ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދިރޭތަކެއްޗަށް ކަމޭހިތުމުގެ މާތްކަމާއި ދިރޭތަކެއްޗަށް އަނިޔާވެރިވުމުގެ ނުބައިކަން
ފޮޓޯ: ގޫގްލް

މި ކާއިނާތުގައިވާހާ ތަކެއްޗެއް ހެއްދެވީ މަތިވެރިވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އިންސާނުންނާއި، ޖިންނީންނާއި، މަލާއިކަތުންގެ އިތުރުން، މި ބިމުގައި ލައްވާފައިވާ އެންމެހާ ދިރޭތަކެއްޗަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެވެ. ހަމަ އެކަނި އިންސާނުންނަކަށް ނޫނެވެ. ދުނިޔޭގައިވާ އެންމެހާ ދިރުންތަކަށް އޯގާތެރިވުމަށް މި މަތިވެރި ދީން ބާރުއަޅައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ދިރުންލައްވާފައިވާ މަޚުލޫޤުންނަށް އަނިޔާވެރި ނުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ކުޑަކުޑަ ހިންޏަކަށް ވިޔަސް، ނުވަތަ މަގުމަތީގައި އުޅޭ ބުޅަލަކަށް ވިޔަސް، ސަބަބަކާ ނުލައި ތަދުކޮށް، އަނިޔާކުރުމަކީ އިސްލާމީ ރަހުމާއި އޯގާތެރިކަމުގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ. ދިރޭތަކެއްޗަށް އަނިޔާވެރިވުމުގެ ނުބައިކަން ހާމަކުރައްވައި ކީރިތި ރަސޫލާ ﷺ ވަނީ އެތައް އިރުޝާދުތަކެއް ދެއްވާފައެވެ. ބުޅަލަކަށް ކާންނުދީ ބަންދުކޮށްގެން ގެންގުޅުނު އަންހެނަކު، އެކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހުނު ވާހަކައަކީ އަނިޔާވެރިވުމުގެ ނުބައިކަން ބަޔާންކޮށްދޭ ވަރުގަދަ ހެއްކެކެވެ.

އަޅުގަނޑުމެން އިންސާނުންނަށް ލިބިފައިވާ ފަދަ އިޙްސާސްތަކާއި ހިއްސުތައް ޖަނަވާރުންނަށްވެސް ލިބިގެންވެއެވެ. އިންސާނަކަށް އަނިޔާއެއް ލިބުމުން ތަދުވާ ފަދައިން، ޖަނަވާރުންނަށްވެސް ތަދުވެއެވެ. އެތަކެއްޗަށް ބަނޑުހައިހޫނުކަމާއި، ފިންޏާއި ހޫނު އިޙްސާސްވެއެވެ. ތަފާތަކީ އެތަކެއްޗަށް ލިބޭ ތަދާއި ވޭން ދުލުން ބަޔާންކޮށްދޭން ނޭނގޭ ކަމެވެ. އެހެންކަމުން، ބަސްނުބުނެވޭ މިފަދަ މަޚުލޫޤުންނަށް ރަޙުމްކުރުމަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ސިފައެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއެއްގައި ފެންނަނީ މީހަކު މަސްބާނަ ދޮށްޓެއްގައި ބުޅަލެއް ބާނުވައިގެން އެތައް ބައެއްގެ ކުރިމަތީގައި މަޖާ ނަގަމުން ދިޔަމަންޒަރެވެ. މަރަށް ބިރުން ތެޅެމުން ދިޔަ ބުޅާ އެކި ކޮޅުކޮޅަށް ދުވެ ހަދަމުން ދިޔައިރު ކުޅިބަލަން ތިބި ގިނަ ބަޔަކު އެކަން ބަލައިގަންނަމުން ދިޔައީ ކުރެވޭ މަޖާ ކަމެއްގެ ގޮތުގައެވެ. ޖަނަވާރުންނަކީ އިންސާނުނާއި އެއްފަދަ ވިސްނުމެއް ދެއްވާފަ ނެތް އެއްޗެއް ކަމުގައިވީނަމަވެސް، އެއިން އެއްޗެއް މީހަކަށް އުނދަގުލެއް ކުރެވުނަސް ކުދި އަނިޔާދީ ރަހުމް ކުޑަ ގޮތްގޮތަށް މަރާ ހެދުމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ބޮޑެތި ފާފަތަކެވެ. ވީމާ މި ކަންކަމުގެ ނުބައިކަން ދަނެ މި ކަންކަމުން އަޅުގަނޑުމެން ދުރުހެލި ވާންޖެހެއެވެ.

ދިރޭތަކެތިދެކެ ލޯބިވުމާއި، އެތަކެއްޗަށް އޯގާތެރިވުމަކީ މަތިވެރި އަޖުރާއި ސަވާބު ލިބޭނެ ކަމެކެވެ. ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންބޯންދިން މީހެއްގެ ފާފަ ﷲ ފުއްސަވައިދެއްވި ވާހަކައަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ ޢިބުރަތްތެރި ވާހަކައެކެވެ. ބިމުގައިވާ ތަކެއްޗަށް އޯގާތެރިވާ މީހާއަށް އުޑުގައިވާ ފަރާތް (ﷲ) ރަޙުމްކުރައްވާނެކަމަށް ޙަދީޘްފުޅުތަކުން އެނގެން އޮވެއެވެ.

ކޮންމެ ދިރޭ އެއްޗަކީވެސް ﷲގެ މިލްކެކެވެ. އެތަކެއްޗަށް އިޙްތިރާމްކޮށް، އޯގާތެރިކަމާއެކު މުޢާމަލާތް ކުރުމަކީ އަޅުގަނޑުމެންގެ އަޚްލާޤީ އަދި ދީނީ މަސްއޫލިއްޔަތެކެވެ. ދިރޭތަކެއްޗަށް އަނިޔާކުރުމުން ދުރުހެލިވެ، އޯގާތެރިކަން އިސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ހުރިހާ މަޚުލޫޤުންނަށްޓަކައި ރަޙުމާއި ކުލުނު އުފައްދަމާ ހިނގާށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top