ސައުދީ އަރަބިއްޔާގެ ރިޔާޟްގައި މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވި “ޖޯއި އެވޯޑްސް” އަށްފަހު، އިންޑިއާގެ ސުޕަރސްޓާރު ޝާހްރުކް ޚާނަށް “އަންކަލް” ގެ ނަމުން މުޚާތަބުކޮށް ހާންޑޭ އާޗެލް ފުރައްސާރަކުރި ކަމަށް ބުނެ ފެތުރެމުންދިޔަ ޚަބަރުތައް އެ ބަތަލާ ދޮގުކޮށްފިއެވެ.
މި ހާދިސާ ފެށުނީ އެވޯޑް ހަފުލާއަށްފަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ހާންޑޭ ސްޓޭޖާ ދިމާލަށް ފޯނު އަޅުވައިގެން ހުރުމުން، ގިނަ ބަޔަކު ހީކުރީ އޭނާއަކީ ވެސް ޝާހްރުކް ޚާންގެ ބޮޑު ސަޕޯޓަރެއް ކަމަށާއި އޭނާ ވީޑިއޯ ކުރަނީ ޝާހްރުކް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެ ވަގުތު އޭނާ ވީޑިއޯ ކުރަމުންދިޔައީ ޝާހްރުކްއާއެކު ސްޓޭޖްމަތީގައި ހުރި އޭނާގެ ގާތް އެކުވެރިޔާ އަމީނާ ޚަލީލް ކަމަށް ވީނަމަވެސް، ގިނަ ބަޔަކަށް އެ މަންޒަރު އޮޅުނީއެވެ.
މި މައްސަލަ ހޫނުވީ ހާންޑޭގެ އިންސްޓަގްރާމް ސްޓޯރީއެއް ކަމަށް ބުނެ ދައުރުވި ފޭކް ސްކްރީންޝޮޓަކާ ގުޅިގެންނެވެ. އެ ސްކްރީންޝޮޓްގައި ލިޔެފައިވަނީ، “މިއީ ކޮން އަންކަލްއެއް؟ އަހަރެން ވީޑިއޯ ކުރީ އަމީނާ. އަހަރެންނަކީ އޭނާގެ (ޝާހްރުކްގެ) ފޭނެއް ނޫން. ދޮގު މައުލޫމާތު ފެތުރުން ހުއްޓާލާ.” މިފަދަ އިބާރާތްތަކެކެވެ.
މި ސްކްރީންޝޮޓް ހިއްސާކޮށް އެކްސް (ކުރީގެ ޓްވިޓަރ) ބޭނުންކުރާ ފަރާތަކުން ބުނެފައިވަނީ، ޝާހްރުކް ޚާން ފެނުމުން ހާންޑޭ އޭނާއަށް “އަންކަލް” ގެ ނަމުން މުޚާތަބުކޮށް، އޭނާއަކީ ކާކުކަންވެސް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެމުން ތުރުކީގެ މަޝްހޫރު ބަތަލާ ހާންޑޭ ވަނީ އެއީ މުޅިން “ފޭކް” ނުވަތަ ދޮގު ޚަބަރެއްކަން ކުރުކޮށް ކަށަވަރުކޮށްދީފައެވެ. އޭނާ ވަނީ އެއީ އޭނާ ބުނި ބަސްތަކެއް ނޫންކަން ހާމަކޮށް، އެކަމާ ގުޅޭގޮތުން ފެތުރެމުންދިޔަ ހުރިހާ ދޮގު ވާހަކަތަކެއް ސާފުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން ހާންޑޭ އާޗެލްއަށް ވަނީ އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައެވެ.
