ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ތިންވަނަ ބައި

ހިތުގެ ތޫފާނާއި އާ ފެށުން

ޒާރާ ހުރީ އަޒީލްގެ އޮފީސް ހުންނަ ފަންގިފިލާގެ ބޮޑު ބިއްލޫރި ދޮރުމަތީގައެވެ. އޭނާގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެއެވެ. މިއީ ހަމައެކަނި ބައްދަލުވުމެއް ނޫނެވެ. އަޒީލަށް ކާމިޔާބީ ދައްކާލުމުގެ ފުރުސަތެކެވެ.

“ވަދޭ، ޒާރާ. އިށީނދޭ،” އަޒީލް ބުންޏެވެ. އެ އަޑުގައި ހުރީ ބާރުގަދަ ގޮތެކެވެ. އެއީ ޒާރާގެ ހުވަފެންތަކުގައި ގުގުމާ އަޑެވެ. ޒާރާ ގޮނޑީގައި އިށީނދެލިއެވެ. އޭނާ ގެނައި ފައިލްތައް މޭޒުމަތީގައި ބެހެއްޓިއެވެ. އޭނާ މަސައްކަތް ކުރީ ހަމަޖެހިލާށެވެ.

“ޝުކުރިއްޔާ އަޒީލް. މިއީ އަހަރެން ތައްޔާރުކުރި ޕްރޮޕޯސަލް،” ޒާރާ ބުންޏެވެ. އޭރު އޭނާގެ ކޮލީގުން އައިސް ޒާރާ ތައާރަފު ކޮށްދިނެވެ. “މިއީ އާމިނަތު ޒާރާ އާޒިމް. މި ކުންފުނީގެ ސީ.އީ.އޯ،” އެމީހުން ބުންޏެވެ. އަޒީލްގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ.

އަޒީލް އަމިއްލައަށް ތައާރަފުވެލިއެވެ. “އަހަންނަކީ އަޒީލް، ޒާރާގެ އަވަށްޓެރިއާ، އަދި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރ” އަވަށްޓެރިއާ އޭ ބުނުމުން އެންމެން ހައިރާންވިއެވެ.

އަޒީލް ފައިލްތަކަށް ބަލައެއް ނުލިއެވެ. އޭނާ ބަލަހައްޓައިގެން އިނީ ޒާރާގެ ދެލޮލަށެވެ. “މިހާ ގިނަ ދުވަސް ފަހުން، އަހަރެމެން މިގޮތަށް ބައްދަލުވާނެ ކަމަށް ޒާރާ ދުވަހަކުވެސް ހީކުރިންތަ؟” ކުންފުނީގެ ސީ.އީ.އޯ؟” އަޒީލް ސުވާލުކުރިއެވެ. ނަމަވެސް ވަގުތުން ރާގު ބަދަލުކޮށްލިއެވެ. “ލެޓްސް ގެޓް ބެކް ޓު ވޯކް،” އޭނާ ހިނިތުންވެލިއެވެ.

ޒާރާ ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާގެ ހިތުގެ ތެޅުން މަޑުޖެހުނަސް، އަޒީލްގެ އެ ކުއްލި ބަދަލުން އޭނާ އިތުރަށް ހައިރާންވިއެވެ. އަޒީލް ނުވަތަ އަލީއަކީ ކުރިންފެށިގެން ކަންކަން ރޭވުމުގައި ކުޅަދާނަ މީހެކެވެ.

ޒާރާ އޭނާގެ ކުރިމަތީގައި އޮތް ޓެބްލެޓް ހުޅުވާލަމުން ބުންޏެވެ. “މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގައި އަހަރެމެން އަމާޒު މިކުރަނީ ރިސޯޓުގެ މުޅި ބްރޭންޑިންގ އައުޓްލައިން ފަރުމާކުރަން. މިއީ ހަމައެކަނި ފެންނަ ފެނުމަކަށް ކުރާ ކަމެއް ނޫން، މިއީ ރިސޯޓަށް ޒިޔާރަތްކުރާ މީހުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމެއް.”

އަޒީލް ވަރަށް ފަރުވާތެރިވިއެވެ. ޒާރާގެ ހުނަރު ފެނި އޭނާ ހައިރާންވިއެވެ. “އަހަރެން ބޭނުންވަނީ ހަނދާން ނުނެތޭނެ ފަދަ އިހުސާސެއް ގެނެސްދޭން،” އަޒީލް ބުންޏެވެ.

“އަހަރެމެން މަސައްކަތް ކުރާނީ އެ އަމާޒަށް ވާސިލްވާން. މާދަމާ ތަފްސީލީ ރިޕޯޓް އީމެއިލް ކުރާނަން. މިވަގުތަށް އަހަރެން ދަނީ،” ޒާރާ އަވަސްއަވަހަށް ތެދުވިއެވެ. އޭނާ ބޭނުންވީ އެތަނުން ނުކުންނާށެވެ.

“ޒާރާ،” އަޒީލް ގޮވާލިއެވެ. “މިއީ ހަމައެކަނި ފެށުމެއް. އުންމީދު ކުރަން މިއީ ކާމިޔާބު ދުވަސްތަކަކަށް ވާނެ ކަމަށް، އިންޝާ ﷲ.”

އަޒީލްގެ އަޑުގައި މިފަހަރު ހުރީ އިޚްލާސްތެރިކަމެވެ.

ޒާރާ ބޭރަށް ނުކުމެ މޭގައި އަތްޖައްސާލިއެވެ. މިއީ ހަމައެކަނި މަސައްކަތެއް ނޫނެވެ. މިއީ މާޒީއާ ކުރިމަތިލުމެކެވެ. އަވަސްއަވަހަށް ކާރަށް އަރާ ދުއްވާލިއިރު އޭނާގެ ކަންފަތުގައި އަޒީލްގެ އަޑު ގުގުމައެވެ. އޭނާ އެބުނި އެ ޖުމްލައެވެ. ޒާރާގެ ހިތަށް އެރިއެވެ. “މިއަދު ހެނދުނު އަހަންނާ އެދިމާވީ އޭނައެވެ. އާ ނަމެއްގައެވެ.”

އެހެންނަމަވެސް އެ އަޑަކީ އޭނާ ހަނދާން ނައްތާލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އޭނާގެ ހަޔާތުގެ ކޮންމެ މަންޒިލަކުން އޭނާއާ ބައްދަލުކުރާނެ އަޑެއްކަން ޔަގީނެވެ.

ހަމައެއާއެކު ލަޔަލް އާއި ލާރާގެ ސޫރަ  ޒާރާއަށް ސިފަވަމުން ދިޔައެވެ. އެ ދެ ކުދިންނަކީ އަޒީލްގެ ސޫރައެވެ. ކުދިންގެ ހިނިތުންވުމާއި، ވާހަކަދައްކާ ގޮތް އަދި އެ ދެލޮލުގައިވާ މައުސޫމްކަމަކީ އަޒީލްގެ ސޫރައާ އިންތިހާއަށް އެއްގޮތް ކަންތައްތަކެކެވެ. އެއީ މީގެ 5 އަހަރުކުރިން އޭނާގެ އަތުން ބީވެގެންދިޔަ އޭނާގެ އަމިއްލަ ފުރާނައިގެ ބައިތަކެއް ކަމަށެވެ.

“އަހަރެން ޖެހޭނީ ޔަގީންކުރަން. ޑީ.އެން.އޭ ޓެސްޓެއް ހަދަން ޖެހޭނެ،” ޒާރާ އަމިއްލަ ނަފްސަށް ބުންޏެވެ. އޭނާގެ ހިތުގައި އުފެދެނީ ނަފުރަތެވެ. އަޒީލް ފަދަ މީހެއްގެ މުށްދަށުގައި ދަރިން ބޭތިއްބުމަކީ ކެތްވާނެ ކަމެއް ނޫނެވެ.

“އެ ނުލަފާ އިންސާނާގެ ކިބައިން ދަރިން ސަލާމަތް ކުރާނަން.” ކޯޓަށް ގޮސްގެންވެސް ދަރިން ހޯދާނަން ޒާރާ އަޒުމް ކަނޑައެޅިއެވެ. މިއީ އޭނާގެ ހަނގުރާމައިގެ ފެށުމެވެ.

ޒާރާގެ ހިތުގައި އަޒީލްއަށްޓަކައި އޮތް ލޯބީގެ ބަދަލުގައި މިހާރު އުފެދެމުން ދިޔައީ ނަފުރަތާއި ބިރުވެރިކަމެވެ. އަޒީލް ފަދަ އަމިއްލަ އެދުމުން ފުރިގެންވާ، ނުލަފާ އިންސާނެއްގެ މުށްދަށުގައި އޭނާގެ ދަރިން ބޭތިއްބުމަކީ ޒާރާގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.

އަޒީލްގެ އޮފީހުން ނުކުމެގެން ދިޔައިރު، އަޒީލްގެ ހިތުގައި ބައިވަރު ސުވާލުތަކެއް ވެރިވިއެވެ. ޒާރާ މިކުންފުނީގެ ސީ.އީ.އޯ އަށް ބަދަލުވިގޮތާއި މެދުގައެވެ.

“އަހަރެން މީގެ ފަސް އަހަރުކުރިން އޭނާގެ އެކައުންޓު ފްރީޒު ކުރިން” އަޒީލްގެ ހިތަށް އެރިއެވެ. “އޭނާގެ އަތުގައި އެންމެ ރުފިޔާއެއްވެސް ނުބަހައްޓާ، ހުރިހާ މަގެއް ބަންދުކުރީ އޭނާ އަހަރެންގެ ގާތަށް އެނބުރި އަންނާނެ ކަމުގެ އުއްމީދުގަ.”

“އެއްވެސް އެހީތެރިކަމެއް ނެތި، ހުރިހާ މުދަލަކާއި ފައިސާއެއް ހިފަހައްޓާފައި ވަނިކޮށް އޭނާ މި ހިސާބަށް އާދެވުނީ ކިހިނެއް؟” އަޒީލްގެ ގާތަށް ރުޅިއާދެވުނެވެ.

އަޒީލްގެ ހިތުގައި ބިރުވެރިކަމެއް އުފެދެން ފަށައިފިއެވެ. ޒާރާ އެނބުރި އެއައީ ހަމައެކަނި ވިޔަފާރި ކުރާކަށް ނޫނެވެ. އޭނާގެ ދެލޮލުން ފެންނަނީ ބަދަލުހިފުމުގެ ރޫހެވެ. އޭނާގެ ދަރިންނަށްޓަކައި ކުރާނެ ހަނގުރާމައިގެ ނިޝާންތަކެވެ. އަޒީލްއަށް ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްވާން ފެށީ ދެނެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް މިއަދު ޒާރާ މިވަނީ ކެރޭ އަދި ވަރުގަދަ މީހަކަށް ވެފައެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top