ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީލީގުގެ ފަސްވަނަ މެޗުން ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބު އަދި ހަވަނަ މެޗުން އީރާނުގެ ފޫލާދު މުބާރަކާ ސެޕަހާން މޮޅުވެއްޖެއެވެ.
މުބާރާތުގެ ފަސްވަނަމެޗްގައި އިއްޔެ ހަވީރު ބައްދަލުކުރީ ދިވެހިރާއްޖޭގެ ވެމްކޯ އާއި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް މިމެޗް ޓުރާން ވޮލީބޯލް ކުލަބު ކާމިޔާބު ކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޓުރާން ވޮލީބޯލް ކުލަބު ހޯދީ 25.21 ، 25.8 25.8 އިންނެވެ. މިމެޗުން ހޯދި މޮޅާއިއެކު ދެ މެޗުން މޮޅުވެ ގުރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގަ ޓުރާން ވޮލީބޯލް ކުލަބު މިވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ.

ފޮޓޯ. ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން
މިގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ދިވެހިރާއްޖޭގެ ވެމްކޯ އާއި ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ހަވަނަ މެޗްގައި ވާދަކުރާ ނޭޕާލް ޕޮލިހާއި ފޫލާދު މުބާރަކާ ސެޕަހާންއެވެ. ކުރިން ކުޅުނު މެޗުން މޮޅުވެފައިވާ މި ދެޓީމުގެ ކުރިމަތިލުން ނުހަނު ފޯރިގަދަވާނެ ކަމަށް ހީކުރެވުނު ނަމަވެސް، ފޫލާދު މުބާރަކާ ސެޕަހާން ފެނުނީ މާބޮޑަށް ވެސް ތަފާތު ކޮށެވެ. ސީދާ ތިންސެޓުން ފޫލާދު މުބާރަކާ ސެޕަހާން ކާމިޔާބުކުރި މިމެޗްގެ ސެޓްތައް އެޓީމް ހޯދީ 14-25 15-25 އަދި 18-25 އިންނެވެ.
މިމެޗުން ހޯދި ތިން ޕޮއިންޓާއިއެކު 6 ޕޮއިންޓް ހަމަކޮށް ސެމީފައިނަލްގެ ޖާގަ ފޫލާދު މުބާރަކާ ސެޕަހާން މިވަނީ ޔަގީން ކޮށްފައެވެ. މިއަދު ހަވީރު އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބާއި ބައްދަލުކުރާ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ވެސް ފޫލާދު މުބާރަކާ ސެޕަހާންއަށް އެބައޮތެވެ.
މިގުރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ އާއި ނޭޕާލްގެ ނޭޕާލް ޕޮލިސް މާދަމާރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މިދެޓީމު ވެސް ހޫމޯ ވޮލީބޯލް ކުލަބާއި ބައްދަލުކުރި މެޗުން މޮޅުވިއިރު ފޫލާދު މުބާރަކާ ސެޕަހާން އާއި ބައްދަލުކުރި މެޗުން ބަލިވިއެވެ.
މިމުބާރާތުގެ ދެމެޗް މިއަދާއި މިރޭ ވެސް އޮންނާނެ އެވެ. ހަވީރުގެ މެޗްގައި ބައްދަލު ކުރާނީ ފޫލާދު މުބާރަކާ ސެޕަހާން އާއި ހޫމޯ ވޮލީބޯލް ކުލަބެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ވެމްކޯ އާއި ހިރުދަރަމާނީ ސްޕޯޓްސް ކްލަބެވެ.
