ލަންޑަނުގެ މާހައުލުގައި މަންޒަރުތައް ނަގާފައިވާ “އެކިއުޒްޑް” އަކީ އިންސާނީ ނަފްސިއްޔަތާއި އިހުސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ކޮންކޮނާ ސެން ޝަރުމާ އާއި ޕްރަތިބާ ރަންޓާއެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ކިޔައިދެނީ މުޖުތަމައުގައި ބޮޑު ގަދަރެއް ލިބިފައިވާ އަންހެން ޑޮކްޓަރަކަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ ވާހަކައެވެ. މި ތުހުމަތުތަކުގެ ސަބަބުން އޭނާގެ މަސައްކަތުގެ މާހައުލުގައި އަޑުތައް ފެތުރި، އޭނާގެ ކައިވެނީގެ ގުޅުމަށް ބުރޫއަރައި، އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރު ވެސް ގެއްލިގެންދެއެވެ.
“އެކިއުޒްޑް”ގެ މައިގަނޑު ޕްލޮޓާއި ލަންޑަނުގެ މަންޒަރުތައް
ބޮލީވުޑް ހަންގާމާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނެޓްފުލިކްސްއިން ވަނީ މި ފިލްމު ދައްކަން ނިންމާފައެވެ. މި ފިލްމަކީ މީހެއްގެ މައްޗަށް މުޖުތަމައުން ކުރާ ތުހުމަތުތަކާއި އޭގެ ސަބަބުން ކުރިމަތިވާ ނަތީޖާތަކަށް ވަރަށް ފުންކޮށް ބަލާލާފައިވާ ފިލްމެކެވެ. މިފިލްމުގެ ފުރަތަމަ މަންޒަރުންވެސް ފެނިގެންދަނީ މީހަކާ މެދު މުޖުތަމައުން ދެކޭ ގޮތް ކުއްލިއަކަށް ބަދަލުވެގެންދާ ހަލުވިމިން ހާމަވެގެންދާ މަންޒަރެވެ. ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލައެއްގެ ސިފައިގައި ފެށޭ ކަންތައްތައް، ވަރަށް އަވަހަށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބޮޑު ހައިޖާނަކަށް ބަދަލުވެއެވެ.
މި ފިލްމުގެ ޕުރޮޑިއުސަރުން ބުނާ ގޮތުގައި، މިއީ އިންސާނީ ތަސައްވުރުތަކާއި، އަހުލާގީ މިންގަނޑުތަކުގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކަށް ބިނާކޮށްފައިވާ ސައިކޮލޮޖިކަލް ޑްރާމާއެކެވެ. ނެޓްފްލިކްސް އިން މިހާރު ވަނީ މި ފިލްމުގެ ކުރު ޓީޒާއެއް ވެސް އާންމުކޮށްފައެވެ. މީގެން ފެންނަނީ ފިލްމުގެ މައިގަނޑު ކެރެކްޓާތަކަށް ކުރިމަތިވާ ނަފްސާނީ ބުރަ އާއި އިހުސާސްތައް ވަރަށް ބޮޑަށް ދައްކުވައިދޭ މަންޒަރުތަކެކެވެ.
އެކިއުޒްޑް” ގެ ކާސްޓް، ޑައިރެކްޓަރު އަނުބުޓީ ކަޝްޔަޕު އަދި ރިލީޒްކުރާ ތާރީހު
މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަނުބޫޓީ ކަޝްޔަޕެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ ސީމާ އަގަރްވާލް އާއި ޔަޝް ކޭސްވާނީއެވެ. ދަރްމާޓިކް އެންޓަޓައިންމަންޓްގެ ދަށުން އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކަރަން ޖޯހަރް، އަދަރު ޕޫނަވާލާ، އަޕޫރްވާ މެހެތާ އަދި ސޯމަން މިޝްރާއެވެ.
2026 ވަނަ އަހަރު އިންޑިއާއިން ނެރޭ ފިލްމުތަކުގެ ތެރެއިން “އެކިއުޒްޑް” އަކީ އޭގެ ތަފާތު އަދި ސީރިއަސް މައުލޫއުގެ ސަބަބުން ފާހަގަކޮށްލެވޭނެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މީހެއްގެ އަބުރާއި، މުޖުތަމައުގެ ނިންމުންތަކާއި، އަދި ވަކި ގޮތަކަށް މީހަކާ މެދު ދެކޭ ގޮތުގެ ސަބަބުން އުފުލަންޖެހޭ އަގުގެ މައްޗަށެވެ. ނެޓްފްލިކްސް އިން މި ފިލްމު އިޝްތިހާރު ކުރަނީ ނަފްސާނީ ޑްރާމާތަކަށް ލޯބިކުރާ ބެލުންތެރިންނަށް ހާއްސަ، ތަފާތު އުފެއްދުމެއްގެ ގޮތުގައެވެ.
