ތަރައްޤީވެފައިވާ މިޒަމާނުގައި އަހަރެމެންގެ ދިރިއުޅުން ވަށާލެވިފައިވަނީ ސުމޭކް ފަންނިއްޔާތުގެތަކުން (ޑިޖިޓަލް ޓެކްނޮލޮޖީތަކުން) ކަމަށް ބުނުމުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މިއީ އެންމެންވެސް ދަންނަ ހަޤީގަތެކެވެ. ހެނދުނު ހޭލާވަގުތުން ފެށިގެން ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން ގިނަ ވަގުތު އަހަރެމެންނަށް ހޭދަކުރެވެނީ މިވަސީލަތްތަކާ އެކުގައެވެ.
ފަންނިއްޔާތުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ގިނަގުނަ ފަސޭހަތަކެއް ވެއެވެ. މަސައްކަތް ކުރުމުގައްޔާއި، މުޢާމަލާތް ކުރުމަގައި އަދި މުނިފޫހިފިލުވުމަށްޓަކައި މިވަސީލަތްތައް ބޭނުންކުރިޔަސް ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން އަހަރެމެންނަށް ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން އެތައް ގިނަގުނަ ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން ސްކްރީން ޓައިމް މަދުކުރުމުގެ ސަބަބުން އަހަރެމެންނަށް ފައިދާތަކެއް ލިބެއެވެ.
ޖިސްމާނީ ދުޅަހެޔޮކަމަށް ބަލާއިރު، ސްކްރީން ޓައިމްތައް މަދުކުރުމުގެ ސަބަބުން ހަށިގަނޑު ހަރަކާތްތެރިވާ މިންވަރު އިތުރުވެގެންދެއެވެ. އެއްތަނެއްގައި ގިނަވަގުތު އިށީނދެގެން އިނުމުގެ ބަދަލުގައި ކަސްރަތުކުރުމާއި ބޭރުތެރޭގައި ގިނަވަގުތު ހަރަކާތެއްތެރިވުމުގައި ގިނަވަގުތު ހޭދަކުރުމުން މީހާގެ ހަށިގަނޑުގެ ބަރުދަން ހަމަހަމަކޮށް ބެހެއްޓުމާއި ހަކަތަ އިތުރުވެގެން ދިޔައެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް ބަލާއިރު، ސްކްރީން ޓައިމް މަދުކުރުމުގެ ސަބަބުން ސިކުނޑިއަށް އަރާމުލިބި، ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވެގެންދެއެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ، ހާސްކަމާއި ފިކުރުބޮޑުވުންތަކުން މީހާ ސަލާމަތްކޮށްދެއެވެ.
ސްކްރީން ޓައިމް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމަށް ބަލާއިރު
1- ނޮޓިފިކޭޝަންތައް ނިވާލުމުގެ ސަބަބުން ފޯނަށް އަންނަ މެސެޖުތަކާއި އެލާޓްތައް މަދުކުރުމުން، ތަކުރާރުކޮށް ފޯނަށް ބަލަންޖެހޭ މިންވަރު މަދުވާނެއެވެ.
2- ފޯނު ބޭނުންކުރާ ވަގުތު ބަހާލުމުން ދުވާލެއްގެ މައްޗަށް ސްކްރީންތަކަށް ހޭދަވާ ވަގުތު އެޕްލިކޭޝަންތަކުގެ އެހީގައި ބަލައި، އެ ވަގުތު މަދުކުރަން މަސައްކަތްކުރުން.
2- ލަނޑުދަނޑިތަކެއް ކަނޑައަޅައިފާ އޮތުމުން ދުވާލަކު ސްކްރީން ބޭނުންކުރާނީ ވަކި ވަގުތުތަކެއްގައިކަން ކަނޑައަޅައި، އެކަމަށް އަމަލުކުރުން.
4- ސްކްރީން ބޭނުންނުކުރާ ސަރަޙައްދުތައް ކަނޑައެޅުން. އެގޮތުން ކާ މޭޒުދޮށާއި ނިދާކޮޓަރި ފަދަ ތަންތަނަކީ ސްކްރީން ބޭނުންނުކުރާ ‘ސްކްރީން ފްރީ’ ތަންތަން ކަމުގައި ހެދުން
ސްކްރީން ޓައިމް މަދުކުރުމަކީ ހަމައެކަނި ޓެކްނޮލޮޖީއާ ދުރުވުމެއް ނޫނެވެ. އެއީ ތިމާގެ ސިއްހަތަށާއި، އާއިލާއަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުހިންމު އެއްކަމެވެ. މި ބަދަލުތައް ގެނައުމުން އުފާވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
