކަން ހިނގަނީ ކިހާ ވަރަކަށް؟” އެންމެ ފަހުން އޭނާ އެހިއެވެ.
“ފަހަކަށް އައިސް ވަރަށް ގިނައިން.”
“އޭނާ އަނިޔާވެރިވާ ވަގުތު ޒާހިލް ކިހިނެއް ހަދަނީ؟”
“އަހަރެން ބަލަނީ އޭނާ ހަމަޖެއްސޭތޯ. ފުރުސަތު ލިބުނުހާ އަވަހަކަށް ކުދިން ގޮވައިގެން އެހެން ކޮޓަރިއަކަށް ވަންނަން.”
“ޒާހިލްގެ ސަބަބުން އޭނާ އެހާ ބޮޑަށް ރުޅިއަންނަނީ ނޫންބާ؟”
އެ ސުވާލަކީ އޭގެ ޒާތުގައި ގޯސް ސުވާލެއް ނޫނެވެ. ޒާހިލް އަމިއްލަ ނަފްސާވެސް އެތައް ފަހަރަކު އެ ސުވާލު ކުރިއެވެ. ނަމަވެސް އެ ސުވާލު ކުރި ރާގުން ޒާހިލަށް އިޙުސާސް ކުރެވުނީ އެހީއަކަށް އެދުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
“އަހަރެން އޭނާއާ ޒުވާބު ނުކުރަން ވަރަށް މަސައްކަތް ކުރަން. ގޭތެރޭގެ ގިނަ މަސައްކަތް ކުރަނީ އަހަރެން. ވަޒީފާ އަދާކުރަމުންވެސް ކުދިންގެ ކަންކަން ރަނގަޅަށް ބެލޭތޯ އަހަރެން ސަމާލުކަން ދެން. ދެން އިތުރަށް ކުރާނެ ކަމެއް އަހަންނަކަށް ނޭނގެ.” ޒާހިލް ބުންޏެވެ.
“ގުޅުންތައް ބަދަހިކޮށް ބޭއްވުމަކީ އުނދަގޫ ކަމެއް. އާންމުކޮށް އަހަރެމެންނަށް ގުޅަނީ ފިރިންގެ ފަރާތުން ނުރައްކާ ކުރިމަތިވާ އަންހެނުން. ބޮޑަށް ބެލެވެނީ ޒާހިލްގެ އަންހެނުން ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބުރަބޮޑުވެފައި ކަމަށް.” އެ އަންހެންމީހާ ޖަވާބު ދިނެވެ.
ޒާހިލް އޭނާގެ ލޯ މަރާލިއެވެ. “އަހަންނަށް އެނގޭ. އެކަމަކު އޭނާ އަހަރެންގެ ގައިގައި ޖަހާ.”
“ޒާހިލް ތި ވާހަކަ މާ ބޮޑުކޮށްލަނީ ނޫންބާ؟ ހިތްހަމަނުޖެހިފައި ހުރީމާ ކަންކަން އޮތްވަރަށްވުރެ ބޮޑުކޮށް ސިފަކުރެވިދާނެ.”
ކުޑަ ވަގުތުކޮޅަކަށް ޒާހިލަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާ އެހީއަށް އެދި ގުޅީ ބިރުގަންނާތީއެވެ. ހިނގަމުންދާ ކަންކަމަކީ ގޯސް ކަންކަން ކަމާއި، ބިރުގަތުމަކީ ބަލިކަށިކަން ނޫންކަން މީހަކު ބުނެދޭނެކަމުގެ އުންމީދުގައެވެ. އަދި ދިރިއުޅުން ހަލާކުކޮށްނުލައި ދަރިން ރައްކާތެރިކުރާނެ ގޮތެއް އޮތްތޯ ބަލާށެވެ. އޭގެ ބަދަލުގައި، އޭނާއަށް އިޙުސާސް ކުރެވުނީ މުޖުތަމައުގެ ކުރީގެ ނަޒަރިއްޔާތުގެ ދަށުވެ، އޭނާ އިތުރަށް ނިކަމެތިވި ކަމަށެވެ.
“އަހަރެން މި ވާހަކަ ބޮޑެއް ނުކުރަން.” ޒާހިލް މަޑުމަޑުން ބުންޏެވެ.
“ޒާހިލް ތީ ފިރިހެނެއްނު. އަންހެނުން އުނދަގޫ ކުރަންޏާ އަމިއްލައަށް އެކަން ހައްލުކުރަން އުޅޭ. މިތަނަށް ގުޅަނީ ހަޤީޤީ މައްސަލަތައް ޖެހިގެން އުޅޭ މީހުން. ފިރިމީހާއަށް އަނބިމީހާ ކޮންޓްރޯލް ކުރެވެން ޖެހޭނެ.” މަލާމާތުގެ ރާގެއްގައި އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ޒާހިލް ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އަލުން ގުޅަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް މީހަކު ފޯނެއް ނުނެގިއެވެ.
އޭނާ ހަރަކާތެއް ނުކޮށް އެތައް އިރަކު އިށީނދެގެން އިނެވެ. އަވަށްޓެރި ގޭގެ ބޮކިތައް ނިވި، މުޅި ސަރަހައްދަށް ހަމަހިމޭންކަން ވެރިވިއެވެ. ގޭތެރޭގައި ޔަސްނާ ނިދީގައި ފަރާތް ބަދަލުކޮށްލި އަޑު އިވުނެވެ. ޒާހިލް އޭނާގެ ދެ އަތުން މޫނު ނިވާކޮށްލިއެވެ.
އޭނާ އެހީއަށް އެދެން ބިރުގަތީ މަލާމާތް ލިބިދާނެތީއެވެ. މިހާރު އެކަން އެއޮތީ ވެފައެވެ. ޖެހިގެން އައި ދުވަހު ހެނދުނު، އޭނާ ފޯނުގެ ކޯލް ހިސްޓްރީއިން އެ ނަންބަރު ފޮހެލިއެވެ. އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.
(ނުނިމޭ)
