އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް ހޯދައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މޯލްޑިވްސް ޕޮލިސް ސާވިސް ވާދަކުރި ފޯރިގަދަ ފައިނަލް މެޗް ވާދަވެރި ކުޅުމަކަށްފަހު، މޯލްޑިވްސް ޕޮލިސް ސާވިސް ހޯދީ ސީދާ ތިން ސެޓުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މި މެޗްގެ ސެޓްތައް މޯލްޑިވްސް ޕޮލިސް ސާވިސް ހޯދީ 25-22، 25-23 އަދި 26-24 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖޯޒީ ނަންބަރު 13 ހައިފާ އިމާދުއެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މުބާރާތުގެ މަގާމްތައް ހޯދި ފަރާތްތަކަށް ބަލާލާއިރު މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ އާމިނަތު އަރީޝާ (ޕޮލިސް ސާވިސް، 7)، މާޔާ ހުސެއިން ސޮލާހު (އެމްޓީސީސީ، 19)، ހައިފާ އިމާދު (ޕޮލިސް ސާވިސް، 13)، ފާތިމަތު އަމާނީ (އެމްޓީސީސީ، 15)، އާމިނަތު ރަފާ އިބްރާހީމް (އެމްޓީސީސީ، 11)، އާމިނަތު އަފާފް (މޯލްޑިވްސް އިމިގްރޭޝަން، 13) އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޕޮލިސް ސާވިސްގެ ޖޯޒީ ނަންބަރު 18 މާޝާ ފާރޫޤެވެ. އެންމެ މޮޅު ކޯޗަކަށް ޕޮލިސް ސާވިސްގެ ހެޑް ކޯޗް މުނާ މުނީރު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖޯޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ.
