އަހަރެމެން ދިރި މިއުޅެނީ ހުއްޓުމެއް ނެތް ދުނިޔެއެއްގައެވެ. ހަމަހިމޭން ވަގުތުތަކުގައި ގިނަފަހަރު އަހަރެމެންނަށް މި ތިބެވެނީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ނުވަތަ އަހަރެމެންނަށް އެކަނި ހުސްވަގުތުކޮޅެއް ލިބޭ އިރަށް އަހަރެމެންނަށް ނެގެނީ ފޯނެވެ. އޭގެން ލަވަޖެހުމާއެކު ދުވާލުގެ ގިނަވަގުތު ހޭދަކުރެވެނީ ސްކްރޯލް ކުރުމުގައެވެ.
ކަން މިހެން އޮތުމާއެކު، ބައެއް ފަހަރު އަހަރެމެންގެ ހިތުގައި ސުވާލު އުފެދެއެވެ. ޖަވާބު ދޭން އުނދަގޫ ސުވާލުތަކެވެ. އެ ސުވާލަކީ ހަޤީގަތުގައިވެސް އަހަރެމެން ފޫހިވޭ ހެއްޔެވެ؟ ނުވަތަ އަހަރެމެން ފިކުރު ކުރާ ފުން ޚިޔާލުތައް އަހަރެމެން އެ އަޑުއަހައިފުނަމަ، އެ ޚިޔާލުތައް އަހަރެމެންނާ ދިމާއަށް ބުނާނެ އެއްޗަކާ މެދު ބިރުގަނޭ ހެއްޔެވެ؟
އަހަރެމެންގެ އަމިއްލަ ފުން ޚިޔާލުތަކާއެކު އެކަނި ވަގުތުކޮޅެއް ހޭދަކުރުމުގެ މާނައަކީ އެއްވެސް ވަރަކަށް ނޭދެވޭ ކަންކަމެއް ނެތި އަމިއްލަ ނަފުސާއި ކުރިމަތިލުމެވެ. ފޯނުގެ ނުވަތަ މިޒަމާނުގެ އެއްވެސް ވަސީލަތެއްގެ ނޮޓޮފިކޭޝަންތައް ސައިލެންސް ކުރުމަށްފަހުގައެވެ. ހަމައެކަނި އަހަރެމެންނާއި އަހަރެމެން އަމިއްލައަށް ދުރަށް ޖައްސާ ހަގީގަތެވެ.
ބައެއް ފަހަރު، އެ ހަގީގަތް އަހަރެމެންނަށް ކިތަންމެ ބަރުވެގެން އަޔަސް އޭގައި ހިމެނެނީ ގުނާ އަދަދު ނުކުރެވޭ ފަދަ ޖަޒުބާތު ތަކާއި އަހަރެމެންނަށް ޖަވާބު ދޭން އުނދަގޫ ސުވާލުތަކެވެ. ހަމައެއާއެކު، އަހަރެމެންނަށް ދުވަހަކުވެސް އަރައިނުގަނެވޭ ފަދަ ފުން ހިތާމަތަކާއި އަހަރެމެންގެ އަތުން މަޑުމަޑުން ބީވެފައިވާ ހުވަފެންތަކެވެ. އަހަރެމެންނަށް ހަމަހިމޭންކަން މަޖުބޫރުކުރުވަނީ އަމިއްލައަށް ދުރަށް ދެވިފައިވާ ކަންތައްތަކާ ކުރިމަތިލުމަށެވެ.
ތަރައްގީވެފައިވާ ޒަމާނެއްގައި އަހަރެމެން ދިރިއުޅޭއިރު، އަހަރެމެންނަށް އިވިގެންދާ ކޮންމެ އަޑަކީ އަހަރެމެންނަށް ލިބިގެންދާ ހިތްހަމަޖެހުމެއްކަމުގައި ވަނީ ވެފައެވެ. ލަވައެއް ނުވަތަ ވީޑިއޯއެއް އަޑުބާރުކޮށް އަޅުވާފައި ހުރިހާ ހިނދަކު، އެހެން އެއްވެސް ކަމަކާ ދޭތެރޭގައި އަހަރެމެން ވިސްނާކަށް ނުޖެހޭނެއެވެ. ނުވަތަ އަމިއްލަ ނަފުސަކާ ސުވާލެއް ނުކުރެވޭނެއެވެ. “އަހަންނަށް މި އުޅެވެނީ އުފަލުގައި ހެއްޔެވެ؟” ނުވަތަ “އަހަންނަށް މި ދިރިއުޅެވެނީ އަހަރެން އުޅެން ބޭނުންވާ ދިރިއުޅުން ހެއްޔެވެ؟” ފަދަ ސުވާލުތަކަކީ އަހަރުމެންނަށް ފަސޭހައިން ޖަވާބު ލިބޭ ނުވަތަ ޖަވާބު ހޯދިދާނެ ފަދަ ސުވާލުތަކެއް ނޫނެވެ. ސަބަބަކީ ކިތަންމެ ކުޑަ ތެދުވެރިކަމެއްވެސް އަހަރެމެންނަށް ހިތްދަތި އަސަރުތަކެއް ކޮށްފާނެއެވެ.
އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ތިމާގެ އަމިއްލަ ޚިޔާލުތަކާމެދު، ވިސްނާ ފިކުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ފަހަރު ހިތަށް ނުތަނަވަސް ކަން ވެރިވިއަސް، އެއީ ތިމާގެ ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރެ ތިމާގެ މޫނު ފޮރުވުން ކަހަލަ ކަމެކެވެ. އެހެންނަމަވެސް މަޑުމަޑުން ތިމާގެ އަމިއްލަ ނަފުސު ތިމާގެ އަމިއްލަ ޚިޔާލުތަކާމެދު ވިސްނެން ފަށައެވެ.
ތިމާއަށް ފާހަގަ ކުރެވެނީ އުސޫލުތަކެވެ. ލިބޭ އަނިޔާތަކާއި ފޯރިގަދަވާ ކަންކަމެވެ. އުފާވާ ކަންކަމާއި ވަރުބަލިކުރުވާ ކަންކަމެވެ. ތިމާއަށް އިހުސާސް ކުރެވެނީ ތިމާގެ ސިކުނޑިއަކީ ތިމާގެ ދުޝްމަނެއް ނޫންކަމުގައެވެ. އެއީ މެސެޖު ރައްދުކޮށްދޭ މެދުވެރިއެކެވެ.
އަހަރުމެންގެ އަމިއްލަ ޚިޔާލުތަކާއި ދުރުވާ ވަރަކަށް އެޚިޔާލުތައް އަހަރެމެންގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދެއެވެ. ހަމައެއާއެކު އެ ޚިޔާލުތައް އަހަރެމެންގެ ނިދީގެ ޝެޑިއުލާ ކުޅެލައެވެ. ކިތަންމެ އަވަހަށް ތިމާ ނިދަން ބޭނުންވިޔަސް އެވިސްނެމުންދާ ޚިޔާލުތަކުގެ ސަބަބުން އަހަރެމެންނަށް ރޭގަނޑުގައި ހަމަނިދި ލިބުމަށް ދަތިވެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ “ބްރޭކްޑައުން ޒޯން” އަށް އޮޓޯމެޓިކުން ވަދެވެއެވެ.
ހަމަހިމޭން މާހައުލެއްގައި އިށީންދެގެން ތިބެ، އެ ޚިޔާލުތަކާމެދު ވިސްނުމުގެ ސަބަބުން ފަހުން އެކަމަކާ އުޅޭކަށް ނުޖެހޭނެއެވެ. ބައެއް ފަހަރު އަހަރެމެންގެ އަމިއްލަ ފުން ޚިޔާލުތަކާ އެކީ ދިރިއުޅެން ބިރުގަނެެވެ. އެއީ ގިނަ މީހުންނަށް ވިސްނޭ ގޮތުގައި އަހަރެމެން އެކަން ބަދަލުކުުރުމުގެ ބާރު ހުންނަކަން އެނގޭތީއެވެ. ހަމައެއާއެކު ކޮންމެ ބަދަލަކީ ބިރުވެރި ބަދަލެކެވެ. އެހެންނަމަވެސް ކުރިއަރައިގެން ދިޔުމަކީ ކޮންމެ މީހަކަށްވެސް ވާނޭ ކަމެކެވެ.
ކަން މިހެން އޮތްއިރު، އަހަރެމެން ވިސްނަންޖެހޭ ކަމަކީ ހަމަހިމޭންކަމަކީ މީހަކު ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ތިމާގެ އިހުސާސްތައް ދެނެގަތުމަށް މަގުފަހިވެގެންދާ ކަމެކެވެ. އެހެންކަމުން އެ ޚިޔާލުތަކާމެދު ވިސްނުމުގެ ސަބަބުން އެހެން މީހުންނަށް އެ ޚިޔާލުތައް ކިޔައިދިނުމަށް އެތައް ފަސޭހައެއް ވެގެން ދާނެއެވެ.
