ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ. ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ވާދަކުރީ ނިއުރޭޑިއަންޓާއި މާޒިޔާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެލަނޑު ޖެހިއިރު ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން ވަނީ ދެ ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނިޓްގައި އަހްމަދު އައިހަމް ޖަހައިދިނީ، މުޙައްމަދު އިލާން ދިން ޕާހެއްގެ ބޭނުންކޮށް ކައިރިއަށް އައި ކުޅުންތެރިޔާ ނައްޓާލުމަށްފަހު ތިރިތިރިން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ގާތްގާތުގައި ފުރުސަތުތައް ހޯދަމުންދިޔަ މާޒިޔާއިން އެޓީމުގެ ދެވަނަލަނޑު ޖެހީ 40 ވަނަ މިނިޓްގައި ގޯލްގެ ފަހަތު ދަނޑިކައިރީ، އައިހަމް މުޅިން ހުސްކޮށް ހުއްޓާ ލިބުނު ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ބަދަލަކާއިއެކު ދެވަނަ ހާފަށް ނުކުތް ނިއުރޭޑިއަންޓުން ވަނީ ދެވަނަހާފު ފެށުމާއިއެކުހެން ފުރަތަމަ ހަމަލާ އުފައްދާފައެވެ. އެހަމާ ނާކާމިޔާބުވި ނަމަވެސް 6 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ނިއުރޭޑިއަންޓުން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މިލަނޑު ނިއުރޭޑިއަންޓަށް ޖަހައި ދިނީ ހާޖީ ގެރޯއެވެ. 67 ވަނަ މިނިޓްގައި ނިއުރޭޑިއަންޓުން ނަތީޖާ ހަމަހަމަ ކުރިއިރު މިލަނޑަކީ ބަދަލަކަށް ކުޅެން ނުކުތް އަލީ އަޝްފާގު ޖަހައިދިން ލަނޑެކެވެ.
ލަނޑުޖަހާނެ އިތުރު ފުރުސަތުތައް ދެޓީމަށް ވެސް ލިބުނު މިހާފުގައި ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހެއެވެ. މާޒިޔާ ހަމްޒާ މުޙައްމަދު އާއި ނިއުރޭޑިއަންޓްގެ އަލީ ފާސިރު ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ދެޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން މޮޅުވާ ޓީމެއް ކަނޑައެޅުމަށް ކުރިޔަށް ގެންދިޔަ ޕެނަލްޓީ ސޫޓްއައުޓް މާޒިޔާއިން ކާމިޔާބުކުރީ 3-4 އިންނެވެ. އެއާއެކު މާޒިޔާއިން މިމެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފައިވަނީ 6-5 ގެ ނަތީޖާއިންނެވެ.
މިމުބާރާތުގެ ސެމީފައިނަލް ދެވަނަމެޗް އޮންނާނީ މިރެއެވެ. އެމެޗްގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް އާއި އޮޑި ސްޕޯރޓްސް އެވެ. މިމުބާރާތުގެ ފައިނަލްމެޗް އޮންނާނީ 25 ވަނަ ދުވަހުގެރޭ އެވެ
