ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބޯމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ މާތްކަން

މާތްﷲގެ ރަޙުމަތާއި، ފުއްސެވުމާއި، ނަރަކައިން މިންޖުކުރެއްވުމުގެ މަތިވެރި މޫސުން ކަމުގައިވާ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަން މިވަނީ ގާތްވެފައެވެ. މިއީ މުސްލިމް އުންމަތަށް ލިބޭ އެންމެ ބޮޑު އެއް ނިޢުމަތެވެ. މި މަތިވެރި މޫސުމުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބިގަނެވޭނީ އެ މަހަށްޓަކައި އެކަށީގެންވާ ތައްޔާރުތަކެއް ވެގެންނެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަކީ ހަމައެކަނި ގޭތެރެ ސާފުކޮށް، ކާތަކެތި އެއްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ މުހިންމު ތައްޔާރުވުމަކީ ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތައްޔާރުވުމެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ހިތްތައް ސާފުކޮށް، ގިނަގިނައިން ހެޔޮ އަމަލުތައް ކުރުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. ނަމާދުތަކަށް ރައްކާތެރިވުމާއި، ކީރިތި ޤުރުއާން ކިޔެވުމަށް ވަގުތު ހުސްކުރުމަކީ މި މަހުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި ކުރަންޖެހޭ ކަންކަމެވެ.

މީގެ އިތުރުން، ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަން އުނގެނި ދަސްކުރުމަކީ ކޮންމެ މުސްލިމަކަށްމެ ނުހަނު ބޭނުންތެރި ކަމެކެވެ. ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ މަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދްރި ވިލޭރޭ ހިމެނިގެންވެއެވެ. މިފަދަ މަތިވެރި ސިފަތަކާއި ފަޟީލަތްތައް ރަނގަޅަށް ދަސްކޮށް އުނގެނުމުން، އެ މަހުގެ އަޅުކަންތަކަށް ދެވޭ ސަމާލުކަން އިތުރުވެ، ހިތުގައި އީމާންކަން ވަރުގަދަވެގެންދެއެވެ.

ރަމަޟާން މަހަށް ދޭންޖެހޭ ޙައްޤު ޤަދަރު ދެވޭނީ އެމަހުގެ މާތްކަމާއި މަތިވެރިކަން އިންސާނާގެ ހިތަށް ވަންނަ މިންވަރެއްގެ މައްޗަށެވެ. އެ މަހުގެ އަގު ވަޒަންކުރެވޭނީ އޭގެ މަތިވެރިކަން ރަނގަޅަށް ދަންނަ މީހަކަށެވެ. ހިތުގައި މި މަތިވެރިކަން ބޮޑުވި ވަރަކަށް، ބޭކާރު ވާހަކަ ދެއްކުމާއި، ވަގުތު ނަގާލުމުން ދުރުހެލިވެވޭނެއެވެ. އަދި ހަމައެހެންމެ، ރޯދައިގެ މަތިވެރި މަޤްޞަދު ކަމުގައިވާ ތަޤުވާވެރިކަން ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، ބޯމަތިވަމުން މި އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު މާތްﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުމެވެ. އަދި އެ މަހުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ލިބޭ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އާމީން.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top