އިންސާނާގެ ހިތަކީ ޒަމާނުއްސުރެ ލޯތްބާއި ކުލުނުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. ނަމަވެސް، ޙަޤީޤަތުގައި އެއީ މުޅި ހަށިގަނޑަށް ލޭ ފޮނުވައިދޭ ޕަމްޕެކެވެ.
އެހެންކަމަށްވާނަމަ، ހިތާއި ލޯތްބާ ދެމެދު މިފަދަ ވަރުގަދަ ގުޅުމެއް އުފެދުނީ ކީއްވެގެން ހެއްޔެވެ؟ އިންސާނާގެ ހަށިގަނޑުގައިވާ އެހެން އެއްވެސް ގުނަވަނަކާ މިފަދަ އިޙްސާސެއް ގުޅުވިފައެއް ނުވެއެވެ. އަދަބިއްޔާތާއި ޅެންވެރިކަމުގައި މި ބުނާ ބުނުންތަކުގެ ފަހަތުގައި ސައިންސީ ސަބަބެއް އޮވެދާނެ ހެއްޔެވެ؟
ބައެއް ދިރާސާވެރިން ޤަބޫލުކުރާ ގޮތުގައި، މި ގުޅުން މިގޮތަށް އޮންނަނީ އިންސާނާގެ ހިތަކީ އަމިއްލަ “ވިސްނުމެއް” ނުވަތަ “ސިކުނޑިއެއް” ލިބިފައިވާ ގުނަވަނަކަށް ވާތީއެވެ. އަދި މިއީ ހަމައެކަނި ފަލްސަފާއެއް ނޫން ކަމަށާއި، ސައިންސީ ތަޖުރިބާތަކުން ސާބިތުވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އާންމުގޮތެއްގައި ވިސްނުމުގެ ބާރު ލިބިގެންވަނީ “ނިއުރޯން” (neurons) ތަކަށެވެ. ކުރިން ބެލެވިފައި އޮތީ ނިއުރޯންތައް ހުންނަނީ ހަމައެކަނި ސިކުނޑީގައި ކަމަށެވެ. ނަމަވެސް، މިއީ ކުށް ހީއެއްކަން މިހާރު ވަނީ އެނގިފައެވެ. ސައިންސް ޑޮކިއުމެންޓްރީ އުފައްދާ ޑޭވިޑް މެލޯންގެ “އޮފް ހާާޓްސް އެންޑް މައިންޑްސް” ފިލްމުގައި ހިތާއި ސިކުނޑީގެ ގުޅުމާ ބެހޭގޮތުން ހައިރާންކުރުވަނިވި ހޯދުންތަކެއް ވަނީ ހިއްސާކޮށްފައެވެ.
ހިތުގައި ނިއުރޯންތައް ހުރޭ
އަޅުގަނޑުމެންގެ އިޙްސާސްތައް ކޮންޓްރޯލް ކުރަނީ ހަމައެކަނި ސިކުނޑިން ކަމަށް ބެލެވުނު ނަމަވެސް، އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޭވިޑް ޕެޓަރސަން މިކަމާ ދެކޮޅު ހައްދަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި އިޙްސާސްތައް އުފައްދަނީ ހަމައެކަނި ސިކުނޑިއަކުން ނޫނެވެ. ހިތުގައިވެސް ސިކުނޑީގައި ހުންނަ ފަދަ ނިއުރޯންތަކެއް ހުރެއެވެ. އަދި މި ނިއުރޯންތައް މަސައްކަތް ކުރަނީ ސިކުނޑިއާ ގުޅިގެންނެވެ.
“ސިކުނޑިން ސިމްޕަތެޓިކް ނާރވްސް މެދުވެރިކޮށް ސިގްނަލް ފޮނުވުމުން ހިތުގެ ވިންދު އަވަސްވޭ. އަދި ޕެރަސިމްޕަތެޓިކް ނާރވްސް މެދުވެރިކޮށް ސިގްނަލް ލިބުމުން ހިތުގެ ވިންދު މަޑުޖެހޭ،” ޕެޓަރސަން ވިދާޅުވިއެވެ.
ހިތުގެ ކަނާތްފަރާތު ވެންޓްރިކަލްގެ ސަތަހައިގައި ވަރަށް ޚާއްޞަ ނިއުރޯންތަކެއް ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ވިސްނުމުގެ މަސައްކަތްކުރާ ބާވަތުގެ ނިއުރޯންތަކަކަށް ވާއިރު، ލޭ ފޮނުވައިދޭ ގުނަވަނެއްގައި މިފަދަ ނިއުރޯންތަކެއް ހުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.
ހިތުގެ ނިއުރޯންތަކަށް އަމިއްލައަށް ވިސްނުމުގެ ބާރު ލިބިގެންވޭ
ތަޖުރިބާއެއްގައި، މުސަޅެއްގެ ހިތުން މިފަދަ ނިއުރޯންތައް ހުރި ބައެއް ވަކިކޮށް، އޮކްސިޖަނާއި ފައިދާހުރި މާއްދާތައް ހުރި ޓޭންކެއްގައި ބޭއްވުނެވެ. އެއްވެސް ހަށިގަނޑަކާ ގުޅިފައި ނުވި ނަމަވެސް އަދި ލޭގެ ދައުރުވުމެއް ނެތް ނަމަވެސް، އެ ހިތުގެ ބައި އަމިއްލައަށް ތަޅެމުން ދިޔައެވެ. ޕްރޮފެސަރ ޕެޓަރސަން އެ ބަޔަށް ކަރަންޓު ޝޮކެއް ދެއްވުމުން، ވަގުތުން އޭގެ ވިންދު މަޑުޖެހުނެވެ. ޕެޓަރސަން ޤަބޫލުކުރައްވާ ގޮތުގައި މިއީ އެ ލިބުނު ބާރަށް އިޖާބަދިނުމުގެ ގޮތުން އެ ނިއުރޯންތަކުން އަމިއްލައަށް ނިންމި ނިންމުމެކެވެ.
ނޭދެވޭ އިޙްސާސްތަކަށް ހިތް ކުރާ އަސަރު
ޞިއްޙީ ދިރާސާތަކުން ދައްކާ ގޮތުގައި ގަދައަށް ރުޅިއައުމަކީ ހިތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މީގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ފަސް ގުނަ އިތުރުވެއެވެ. ހަމައެހެންމެ، ބޮޑު ހިތާމައެއް ލިބުމަކީވެސް ނުރައްކާތެރި ކަމެކެވެ. ލޯބިވާ މީހަކު މަރުވާ ދުވަހުގެ އަނެއް ދުވަހު ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު 21 ގުނަ އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ދިގު މުއްދަތަކަށް ނަފްސާނީ ބުރަ އުފުލަންޖެހޭ މީހުންނަށް (މިސާލަކަށް ސިފައިންނާއި ޑޮކްޓަރުން) ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އާންމު މީހުންނަށްވުރެ ބޮޑެވެ.
އަޅުގަނޑުމެން ހާސްކަމެއްގައި ތިބޭއިރު، އީ.ސީ.ޖީ (ECG) އިން ފެންނަނީ ހިތުގެ ވިންދު ތަރުތީބެއް ނެތި ހުންނަ މަންޒަރެވެ. މިއީ ހަށިގަނޑުގެ ނާރވަސް ސިސްޓަމްގެ ބައިތައް އެކަތި އަނެކައްޗާ ނުގުޅި މަސައްކަތް ކުރާތީ ވާގޮތެކެވެ. މިއީ އެއްފަހަރާ ކާރެއްގެ ރޭސް ދިނުމާއި ބްރޭކް ޖެއްސުން ކަހަލަ ކަމެކެވެ.
އުފާވެރި އިޙްސާސްތަކަށް ހިތް ކުރާ އަސަރު
އޭގެ އިދިކޮޅަށް، އުފަލާއި ހިތްހަމަޖެހުން ލިބޭ ވަގުތުތަކުގައި ހިތުގެ ވިންދު ހުންނަނީ ވަރަށް ތަރުތީބުންނެވެ. މި ހާލަތުގައި ނާރވަސް ސިސްޓަމްގެ ހުރިހާ ބައިތަކެއް މަސައްކަތް ކުރަނީ ފުރިހަމަ ގުޅުމެއްގެ ތެރެއިންނެވެ.
އެހެންކަމުން، އުފާވެރި އިޙްސާސްތަކަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ފަރުވާއެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ހިތުގެ ބަލި ޖެހުމުގެ ނުރައްކާ އޮތް މީހުންގެ ތެރެއިން އުފާވެރި މިޒާޖެއްގެ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ތިންބައިކުޅަ އެއްބަޔަށް ކުޑަވެއެވެ.
ހިތުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރު
މެލޯން ހެދި އިތުރު ތަޖުރިބާއެއްގައި، އޭނާއަށް ބިރުވެރި ފޮޓޯތަކެއް ދެއްކުނެވެ. ބައެއް ފޮޓޯތައް ދެއްކީ އޭނާގެ ހިތުގެ ވިންދާ ދިމާވާ ގޮތަށެވެ. ހިތުގެ ވިންދާ ދިމާކޮށް ދެއްކި ފޮޓޯތަކުން އޭނާއަށް ކުރި ބިރުވެރިކަމުގެ އަސަރު، އެހެން ފޮޓޯތަކަށްވުރެ މާ ގަދައެވެ.
މީގެއިން އެނގެނީ ހިތުގެ ވިންދުގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް އަސަރުކުރާ ކަމެވެ. ދިރާސާވެރިން ވަނީ މިކަމުގެ ސަބަބުން ސިކުނޑީގެ “އެމިގްޑަލާ” (amygdala) ކިޔާ ބަޔަށް އަސަރުކުރާކަން ހޯދާފައެވެ. އެމިގްޑަލާއަކީ ބިރުގަތުމާއި ނުރައްކާތަކަށް އިޖާބަދިނުން ކޮންޓްރޯލްކުރާ ބަޔެވެ. މި ތަޖުރިބާގައި ސިކުނޑިއަށް އަސަރު ފޯރުވީ ހިތުގެ ސިގްނަލްތަކުންނެވެ.
މެލޯން ބުނާ ގޮތުގައި، “އަޅުގަނޑުމެން އަނެކުންނަށްޓަކައި އިޙްސާސްތައް އުފައްދަނީ ހިތާއި ސިކުނޑި ގުޅިގެން ކުރާ މަސައްކަތުންނެވެ. އިންސާނިއްޔަތުކަމުގެ އަޞްލަކީ މިއީއެވެ. ކުލުނަކީ ހިތުން ސިކުނޑިއަށް ދޭ ހަދިޔާއެކެވެ.”
މިއީ ހަމައެކަނި ޚިޔާލީ ޅެންވެރިކަމެއް ހެއްޔެވެ؟
ކަން މިހެން އޮތް ނަމަވެސް، ބައެއް ސައިންސްވެރިން މިކަމާ ދެކޮޅު ހަދައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ހިތުގައި ނިއުރޯން ހުރުމަކީ އެއީ ވިސްނާ ގުނަވަނަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. މައިބަދައިގައާއި ނާރުގެ ނިޒާމުގެ އެހެން ތަންތަނުގައިވެސް ނިއުރޯން ހުރެއެވެ.
ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި ހިތުގައި ނިއުރޯން ހުންނަނީ ހިތުގެ މަސައްކަތަކީ ވަރަށް ބުރަ އަދި ޚާއްޞަ މަސައްކަތަކަށް ވާތީ، އެކަން ތަރުތީބުކޮށް ބެލެހެއްޓުމަށެވެ. ސިކުނޑީގެ ނިއުރޯންތަކާއި ހިތުގެ ނިއުރޯންތައް ތަފާތެވެ. އަދި ނިއުރޯން ހުރުމަކީ އެއީ އަމިއްލަ އިޙްސާސްތަކާއި ހޭލުންތެރިކަން ހުރިކަމުގެ ހެއްކެއް ނޫން ކަމަށް އެފަރާތްތަކުން ވަކާލާތު ކުރެއެވެ.
