ސާފް ފުޓްސެލް ޗެންޕިއަންސިޕްގައި ދިވެހިރާއްޖެ ކުޅުނު ތިންވަނަ މެޗް ވެސް ކާމިޔާބުކޮށް އެއްވަނައިގައި ހަމަޖެހިލައިފި އެވެ. އިންޑިޔާއާއި ރާއްޖެ ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބުކުރީ 5-0 އިންނެވެ. ކުރިން ދެ މެޗްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ރާއްޖެ ޓީމު މިމެޗްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފު 1-0 އިން ރާއްޖެ ކުރީގައި އޮވެގެން ނިންމާލިއިރު، ރާއްޖެއަށް ގޯލް ޖަހައިދިނީ ކެޕްޓަން އިމްރާން އެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން
ދެވަނަ ހާފުގައި ރާއްޖެއިން ހަތަރު ގޯލް ޖެހިއިރު ގޯލްތައް ޖަހައިދިނީ 3 ވަނަ މިނިޓްގައި ޝާފިއު، 5 ވަނަ މިނިޓްގައި ޝަމާލް، 9 ވަނަ މިނިޓްގައި އިމްރާން، 19 ވަނަ މިނިޓްގައި އަހްމަދު ހަމީދު އެވެ. މިމެޗްގެ ފަހު ހާފުގައި އިންޑިޔާ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ.
ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ދިވެހިރާއްޖެ އޮތީ އެއްވަނައިގައެވެ. ހަތަރު މެޗުން 7 ޕޮއިންޓާއި ފައިދާ 2 ގޯލް ބަނގުލަދޭޝް ހޯދާފައިވާއިރު، ހަތަރު މެޗުން 7 ޕޮއިންޓާއި ފައިދާ 1 ގޯލް ޕާކިސްތާނަށް ވެސް ލިބިފައިވެއެވެ. ބަނގުލަދޭޝް ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. 5 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ނޭޕާލެވެ.
