ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯ މެންބަރ ޙައްވާ ނަޞްރާ ސަޢީދު ފީފާގެ ޝޯޝަލް ރެސްޕޮންސިބިލިޓީ (އިޖުތިމާއީ) ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެއެވެ.
ފީފާގެ ބެލުމުގެ ދަށުން ފުޓްބޯޅަ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ، އިންސާނީ އަދި ތިމާވެށީގެ ކަންކަމަށް ހެޔޮބަދަލުތައް ގެނައުމަށް މަސައްކަތްކުރާ މިކޮމެޓީގައި ނަޞްރާ މަސައްކަތްކުރާނީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ.
އދ.އަތޮޅު ތަޢުލީމު މަރުކަޒުން ތަޢުލީމު ހާސިލުކޮށް ސްކޫލްގެ ވައިސްކެޕްޓަންކަން ވެސް ކޮށްފައިވާ ނަޞްރާ ސްކޫލް ނިންމާލީ އަހަރުގެ އެންމެމޮޅު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.
ކުޑައިރުއްސުރެ ފުޓްބޯޅައަށް ލޯބިކުރާ ނަޞްރާއަށް ފުޓްބޯޅައިން ކުރިޔަށް ދިއުމުގެ ފުރުސަތު ފަހިވީ މާލޭގައި އުޅުނު ދުވަސްވަރުއެވެ. ސީއެޗްއެސްއީގައި ތަޢުލީމު ހާސިލުކުރި ދުވަސްވަރު އެފްއޭއެމުން ހިންގި ވައިޑީޕީ ޕްރޮގްރާމްގައި ބައިވެރިވި ނަސްރާވަނީ އިންޓަރ ކުލާސް މުބާރާތްތަކުގައި ފުޓްބޯޅަ/ ފުޓްސަލް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ވިލާ ކޮލެޖުގައި ކިޔެވި ދުވަސްވަރު ކޮލެޖް މުބާރާތްތަކުގައި ކުޅެ ކާމިޔާބީތައް ތަކުރާރު ވެސް ކޮށްފަ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުޅެވޭ ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް ބަލައި ދިރާސާ ކުރަމުންދާ ނަޞްރާއަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރެއްގެ އިތުރުން އެފްއޭއެމްގެ ސޭފް ގާރޑިން އޮފިޝަރ އަދި ވިމެންސް ފުޓްބޯޅަ ކޮމެޓީގެ ޑެޕިއުޓީ ޗެއާރޕާރޝަންއެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައިވެރިއެއް ވެސް މެއެވެ.
މިހާރު ވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ނަޞްރާ ވަނީ ބެޗްލަރ އޮފް ޓީޗިން ސެކަންޑަރީ (އިކޮނަމިކްސް އަދި ކޮމާރސް) އާއި މާސްޓަރ އޮފް އާރޓްސް އިން އެޑިއުކޭޝަން (ޔޫޑަބްލިޔުއީ ބުރިސްޓޯލް) ވިލާ ކޮލެޖުން ހާސިލް ކޮށްފައެވެ.
