ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް ފުޓްބޯޅަ މުބާރާތް މިމަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ނިންމައި ގުރުއަތުލުން ބާއްވައިފިއެވެ.
މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް, ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ހުޅުމާލެ, ވިލާ އިންޓަނޭޝަނަލް ހަޔަރ ސްކޫލް, ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން މާލެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި 7 ވަނަދުވަހު ހަވީރު އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ހުޅުމާލެ ބައްދަލުކުރާއިރު، މުބާރާތުގެ ދެވަނަ މެޗްގައި އެރޭ ބައްދަލުކުރާނީ ވިލާ އިންޓަނޭޝަނަލް ހަޔަރ ސްކޫލާއި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން މާލެ އެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެއްވަނަ ޓީމާއި ދެވަނަ ޓީމު ފައިނަލަށް ދާގޮތަށް ރޭވިފައިވާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 15 ފެބްރުވަރީ 2026 ދުވަހު ހަވީރުއެވެ.

