ސާފް ފުޓްސެލް ޗެންޕިއަންސިޕްގެ ފަސްވަނަ މެޗްގައި 6-1 އިން ބަނގުލަދޭޝް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް ދިވެހިރާއްޖެއިން އެއްވަނައަށް ޖެހިލައިފިއެވެ.
ފުރަތަމަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކުރި ދިވެހިރާއްޖެ މިމެޗްގެ ފަންސާސް އެއްވަނަ ސިކުންތުގައި ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ދިވެހިރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާންއެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ބަނގުލަދޭޝްއަށް ފުރުސަތެއް ނުދީ ނުވަވަނަ މިނިޓްގައި ދިވެހިރާއްޖެ ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. މިލަނޑަކީ ދިވެހިރާއްޖޭގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބާރު ބޯޅައެއް ދިފާއުކުރަން މަސައްކަތްކުރި ބަނގުލަދޭޝް ކުޅުންތެރިއެއް ފައިގައި ޖެހިފައި އިޝާން އިބްރާހިމްއަށް ލިބުނު ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ ދިވެހިރާއްޖެ ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ އަހްމަދު ރާހިލްއެވެ. 16 ވަނަ މިނިޓްގައި ދިވެހިރާއްޖެއަށް ލިބުނު ޖެހުމަކުން އުފެއްދި ހަމަލާ ގޯލަށް ވަނުމުގެ ކުރިން އަތުން ޖައްސައި ބޭރުކޮށްލި ބަނގުލަދޭޝް ކުޅުންތެރިޔާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ދިވެހިރާއްޖޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސިޔާހްއެވެ.
ބަނގުލަދޭޝްއިން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހު ބައިގައި ކާޒީ އަހްމަދު އެވެ. ދިވެހިރާއްޖޭގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ދެވަނަ ހާފުގައި ޖަހާފައިވާއިރު، އެ ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ރާހިލް އާއި އަބްދު ﷲ ޝާފިއުއެވެ.
ދިވެހިރާއްޖެއިން މި މުބާރާތުގައި ކުޅޭ ތިންވަނަ މެޗްގައި ހޯމަ ދުވަހު ނުކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ.
