2006 ވަނަ އަހަރު ނެރުނު މަޝްހޫރު ކޮމެޑީ ފިލްމު ‘ބާގަމް ބާގް’ ގެ ދެވަނަ ބައިން ފެނިގެންދާ ތަރިންނަށް ބޮޑު ބަދަލެއް އައިސްފައިވާކަމުގެ މަޢުލޫމާތު، އެ ފިލްމުގެ މުހިންމު ތަރިއެއް ކަމަށްވާ ޕަރޭޝް ރާވަލް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، މި ފިލްމުގެ ސީކުއެލްގައި ގޯވިންދާ ބައިވެރިނުވާނެކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
މީޑިއާއާ ވާހަކަދައްކަމުން ޕަރޭޝް ރާވަލް ބުނި ގޮތުގައި، މި ފިލްމުން މިފަހަރު ފެންނާނީ ވަރަށް ތަފާތު އަދި އާ ކޮމްބިނޭޝަނެކެވެ. ފުރަތަމަ ފިލްމުން ފެނުނު އަކްޝޭ ކުމާރާއި ޕަރޭޝް މި ފިލްމުން ވެސް ފެންނާނެއެވެ. ނަމަވެސް، ކުރިން ގޯވިންދާ ކުޅުނު ރޯލުން މިފަހަރު ފެންނާނީ މަނޯޖް ބާޖްޕާއީ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ޕަރޭޝް ބުނީ، ގޯވިންދާއާއެކު މަސައްކަތް ކުރަން ވަރަށް ބޭނުންވި ކަމަށާއި އޭނާ ނެތުމުން އެކަން އިހުސާސްވާނެ ކަމަށެވެ. އެހެންނަމަވެސް، ގޯވިންދާ މި ފިލްމުން ވަކިވި ސީދާ ސަބަބެއް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މި ފިލްމުގައި ޕަރޭޝް ދެ ރޯލަކުން ފެންނާނެ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، މި ފިލްމުގެ ބަތަލާގެ ރޯލަށް މީނާކްޝީ ޗައުދަރީ ގެނައުމަށް ދަނީ ވިސްނަމުންނެވެ. އޭނާ ފެންނާނީ މަނޯޖްއާ އެކުގައެވެ. މިއީ 2019 ވަނަ އަހަރުގެ ފިލްމު ‘އަޕްސްޓާޓްސް’ އަށް ފަހު މީނާކްޝީ ހިންދީ ސިނަމާއަށް އެނބުރި އަންނަ ފިލްމަށް ވާނެއެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ފުރަތަމަ ފިލްމު ޑައިރެކްޓްކުރި ޕްރިޔަދަރްޝަންގެ ބަދަލުގައި ‘ބާގަމް ބާގް 2’ ޑައިރެކްޓް ކުރާނީ ރާޖް ޝާންޑިލްޔާ ކަމެވެ.
