ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކަލޯކަލޯ އަޅަންޏާ ޅަ އިހަލަކުން ނާޅާތި! ކަންޏާ ކުޑަ ކާއްޓެއް ނުކާތި!
ރުކަކުން ކުރުނބާ އަޅަނީ - ފޮޓޯ: އަޙްމަދު އާޒިމް / މުނިއަވަސް

ދިވެހިބަހުގެ މިސާލު ބަސްތަކަކީ ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަން ހާމަކޮށްދޭ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތަކެއް އުނގަންނައިދޭ ރީތި އުސޫލުތަކެކެވެ. “އަޅަންޏާ ޅަ އިހަލަކުން ނާޅާށެވެ. ކަންޏާ ކުޑަ ކާށްޓެއް ނުކާށެވެ.” މި މިސާލު ބަހަކީ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރިހަމަ ގޮތް އިޚްތިޔާރު ކުރުމަށާއި ކެތްތެރިކަމާއެކު އެންމެ ރަނގަޅު މަންފާ ލިބޭނެ މަގަށް ރުޖޫޢަވުމަށް ބާރުއަޅާ ބަހެކެވެ. މި ބަހުގެ ފުން މާނައަށް ބަލާއިރު މީގެ އެންމެ ރީތި އެއް މިސާލަކީ ދިވެހިންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކާށި އިހަލެވެ. މި މައުޟޫޢުގައި އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ދިވެހި ފަސްގަނޑުގެ ފަޚުރު ކަމުގައިވާ “ދިވެހި ރުކެވެ”.

ކާއްޓަކީ ދިވެހިންގެ ކެއިންބުއިމުގެ މައިބަދައެވެ. ޅަ އިހަލަކުން ކާށި އެޅުމުގެ ބަދަލުގައި އެ އިހަލުގެ ކާށިތައް ހަރުވެ ހިކި ފުރިހަމަވަންދެން މަޑުކުރުމަކީ އޭގެއިން ލިބޭ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. ކާށީގެ ސިއްހީ ފައިދާތަކަށް ބަލާއިރު އެއީ ހަށިގަނޑަށް ބޭނުންވާ މުހިންމު އެތައް މާއްދާތަކަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ކާށީގައި ހިމެނޭ “ލޯރިކް އެސިޑް” އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ އެކި ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

ދިވެހިންނާއި ކާއްޓާ ދެމެދު އޮތީ ނުހަނު ވަރުގަދަ ލާމެހިފައިވާ ގުޅުމެކެވެ. މީގެ އެތައް ޤަރުނެއް ކުރީއްސުރެ މިއަދާ ހަމައަށްވެސް ދިވެހި ކޮންމެ ސުފުރާއެއްގެ އެންމެ މުހިންމު އެއް ބަޔަކީ ކާށްޓެވެ. ދިވެހިންގެ ކެއުންބުއިމުގެ އާދަކާދަތަކަށް ބަލާއިރު މަހާއި ކާއްޓާ ނުލައި ފުރިހަމަވާ އެއްވެސް ކެއުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. “މަހާއި ކާށްޓަކީ” ދިވެހިވަންތަކަމުގެ ރަމްޒެކެވެ. އިހުޒަމާނުގައި ކާއްޓަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައެވެ. އެޒަމާނުގައި ކާށި އަދި ކާށިތެލަކީ ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓްކޮށްގެން ރާއްޖެއަށް އާމްދަނީ ހޯދައިދިން މުހިންމު ވަސީލަތެކެވެ.

ކާއްޓަކީ ހަމައެކަނި ބަނޑުފުރާނަ މުއްތިކުރަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އޭގެ ފައިދާތަކަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ފައިދާތަކެކެވެ. ސިއްޙީ ގޮތުން ބަލާއިރު ކާށީގައި ހިމެނޭ ތެލަކީ ހަށިގަނޑަށް ފައިދާހުރި ހަކަތަ ލިއްބައިދޭ މާއްދާއެކެވެ. މީގެ އިތުރުން ކާށިކިރަކީ ކާތަކެތީގެ ރަހަ މީރުކޮށްދިނުމުގެ އިތުރުން ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. ކާށީގެ ތެލަކީ ޒަމާނުއްސުރެ ދިވެހިން ބޭސްވެރިކަމުގައާއި ރީތިވުމަށް ބޭނުންކުރަމުން އައި ރަންގަނޑެކެވެ.

އުކަކުން އިހަލެއް ކަނޑައި ވައްޓާލަނީ – ފޮޓޯ: އަޙްމަދު އާޒިމް / މުނިއަވަސް

ދެންއޮތީ ކާށީގެ މަންމަ ކަމުގައި ބެލެވޭ “ރުކެވެ”. ރުކަކީ އޭގެ އެއްވެސް ބައެއް އުކާލަން ނުޖެހޭ ފަދަ ބަރަކާތްތެރި ގަހެކެވެ. ރުކުގެ ފަން ބޭނުންކޮށްގެން ފަންގިވިނުމާއި އިލޮށިން ކުނިކަހާ އިލޮށިފަތި ހެދުމާއި ރުކުގެ އިހާގޮނޑި، ބޮނބި އަދި ނާށި ކަހަލަ ބާވަތްތަކުން ތަފާތު ސަގާފީ ސާމާނު އުފެއްދޭނެއެވެ. ރުކުގެ ލަކުޑިއަކީ ދޯނިފަހަރު ބަނުމަށާއި ގެދޮރު އެޅުމަށް ބޭނުންކުރާ ވަރުގަދަ މާއްދާއެކެވެ. މީގެ އިތުރުން ރުކުން ލިބޭ ކުރުނބަޔަކީ ފެންބޮވުން ފިލުވައިދޭ ހަށިގަނޑަށް ބޭނުންވާ ގިނަ މިނަރަލްސްތަކެއް އެކުލެވޭ ބުއިމެކެވެ. ރުކުގެ އެންމެ މުހިންމު އެއް އުފެއްދުމަކީ ރަލެވެ. ރާ ކައްކައިގެން ހަދާ ދިޔާހަކުރާއި ކަރު ހަކުރުގަނޑަކީ ދިވެހިންގެ ފޮނިކާތަކެތީގެ ރޫހުކަމުގައި ބެލެވޭ މީރު އެއްޗެކެވެ.

އާދޭހެވެ! އަދިވެސް އެއްފަހަރު ލިޔެލާނަމެވެ. “ކަލޯކަލޯ އަޅަންޏާ ޅަ އިހަލަކުން ނާޅާތި. ކަންޏާ ކުޑަ ކާށްޓެއް ނުކާތި”. ދިވެހިންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާ މި ބަހުގެ މާނައިގައި އެބުނާ ގޮތަށް ފެންނަ ކޮންމެ އިހަލަކުން އެޅުމުގެ ބަދަލުގައި އެއީ ކޮންކަހަލަ އިހަލެއްތޯ ބަލައި އެ އިހަލުގެ މިންގަނޑު ދަނެ ކާށިތައް ފުރިހަމަވަންދެން މަޑުކޮށްލާށެވެ. އޭރުން އޭގެ ފުރިހަމަ ފައިދާ ލިބޭނެއެވެ. ހަމައެފަދައިން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ މިފަދަ ބަސްތަކުން އިބުރަތް ހާސިލްކޮށް ކެތްތެރިކަމާއެކު ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ގޮތް އިޚްތިޔާރު ކުރާށެވެ. އަދި ހަމައެހެންމެ ދިވެހި ރުކަކީ ދިވެހިންގެ އާދަކާދައާއި ސަގާފަތް ރަމްޒުކޮށްދޭ އެތަކެއް ދާއިރާއަކާ ގުޅިފައިވާ އެއްޗަކަށްވާތީ މި ގަސް ހިމާޔަތްކޮށް މި އަގުހުރި ވަސީލަތުގެ ފުރިހަމަ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުން މުހިންމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top