ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަރިފުޅު މިކަންކަން ކުރޭތަ؟ ލަސްނުކޮށް އަވަހަށް ޑަކްޓަރެއްގެ ލަފާ ހޯއްދަވާ!

ކޮންމެ ބެލެނިވެރިޔަކީވެސް އެމީހެއްގެ ދަރިފުޅަކީ ދުޅަހެޔޮ، ސިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށް އެދޭނެ މީހެކެވެ. ނަމަވެސް، ބައެއް ފަހަރު ކުއްޖާ ބޮޑުވަމުން އަންނަ އިރު، އާދައިގެ ކުދިންނާއި ތަފާތު އުޅުމެއް ނުވަތަ އާދަތަކެއް ފެނިދާނެއެވެ. މީގެ ތެރެއިން އެންމެ އާންމު އެއް ކަމަކީ ‘އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ’ ނުވަތަ އޯޓިޒަމްއެވެ. އޯޓިޒަމަކީ ސިކުނޑީގެ ކުރިއެރުމަށް ދިމާވާ ތަފާތު ޙާލަތެކެވެ. މިއީ ބައްޔެއް ނޫނެވެ. ނަމަވެސް، މިއީ ކުއްޖާގެ މުޢާމަލާތް ކުރުމަށާއި އިޖުތިމާޢީ ގުޅުންތަކަށް ބަދަލުތަކެއް ގެންނަ ކަމެކެވެ. އަދި އޭގެ އިތުރުން ކުއްޖާގެ މިޒާޖަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ.

އޯޓިޒަމްގެ ޢަލާމާތްތައް ކޮންމެ ކުއްޖެއްގެ ކިބައިން ފެންނާނީ ތަފާތު މިންވަރަކަށެވެ. އާންމުކޮށް ފެންނަ ބައެއް ކަންކަމުގެ ތެރޭގައި އިޖުތިމާޢީ ގުޅުންތަކަށް ހުރަސްއެޅުން ހިމެނެއެވެ. އޭގެތެރޭގައި  މީހުންނާ ހަތަރުކަޅި ހަމަކޮށްގެން ވާހަކަދެއްކުމަށް އުނދަގޫވެ، ނަމުން ގޮވުމުން އަޅާނުލައި، އަދި އެހެން ކުދިންނާއެކު ކުޅުމަށްވުރެ އެކަނި އިނުމަށް ލޯބިކުރެއެވެ. މީގެއިތުރުން ބަސްމަގާއި މުޢާމަލާތް ކުރުން އެހެން ކުދިންނަށް ވުރެ ތަފާތުކަން ފާހަގަކުރެވެން ފަށާނެއެވެ. ބައެއް ކުދިން ބަސްމަގު ލަސްވުން ނުވަތަ މުޅިން ވާހަކަ ނުދެއްކުން އެކަށީގެންވެއެވެ. އަދި ބައެއް ލަފްޒުތައް ނުވަތަ ޖުމުލަތައް ތަކުރާރުކޮށް ކިޔުމަކީ ވެސް ފެންނަ ޢަލާމާތެކެވެ. އޯޓިޒަމް ހުންނަ ކުއްޖަކު އާއްމުކޮށް މިކަންކަން ކުރާކަން ފާހަގަކުރެވޭނެއެވެ. އެކުދިން ތަކުރާރުކޮށް އެއް ހަރަކާތްތަކެއް ކޮށް އުޅޭކަން ބެލެނިވެރިޔާއަށް ފާހަގަކުރެވޭނެއެވެ. އޭގެތެރޭގައި އަތް ހޫރުވުން، އެނބުރުން، ނުވަތަ އެއް ތަނުން އަނެއް ތަނަކަށް ދުވުން ފަދަ ކަންކަން ތަކުރާރުކޮށް ކުރާނެއެވެ. އަދި ކުޅޭ އެއްޗިހި ވަކި ތަރުތީބަކުން އަތުރާފައި ބެހެއްޓުމަށް ބޭނުންވާނެއެވެ.

ހެދިބޮޑުވެގެން އަންނަ އިރު ކުއްޖާގެ އިޙްސާސްތަކަށް އެކި ކަހަލަ ބަދަލު އަންނަކަން ބެލެނިވެރިޔާއަށް ފާހަގަ ކުރެވެން ފަށާނެއެވެ. ބާރު އަޑުތަކަށް، ގަދަ އަލިތަކަށް ނުވަތަ ވަކި ކަހަލަ ފޭރާމަކަށް އާދަޔާ ޚިލާފަށް ނުރުހުންވެ އެކަންކަން ކުއްޖާގެ ކިބައިން ފެންނަން ފަށާނެއެވެ.

ކުއްޖާގެ ހެދިބޮޑުވުމުގައި މިކަންކަން ފާހަގަކުރެވޭނަމަ، ލަސްނުކޮށް ޑަކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެއްވާއިރު ކުއްޖާގެ ވާހަކަދެއްކުން ނުވަތަ ތަފާތު އަޑުތައް ލައްވައިގެން މުޢާމަލާތް ނުކުރާނަމަ، އަދި އިޝާރާތުން އެއްޗިހި ދައްކައި ނުހަދާނަމަ ވީހާވެސް އަވަހަކަށް ޑަކްޓަރެއްގެ ލަފާ ހޯއްދަވަންވާނެއެވެ. އަދި މީގެއިތުރުން 1 އަހަރާއި 4 މަސް ވާއިރު އެންމެ ބަހެއްވެސް ބުނަން ނޭނގޭނަމަ ޑަކްޓަރަށް ދައްކާ ވާނުވާ އޮޅުން ފިލުވަން ވާނެއެވެ. 2 އަހަރުވާއިރު އަމިއްލައަށް ދެ ބަހުން ޖުމުލައެއް ބުނަން އެނގެންވާނެއެވެ. މިކަން ކުރަން ނޭނގޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ޑަކްޓަރުގެ ލަފާ ހޯއްދަވައި އެކަމަށް އެޅެން އޮތް އަވަސް ފިޔަވަޅެއް އަޅަންވާނެއެވެ. ކުރިން ލިބިފައިވާ ހުނަރެއް ގެއްލި، ކުއްޖާ ކުރިން ވާހަކަދައްކާފައި ނުވަތަ މީހުންނާ ގުޅިގެން އުޅެފައި، ކުއްލިއަކަށް އެކަންކަން ހުއްޓި، އެކަހެރިވާން ފަށައިފިނަމަ އެއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

އޯޓިޒަމް ހުންނަ ކުދިންނަކީ މުޖުތަމަޢުގައި ބާކީކުރަންޖެހޭ ކުދިންނެއް ނޫނެވެ. އެކުދިންނަށް ބޭނުންވަނީ ލޯތްބާއި، އަޅާލުމާއި، އަދި އެކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިކަމެވެ. ވީހާވެސް އަވަހަކަށް މިފަދަ ޢަލާމާތެއް ފާހަގަކުރެވިއްޖެނަމަ ޑަކްޓަރަށް ދެއްކުމަކީ ކުއްޖާގެ މުސްތަޤުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. އެހެނީ، ކުރިއާލާ މިކަން ދެނެގަނެވި، ތެރަޕީތައް ފެށުމަކީ ކުއްޖާގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭނެ ކަމެކެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑަކްޓަރެއްގެ ލަފާ ހޯއްދަވަން ވާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top