ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގް 2025 – 2026 ގެ 15 ވަނަ ހަފްތާގެ ކުޅުން އިއްޔެ (18 ޖެނުއަރީ 2026) ހަވީރު ނިމިއްޖެއެވެ. މިހަފްތާގެ ކުޅުން އިއްޔެ ނިމުނުއިރު ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކާއި ޕޮއިންޓް ޓޭބަލަށް ބަލާލާނަމެވެ.
ފުރަތަމަ މެޗް: ވިކްޓަރީ މެޗުން ހޯދި ޕޮއިންޓާއެކު ބުރު ތިންވަނައަށް
ދިވެހި ޕުރެމިއަރ ލީގު ހަފްތާ 15 ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ. ދެޓީމަށް ވެސް މޮޅެއް މުހިންމުވި މިމެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނިޓްގައި ޖެހީ ވިކްޓަރީން ނެވެ. ވިކްޓަރީއަށް ލިބުނު ކޯނަރު ގޯލްކުރި މައްޗަށް ނަގައިދިނުމުން ލަޗްނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ފަސޭހަކަމާއެކުއެވެ.
މެޗްގެ ނަތީޖާ ބުރުން ހަމަކުރީ 88 ވަނަ މިނިޓްގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް އަބްދުﷲ ޔާމީން ޖަހައިދިން މިގޯލާއެކު، އޭނާ ވަނީ ބުރު އެންމެފަހުން ކުޅުނު ތިން މެޗްގައި ވެސް ގޯލް ޖަހާފައެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު 27 ޕޮއިންޓް ހަމަކޮށް، ފައިދާ ގޯލްގެ ތަފާތުން ބުރު ވަނީ އަނެއްކާ ވެސް ތިން ވަނައަށް ޖެހިލާފައެވެ.
ދެވަނަ މެޗް: އޮޑި ސަލާމަތްވީ ކިރިޔާ
ހަފްތާ 15 ގެ ދެވަނަ މެޗްގައި ބައްދަލުކުރީ އޮޑި ސްޕޯޓްސް އާއި ވެލެންސިޔާއެވެ. މެޗްގެ 35 ވަނަ މިނިޓްގައި އަޔާޒް އަހްމަދު ޖަހައިދިން ގޯލުން ހޯދި ލީޑުގައި އޮޑިއަށް ހިފަހައްޓާލެވުނީ 88 މިނިޓާއި ހަމައަށެވެ. ވެލެންސިޔާއަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ވެލެންސިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އައިދު މުހައްމަދު ޖަވީޒްއެވެ. 1-1 އިން އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު މިމެޗުން އޮޑި މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ހަވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގާނިއު އަޓަންޑާއެވެ.
ތިންވަނަ މެޗް: މާޒިޔާއަށް ފަސޭހަ މޮޅެއް
15 ވަނަ ހަފްތާގެ ތިންވަނަ މެޗްގައި ބައްދަލުކުރީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު އީގަލްސްއެވެ. މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ވާދަވެރިވާނެކަމަށް ބެލެވުނު މިމެޗްގެ ދެވަނަ ހާފު މާޒިޔާއިން ފެށީ ކުރީ ހާފަށްވުރެ ވަރުގަދަކޮށެވެ. 3-0 އިން މާޒިޔާ މޮޅުވި މިމެޗްގެ ފުރަތަމަ ގޯލް ޖަހައިދިނީ ކެޕްޓަން ސަމޫހު އަލީއެވެ. ރަތް ކާޑެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އީގަލްސް ކޮޅަށް މާޒިޔާއިން ފަހުން ޖެހި ދެގޯލް ޖެހީ އަހްމަދު އައިހަމް އާއި ހަމްޒާ މުހައްމަދުއެވެ.

ފޮޓޯ: ދިވެހި ޕްރެމިއަރ ލީގު
ހަތަރުވަނަ މެޗް: ޔޫވީ ބަލިކޮށް ނިއު ތިންވަނައަށް
މިހަފްތާގެ ހަތަރުވަނަ މެޗްގައި ވާދަކުރީ ނިއުރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓުރީ (ޔޫވީ) އެވެ. ތިންވަނަ މަގާމް އަލުން ހޯދުމަށްޓަކައި ކޮންމެހެންވެސް މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މިމެޗުން ނިއުރޭޑިއަންޓް މޮޅުވީ 2-0 އިންނެވެ.
މިމެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގައި މުހައްމަދު ނިޒާމް ޖަހައިދިންއިރު އަނެއް ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަލްހާޖީ ގޭރޯއެވެ. ލަނޑު ޖަހާނެ ގިނަ ފުތުސަތުތަކެއް ނިއުރޭޑިއަންޓުން ތަނަވަސްކުރި ނަމަވެސް، އިތުރު ބޯޅައެއް ގޯލާއި އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުރޭޑިއަންޓް ވަނީ އަނެއްކާވެސް ތިންވަނަ މަގާމަށް ޖެހިލާފައެވެ.
ފަސްވަނަ މެޗް: ގުރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އުންމީދު އާކޮށްފި
މިހަފްތާގެ ފަސްވަނަ މެޗުގައި ވާދަކުރީ ލީގުގެ 8 ވަނައިގައިވާ ގުރީން އާއި 7 ވަނައިގައިވާ ޓީސީއެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް މޮޅެއް ހޯދަން ދެ ޓީމަށްވެސް މަޖުބޫރުވެފައިވާ މިމެޗް ޓީސީން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. ޑިފެންސަށް ބޮޑު ސަމާލުކަމެއް ދީގެން ކުޅެމުންދިޔަ ޓީސީން ދެގޯލްވެސް ޖެހީ ކައުންޓާރ އެޓޭކްގައެވެ. ފުރަތަމަ ލަނޑު 60 ވަނަ މިނިޓްގައި ހުސެއިން ޝަރީފް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު 74 ވަނަ މިނިޓްގައި ޖަހައިދިނީ މުހައްމަދު ދާނިޝްއެވެ. މިމެޗުން ހޯދި ތިން ޕޮއިންޓާއެކު 12 ޕޮއިންޓް ހަމަކޮށް ޓީސީ ވަނީ ހަތްވަނައިގައި ހަމަޖެހިލައި ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާކޮށްފައެވެ.
15 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ގަދަ ހައެއްގައި ހިމެނޭ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލައިލާއިރު، އެއްވަނައިގައި އޮތް މާޒިޔާއަށް 43 ޕޮއިންޓް، ދެވަނައިގައި އޮތް އޮޑި ސްޕޯރޓްސްއަށް 35 ޕޮއިންޓް، ތިންވަނައިގައިވާ ނިއުރޭޑިއަންޓަށް 30 ޕޮއިންޓް، ހަތަރުވަނައިގައިވާ ބުރަށް 27 ޕޮއިންޓް، ފަސްވަނައިގައިވާ އީގަލްސްއަށް 22 ޕޮއިންޓް، ހަވަނައިގައިވާ ވިކްޓްރީއަށް 21 ޕޮއިންޓް ލިބިފައިވެއެވެ.
ލީގުގެ 16 ވަނަ ހަފްތާގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރުއެވެ. އެ މެޗްގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ކުލަބު އީގަލްސްއެވެ.
