“ނޫން، އެއީ ޝާހިދުގެ މީހުންނެއް ނޫން. އެއީ ‘ޕްރޮޖެކްޓް އެކްސް’ގެ އެޖެންޓުން. އެމީހުން ބޭނުންވަނީ ރަޔާން މަރާލާފަ ނަމަވެސް އެ ޗިޕް ހޯދަން،” ޒައިދު ބުންޏެވެ.
ދޮރު މުގުރާލާފައި އެމީހުން އެތެރެއަށް ވަދެގަތެވެ. ޒައިދު އަވަހަށް ރަޔާން އުރާލައިގެން ފަހަތު ކޮޓަރިއަށް ދުއްވައިގަތެވެ. ކައިލްވެސް އޭނާގެ ފަހަތުން ދުވިއެވެ.
“ހުއްޓޭ… މަޑުކުރޭ! އެ ކުއްޖާ ދީ!” އެޖެންޓުންގެ ތެރެއިން އެކަކު އަމުރުކުރިއެވެ.
ޒައިދު ކޮޓަރީގެ ދޮރު ތަޅުލިއެވެ. ނަމަވެސް އެމީހުން ދޮރު ހަލާކުކޮށްލަން އުޅޭ އަޑު އިވެއެވެ. ޒައިދު ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލިއެވެ. އެއީ ތިންވަނަ ފަންގިފިލާއެވެ. ތިރިއަށް ފުންމާލުމަކީ ނުރައްކާތެރި ކަމެކެވެ.
“ޒައިދު، ކިހިނެއް ހަދާނީ؟ އަހަރެމެން މަރުވާނެ!” ކައިލް ރޮމުން ބުންޏެވެ.
ރަޔާން، ޒައިދުގެ އުރުގައި އިނދެފައި، ކައިލްގެ ކަރުނަތައް ފޮހެލިއެވެ. އަދި އޭނާގެ ކުޑަ އަތުން ކުޑަދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ. ކުއްލިއަކަށް ކޮޓަރީގެ ތެރޭގައި ވަރުގަދަ ވަޔެއް އުފެދި، ޒައިދާއި ކައިލް އަދި ރަޔާން ވައިގެ ތެރެއަށް އުފުލުނެވެ.
“އޭނާ އަހަރެމެން އުދުއްސަނީ!” ޒައިދަށް ބުނެވުނެވެ.
އެޖެންޓުން ދޮރު ވައްޓާލާފައި ވަތްއިރު، ޒައިދުމެން ތިބީ ކުޑަދޮރުން ބޭރުގައި، ވައިގެ ތެރޭގައި “ތާށިވެފައެވެ”. ރަޔާން ހީލުމާއެކު، އެމީހުން ވަރަށް މަޑުމަޑުން ގޮސް ބިމުގައި ފައި ޖެއްސިއެވެ. މިއީ އެއްވެސް މީހަކަށް ގަބޫލުކުރެވޭނެ ފަދަ މަންޒަރެއް ނޫނެވެ.
“ދުވޭ! އަވަހަށް ދުވޭ!” ޒައިދު ހަޅޭއްލަވައިގަތެވެ.
އެމީހުން ހުޅުމާލޭގެ އަނދިރި މަގުތަކުގެ ތެރެއަށް ދުއްވައިގަތެވެ. ފަހަތުން އެޖެންޓުންގެ ކާރުތައް އަންނަ އަޑު އިވެއެވެ. ޒައިދަށް މިހާރު ވިސްނުނީ އެންމެ ކަމެކެވެ. ރަޔާންއަކީ ހަމައެކަނި ފައިސާ ހޯދަން ބޭނުންކުރާނެ އާލާތެއް ނޫނެވެ. އޭނާއަކީ ހިމާޔަތް ކުރަންޖެހޭ ފުރާނައެކެވެ.
“ކައިލް، އަހަރެމެން މި ކުއްޖާ ސަލާމަތް ކުރަންޖެހޭނެ. އެމީހުން އަތަށް ރަޔާން ދީފިއްޔާ އެމީހުން އޭނާ ކޮށާލާނެ،” ޒައިދު ދުވަމުން ބުންޏެވެ.
“އެކަމަކު ޒައިދު، އަހަރެމެންނަކީ ވަގުންނެއްނު؟ އަހަރެމެން ކިހިނެއް ހީރޯއިންނަށް ވަނީ؟” ކައިލް ނޭވާކުރުވެފައި ހުރެ އެހިއެވެ.
ޒައިދު މަޑުޖެހިލާފައި ރަޔާންގެ މޫނަށް ބަލާލިއެވެ. ރަޔާން އިނީ ވަރަށް މައުސޫމް ގޮތަކަށް ޒައިދަށް ބަލަހައްޓައިގެންނެވެ.
“މިއަދުން ފެށިގެން އަހަރެމެންނަކީ ވަގުންނެއް ނޫން. އަހަރެމެންނަކީ ރަޔާންގެ ބޮޑީގާޑުން،” ޒައިދު ވަރުގަދަ އަޒުމަކާއެކު ބުންޏެވެ.
ނަމަވެސް އެމީހުންގެ ކުރިމަތީގައި އޮތީ ބޮޑު ގޮންޖެހުމެކެވެ. މުޅި ސިޓީގެ ހުރިހާ ގޭންގުތަކަކާއި، ސިއްރު އެޖެންޓުން ތިބީ އެމީހުންގެ ފަހަތުން އަޅުވާލައިގެންނެވެ. އަދި ރަޔާންގެ ބާރުތައް ކޮންޓްރޯލް ކުރާނެ ގޮތެއް އެމީހުންނަކަށް އަދިވެސް ނޭނގެއެވެ.
—
ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ބާވެފައިވާ ގުދަނެއްގެ ތެރޭގައި ޒައިދާއި ކައިލް ތިބީ ނޭވާ ހަމައަކަށް އަޅުވާލާށެވެ. ރަޔާން އިނީ ގުދަނުގެ ތެރޭގައި ހުރި ބޮޑު ފޮށިގަނޑެއްގެ މަތީގައި އިށީނދެގެން، އޭނާގެ ކުޑަކުޑަ އިނގިލިތަކުން ވައިގެ ތެރޭގައި ކުރަހާށެވެ. އޭނާ އިނގިލި ހަލުވާލާ ކޮންމެ ފަހަރަކު، އަލިކުލައިގެ ރޮނގުތަކެއް ވައިގެ ތެރޭގައި އުފެދި، މަޑުމަޑުން ފަނޑުވެގެން ދެއެވެ.
“ޒައިދު، އަހަރެމެންނަށް މިތާ ތިބެވޭނީ ކިހާ އިރަކު؟” ކައިލް ކަންބޮޑުވެފައި އެހިއެވެ. “އެ އެޖެންޓުންގެ އަތުގައި ހުރީ ހައި-ޓެކް ސާމާނު. އެމީހުން އަހަރެމެން ހޯދާނެ.”
ޒައިދު އޭނާގެ ފޯނު ނަގައި، އޭގެ ސިމް ކާޑު ނައްޓާލާ ބިންމައްޗަށް އެއްލާލިއެވެ. “ފޯނުން އަހަރެމެން ޓްރެކް ކުރެވިދާނެ. ކައިލް، ކަލޭގެ ފޯނުވެސް ނިވާލާ. މިވަގުތު އަހަރެމެން އެންމެ އިތުބާރު ކުރި މީހާ، ޝާހިދުވެސް އެއީ ކާކުކަމެއް އަހަރެމެންނަކަށް ނޭނގޭ.”
“ޝާހިދު ބުނީ މި ކުއްޖާގެ ބޮލުގައި ޗިޕެއް އިންނާނެއޭ. އެއީ ތެދެއްތަ؟” ކައިލް ރަޔާންއާ ގާތްވެލަމުން އެހިއެވެ.
ޒައިދު ރަޔާންގެ ބޯ ކައިރިއަށް އަތް ގެންގޮސް، ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހާކާލިއެވެ. ރަޔާންގެ ކަންފަތުގެ ފަހަތުން ކުޑަކުޑަ ލަކުނެއް ކަހަލަ ތަނެއް ފެންނަން ހުއްޓެވެ. އެއީ ވަރަށް ފުރިހަމައަށް ކޮށްފައިވާ ސާޖަރީއެއްގެ ނިޝާނެކެވެ.
“އާނ، މިއީ ހަމަ ހަގީގަތެއް. މިއީ އާދައިގެ ކުއްޖެއް ނޫން. މިއީ ސައިންޓިފިކް އެކްސްޕެރިމެންޓެއް،” ޒައިދު މަޑުމަޑުން ބުންޏެވެ. “އެކަމަކު އޭނާގެ އިހުސާސްތައް ހުރީ ހަމަ ކުޑަ ކުއްޖެއްގެ ގޮތުގައި. އޭނާއަށް އެނގޭ އަހަރެމެން އޭނާ ސަލާމަތް ކުރަން އުޅޭކަން.”
މިވަގުތު ރަޔާން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަން ފާޅުވާން ފެށިއެވެ. އޭނާ ގުދަނުގެ ބޮޑު ދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ.
“ކިހިނެއްވީ ރަޔާން؟” ޒައިދު އެހިއެވެ.
ކުއްލިއަކަށް ގުދަނުގެ ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އެއީ ކުޑަ ޑްރޯން އެކެވެ. އެ ޑްރޯންއިން ރަތްކުލައިގެ ލޭޒާ އައްޔެއް މުޅި ގުދަނުގެ ތެރެއަށް ފަތުރާލިއެވެ.
“އެމީހުން އަތުވެއްޖެ!” ޒައިދު ހަޅޭއްލަވައިގަތެވެ.
ގުދަނުގެ ބޮޑު ދޮރު ގޮއްވާލުމާއެކު، ދުމުގެ ތެރެއިން ހަތިޔާރު އެޅި މީހުން ވަދެގަތެވެ. މިފަހަރު އެމީހުން ތިބީ މާ ވަރުގަދައަށް ތައްޔާރުވެގެންނެވެ. އެމީހުންގެ އަތުގައި ހުރީ ކަރަންޓު ޝޮކް ދޭ ބަޑިތަކެކެވެ.
“ރަޔާން ދޫކޮށްލާ! ނޫނީ ކަލޭމެން މިތާ ވަޅުލާނަން!” އެމީހުންގެ ލީޑަރު ހަޅޭއްލަވައިގަތެވެ.
ޒައިދު ރަޔާން ގޮވައިގެން ފަހަތަށް ޖެހުނެވެ. ކައިލް ބާލިދީއެއް ނަގައިގެން އެމީހުންނާ ދިމާލަށް އެއްލިއެވެ. ނަމަވެސް އެމީހުން ބަޑި ޖެހުމާއެކު ކައިލްއަށް ޖެހުނީ ބިންމައްޗަށް ތިރިވާށެވެ.
ރަޔާންގެ ރުޅިގަދަވާން ފެށިއެވެ. އޭނާގެ ދެލޯ އަނެއްކާވެސް ނޫކުލައިން ދިއްލުނެވެ. މިފަހަރު އޭނާ ހަޅޭއްލަވައިގަތެވެ. އެއާއެކު މުޅި ގުދަނުގެ ތެރޭގައި ހުރި ދަގަނޑު ހޮޅިތަކާއި، ބަރު ފޮށިތައް ވައިގެ ތެރެއަށް އުފުލި، އެޖެންޓުންނާ ދިމާލަށް އުދުހިގަތެވެ.
“ޒައިދު! މިތަނުން ނުކުމެވޭނެ ގޮތެއް ހޯދާ!” ކައިލް ހަޅޭއްލަވައިގަތެވެ.
ޒައިދަށް ފެނުނީ ގުދަނުގެ ފަހަތުގައި ހުރި ބާ ފޯކްލިފްޓެކެވެ. އޭނާ އަވަހަށް ރަޔާން އުރާލައިގެން ގޮސް އޭގެ މައްޗަށް އެރިއެވެ. “ކައިލް! އަވަހަށް އަރާ!”
ޒައިދު ފޯކްލިފްޓް ސްޓާޓް ކޮށްލިއެވެ. ރަޔާންގެ ބާރުން ގުދަނުގެ ފަހަތު ފާރު ކުނޑިކުނޑިވެގެން ފޭބިއެވެ. ޒައިދު އެ ފާރު ތޮރުފާލާފައި ބޭރަށް ނުކުތެވެ. އެމީހުން ނުކުތްއިރު ބޭރުގައި އޮތީ މޫދެވެ. އެއީ ހުޅުމާލޭގެ ފަޅުތެރެއެވެ.
“ދެން ކިހިނެއް ހަދާނީ؟ މޫދަށް ފުންމާލާނީތަ؟” ކައިލް ބިރުން އެހިއެވެ.
“ބަލާބަލަ އެއޮތް ޑިންގީ!” ޒައިދު ދައްކާލީ ފަޅުގައި އަޅާފައި އޮތް ކުޑަ ޑިންގީއެކެވެ.
އެމީހުން ދުވެފައި ގޮސް ޑިންގީއަށް އެރިއެވެ. ޒައިދު އިންޖީނު ސްޓާޓް ކުރަން އުޅުނު ނަމަވެސް، އިންޖީނު އިސްޓާޓެއް ނުވިއެވެ. އެޖެންޓުން ގުދަނުން ނުކުމެ، އަތިރިމައްޗަށް އަތުވެއްޖެއެވެ.
“ރަޔާން، ކޮއްކޯ… އެހީތެރިވެދީ!” ޒައިދު ރަޔާންއަށް ބަލާލަމުން ބުންޏެވެ.
ރަޔާން އޭނާގެ ކުޑަ އަތް މޫދާ ދިމާލަށް ދިއްކޮށްލިއެވެ. ކުއްލިއަކަށް ޑިންގީގެ ފަހަތުން ފެންގަނޑު އުފުލި، ބޮޑު ރާޅެއްގެ އެހީގައި ޑިންގީ ބާރު ދުވެލީގައި ކަނޑުގެ މެދަށް ގެންގޮސްދިނެވެ. އެޖެންޓުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
“އަހަރެމެން ސަލާމަތްވީ!” ކައިލް އުފަލުން ހަޅޭއްލަވައިގަތެވެ.
ނަމަވެސް ޒައިދުގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. “ނޫން ކައިލް. އަހަރެމެން މި ދަނީ ކަނޑުގެ މެދަށް. އަހަރެމެންގެ އަތުގައި ކާނާއެއް ނެތް، ބޯފެނެއް ނެތް. އަދި އެންމެ މުހިންމު ކަމަކީ، ރަޔާންގެ ބާރުތައް މިހާރު ވަނީ ވަރަށް ބޮޑަށް ބޭނުންކުރެވިފަ. އޭނާ ވަރުބަލިވެގެން ހޭނެތިއްޖެ.”
ޒައިދު ބަލާލިއިރު ރަޔާން އޮތީ ޒައިދުގެ އުނގުމަތީގައި ނިދާފައެވެ. އޭނާގެ ހަށިގަނޑު ވަރަށް ހޫނެވެ. އޭނާގެ ބޮލުގައި އިން ޗިޕްގެ ސަބަބުން އޭނާގެ ހަށިގަނޑަށް ނުކަތާވަރުގެ ބުރައެއް އުފުލަން ޖެހިފައިވާ ކަހަލައެވެ.
“ޒައިދު، ބަލާބަލަ! އެއީ ކޯއްޗެއް؟” ކައިލް ދުރުން ފެންނަން އޮތް އަލިކަމަކަށް އިޝާރާތް ކުރިއެވެ.
އެއީ ބޮޑު މަނަވަރެކެވެ. ނަމަވެސް އެއީ ރާއްޖޭގެ ކޯސްޓްގާޑެއް ނޫނެވެ. އެއީ އެއްވެސް ދިދައެއް ނެތް، ކަޅުކުލައިގެ ބިރުވެރި މަނަވަރެކެވެ.
“އެއީ ޝާހިދުގެ ލޯންޗު،” ޒައިދު ދަތްކުނޑިވިކައިލަމުން ބުންޏެވެ. “އޭނާ އަހަރެމެންނަށް މަގު ދައްކަމުން ދިޔައީ. އޭނާ ބޭނުންވީ އެ އެޖެންޓުން ލައްވާ ރަޔާންގެ ބާރުތައް ޓެސްޓުކުރުވަން. މިހާރު އޭނާ އެ އަންނަނީ އޭނާގެ ‘މުދާ’ ބަލާ.”
ޒައިދު ޑިންގީގެ ހުންގާނު އަނބުރާލިއެވެ. “އަހަރެމެން އެ މަނަވަރަށް އަރައިގެން ނުވާނެ. ކައިލް، ފަލިޖަހާ! އަހަރެމެން ޖެހޭނީ ކައިރީގައި އޮތް ފަޅުރަށަކަށް އަރަން.”
އަނދިރި ރޭގަނޑެއްގެ ތެރޭގައި، ބިޔަ މަނަވަރެއްގެ ފަހަތުން ސަލާމަތްވުމަށްޓަކައި، ދެ ވަގުންނާއި އާދަޔާޚިލާފު ކުޑަކުއްޖަކު ކުރާ ހަނގުރާމަ މިހާރު ވަނީ އައު މަރުހަލާއަކަށް ގޮސްފައެވެ.
—
ކަނޑުގެ ރާޅުތަކުގެ ތެރޭގައި ކުޑަ ޑިންގީ ތަޅުވަމުން ދިޔައިރު، ކައިލް އިނީ ފަލިޖަހައި ވަރުބަލިވެފައެވެ. ޒައިދު ދޭތެރެއަކުން ފަހަތް ބަލާލައެވެ. އެ ބިޔަ ލޯންޗުގެ އަލިގަދަ ސާޗްލައިޓްތައް ކަނޑުގެ ލޮނުގަނޑަށް އެޅެމުން ދިޔައެވެ. އެމީހުން ހޯދުމަށް އެ ލޯންޗު އަންނަނީ ވަރަށް ބާރަށެވެ.
“ޒައިދު! އެއޮތީ ރަށެއް!” ކައިލް އުފަލުން ހަޅޭއްލަވައިގަތެވެ.
ކުރިމަތިން ފެންނަން އޮތީ ގަސް ބޯ، ކުޑަ ފަޅުރަށެކެވެ. ހަނދުވަރުގެ އަލީގައި އެ ރަށުގެ ހުދު ދޮންވެލިގަނޑު ފިޔަޖަހަމުން ދިޔައެވެ. ޒައިދު ހުޝިޔާރުކަމާއެކު ޑިންގީ ރަށުގެ ފަޅަށް ވެއްދިއެވެ. ލޮނުގަނޑު ތިލަވުމާއެކު، ދެމީހުން ފުންމާލައިގެން ޑިންގީ ގޮނޑުދޮށަށް އެރުވިއެވެ.
ޒައިދު ރަޔާން އުރާލިއެވެ. ރަޔާން އަދިވެސް އޮތީ ހޭނެތިފައެވެ. އޭނާގެ ނޭވާލުން ހުރީ ވަރަށް އަވަސްވެފައެވެ. “ކައިލް، އަވަހަށް ރަށުގެ އެތެރެއަށް ވަންނަން އުޅޭ. މި ހާމަ ތަނުގައި ތިބެގެން ނުވާނެ.”
އެމީހުން ވަދެގެން ދިޔައީ ބޯކަށިކެޔޮ ގަސްތަކުގެ ތެރެއަށެވެ. ރަށުގެ މެދުތެރޭގައި ހުރި ބޮޑު ނިކަގަހެއްގެ ދަށުގައި ރަޔާން ބޭއްވިއެވެ. ކައިލް އޭނާގެ ގަމީސް ބާލައި، ރަޔާންގެ ބޮލުގައި ފެންފޮތިލާން ފެށިއެވެ.
“ޒައިދު، މި ކުއްޖާ އޯކޭ ކުރެވޭނަތަ؟ އޭނާގެ ގައި ހާދަ ހޫނޭ،” ކައިލް ބިރުން ހުރެ އެހިއެވެ.
“ނޫން، އޭނާގެ ސިސްޓަމް އޯވަހީޓް ވަނީ. އެ ޗިޕްގެ ސަބަބުން އޭނާގެ ހަކަތަ މުޅިން ހުސްވީ،” ޒައިދު ވިސްނުންތެރިކަމާއެކު ބުންޏެވެ. “އަހަރެމެން ޖެހޭނީ އޭނާއަށް އަރާމުކުރަން ވަގުތު ދޭން.”
އެވަގުތު ޒައިދުގެ ޖީބުގައި އޮތް ޓެބްލެޓް ދިއްލުނެވެ. އެއީ އޭނާ ވަގަށް ނެގި ޓެބްލެޓެކެވެ. އޭގެ ސްކްރީނަށް މެސެޖެއް އައެވެ. އެއީ ޝާހިދުގެ މެސެޖެކެވެ.
ޒައިދު، ކަލޭމެން ތި ތިބީ ‘ބޮޑުފިނޮޅު’ ގަ. އަހަރެންގެ މީހުން ވިހި މިނެޓް ތެރޭގައި ތި ރަށަށް އަރާނެ. ރަޔާން އަހަރެމެންނާ ހަވާލުކުރޭ. އޭރުން ކަލޭމެންގެ ފުރާނަ ސަލާމަތްވާނެ.
ޒައިދު ޓެބްލެޓް ބިންމަތީގައި ޖަހައި ކުނޑިކުނޑި ކޮށްލިއެވެ. “އޭނާއަށް އެނގޭ އަހަރެމެން މިތާ ތިބިކަން. އަހަރެމެން ޖެހޭނީ ދިފާއީ އުކުޅެއް ބޭނުންކުރަން.”
“ކޮން ދިފާއީ އުކުޅެއް؟ އަހަރެމެންގެ އަތުގައި ބަޑިއެއްވެސް ނެތް!” ކައިލް ހާސްވިއެވެ.
(ނުނިމޭ)
