އަހަރީ ބަންދު ނިމި، 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މި މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފެށޭނެއެވެ.
ސްކޫލްތައް މި ހުޅުވެނީ ޗުއްޓީ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރިދަފުސް ރޯގާއާއި، ޑެންގީ ހުމުގެ އިތުރުން، ހޮޑާއި ބޭރަށް ހިންގުން ފަދަ ބަލިތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، ކިޔެވުން ފެށޭއިރު ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ސަމާލުކަން ދިނުމަށާއި، ސާފުތާހިރުކަން އިސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބެލެނިވެރިންނާއި ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފައެވެ. މި ކަލަންޑަރުގައި ސްކޫލްތަކުގެ މުހިންމު ތާރީޚުތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމެނިފައިވާއިރު، ކަންކަން ކުރިއާލާ ރޭވުމަށްޓަކައި މި ކަލަންޑަރަށް ސަމާލުވުމަށް ބެލެނިވެރިންނަށް އިރުޝާދު ދެއެވެ.
މި އަހަރުގެ ކަލަންޑަރުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ފެބުރުވަރީ މަހުގެ 18 ހިސާބުގައި ބަރަކާތްތެރި ރަމަޟާން މަސް ފެށުމެވެ. ރަމަޟާން މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާނީ އެންމެ ހަފުތާއަކަށެވެ. އަދި ރޯދަ ހިފާ ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިފަސޭހަވާނޭހެން ސްކޫލް ގަޑިތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލްތައް ހުޅުވޭ މި ދަނޑިވަޅަކީ އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިކަމާއި، އެކުވެރިކަން އިސްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ހަނދާންކޮށްދޭންވީ ވަގުތެވެ. ތަފާތުތަކާއެކުވެސް އެންމެންނަށް އިހުތިރާމްކޮށް، އެހީތެރިކަން ފޯރުކޮށްދޭ ދަރިވަރުންތަކަކަށް ވުމަށް ހިތްވަރު ދޭންޖެހެއެވެ. އޯގާތެރި އަދި އެކަކު އަނެކަކަށް ގަދަރުކުރާ މާހައުލެއް އޮތުމަކީ ކޮންމެ ކުއްޖަކަށްވެސް ރައްކާތެރިކަމާއި އަމާންކަން އިހުސާސްކުރެވޭނެ ކަމެކެވެ.
ދަރިވަރުން ސްކޫލަށް ފޮނުވާއިރު، އެކުދިންނަކީ ދުޅަހެޔޮ، ހަށިގަނޑަށް އަރާމު ލިބިފައިވާ އަދި ކިޔެވުމަށް ތައްޔާރުވެފައިވާ ކުދިންކަން ބެލެނިވެރިން ކަށަވަރު ކުރަންވާނެއެވެ. މީގެ އިތުރުން އަތްދޮވުމާއި، ސާފުތާހިރު ކާނާއާއި ފެން ބޭނުންކުރުމަށް ސަމާލުކަން ދިނުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އިރުޝާދު ދެއެވެ.
ފެށޭ އާ ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް ބަރަކާތްތެރި، ރައްކާތެރި އަދި ކާމިޔާބު އަހަރަކަށް ވުމަށް އެދެމެވެ. އެންމެހައި ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދީ، މި އަހަރަކީ އުފާވެރި އަހަރަކަށް ހަދަމާ ހިނގާށެވެ.
މީގެ އިތުރުން، ދިރާސާ އައުއަހަރެއް ފެށޭ މި ދަނޑިވަޅަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނަށް އިށީންނަން ކުޑަތަންވެފައިވާ ދަނޑިވަޅަށްވީ ހިނދު، އެންމެހައި ދަރިވަރުންނަށް ކާމިޔާބު އިމްތިހާނަކަށް ވުމަށްވެސް އެދެމެވެ.
1768985022852-Academic Calendar – 2026 FINAL
