ހޫނު މޫސުމުގައި ތައްޔާރުކުރާނެ ހަވާއިއަން ޗިކަން:
މިއީ ފޮނި އަދި މީރު ރަހަތަކެއް އެކުލެވޭ، ތައްޔާރުކޮށްލަން ފަސޭހަ ކުލަގަދަ އޮފުކަމެއް ހުންނަ ކުކުޅު ރެސިޕީއެކެވެ.
މި ރަހަފަތަށް ހަވާއީގައި ކިޔަނީ “ހޫލީ ހޫލީ ޗިކަން” އެވެ. މިއީ މަރިނޭޓް ކުރުމަށްފަހު، ރީތިކޮށް އޮފު އަރާ ސޯސްއެއް އުނގުޅައިގެން ފިހެފައިވާ، މަޑު އަދި ރަހަގަދަ ކުކުޅެކެވެ. މީގެ އިތުރުން ކެރަމަލައިޒްކޮށްފައިވާ އަލަނާސި ފޮއްޗެއް މީގެ ތެރެއަށް އިތުރުކޮށްލުމުން ފުރިހަމަ ރަހައެއް ލިބިގެންދާނެއެވެ.
1955 ވަނަ އަހަރު ހޮނޮލުލޫގައި މި “ހޫލީ ހޫލީ” ކުކުޅު އުފެއްދި ކަމުގެ ޝަރަފު ލިބެނީ ވިޔަފާރިވެރިޔާ އާނެސްޓް މޯގާޑޯ އަށެވެ. އޭނާގެ ރެސިޕީގައި ހިމެނެނީ ފޮނި އަދި ތަތްކަމެއް ހުންނަ ޓެރިޔާކީ ސޯސްއެއް އުނގުޅައިގެން ގިނިގަދަ އަލިފާނުގެ މަތީގައި ފިހެފައިވާ ކުކުޅެވެ. މިއީ މުޅި ހަވާއީގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކެއުމެކެވެ.
ހަވާއީ ބަހުން “ހޫލީ” ގެ މާނައަކީ “އަނބުރާލުން” ނުވަތަ “ފުރޮޅާލުމެވެ.” މިއީ މި ކުކުޅު ތައްޔާރުކުރުމުގެ އެންމެ މުހިންމު އެއް މަރުހަލާއެވެ. ކުކުޅުގައި ހުންނަ ހަކުރު ގިނަ ސޯސްގަނޑު އަނދައިގެން ނުދިއުމަށްޓަކައި، ކުކުޅު ފިހެމުންދާއިރު ގިނަގިނައިން ފުރޮޅާލަން ޖެހެއެވެ. މީގެ ސަބަބުން ކުކުޅު އަނދައިގެން ނުގޮސް، ރީތި ކުލައަކާއި މީރު ރަހައެއް ލިބިގެންދެއެވެ.
މި ރެސިޕީއަކީ “ހޫލީ ހޫލީ” ކުކުޅުގައި ހުންނަ ފޮނި އަދި ލޮނު ރަހަތައް އެކުލެވޭ، ހަފުތާގެ ކޮންމެ ދުވަހަކުވެސް ފަސޭހަކަމާއެކު ގްރިލް ކޮށްލެވޭނެ ރެސިޕީއެކެވެ.
މި ކުކުޅު ތައްޔާރުކުރުމަށް ބައެއް އިރުޝާދުތައް:
• ކުކުޅު މަރިނޭޓް ކުރުމަށްޓަކައި 4 ގަޑިއިރު ބެހެއްޓިދާނެއެވެ. ނަމަވެސް އެއަށްވުރެ ގިނައިރު ނުބަހައްޓާށެވެ. އަލަނާސީގައި ހިމެނޭ އެންޒައިމެއްގެ ސަބަބުން ކުކުޅުގެ މަސްގަނޑު މާބޮޑަށް މަޑުވެ، އޭގެ އަސްލު ރަހަ ގެއްލިދާނެއެވެ.
• ގްލޭޒްގައި ހަކުރު ހުންނާތީ އަވަހަށް އަނދާގޮތް ވެދާނެއެވެ. އެހެންކަމުން، ސޯސް އުނގުޅަން އެންމެ ރަނގަޅީ ކުކުޅު ރަނގަޅަށް ފިހެވެން ކައިރިވުމުންނެވެ. އަދި އަވަސް އަވަހަށް ފުރޮޅާލަން ހަނދާން ކުރަންވާނެއެވެ.
• ކަށިނެތް، ހަން ނެތް ކުކުޅު ފައި މަހުގެ ބަދަލުގައި އެހެން ބައިތައްވެސް ބޭނުންކުރެވިދާނެއެވެ. ކުކުޅު މޭމަސް ބޭނުންކުރާނަމަ، އޭގެ އެތެރޭގެ ހޫނުމިން 155 އާއި 160 ފަރަންހައިޓަށް ދަންދެން ފިހާށެވެ.

ހޫލީ ހޫލީ ކުކުޅު:
ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
ކައްކަން ހޭދަވާ ވަގުތު: 20 މިނެޓް
މަރިނޭޓް ކުރަން ހޭދަވާ ވަގުތު: 2 ގަޑިއިރު
ޖުމްލަ ވަގުތު: 2 ގަޑިއިރު 30 މިނެޓް
މި މިންވަރުން 6 މީހުންނަށް ކެވޭނެއެވެ.
ބޭނުންވާ ތަކެތި:
🍳 1 ޖޯޑު އަލަނާސި ޖޫސް
🍳 2/3 ޖޯޑު ސޯޔާ ސޯސް
🍳 1/2 ޖޯޑު ކެޗަޕް
🍳 1/3 ޖޯޑު މުށި ހަކުރު
🍳 1/3 ޖޯޑު ޑްރައި ޝެރީ
🍳 2 ސައިސަމުސާ އެޕަލް ސައިޑަރ ވިނިގަރ
🍳 1 ސައިސަމުސާ ގާނާފައި ހުރި އިނގުރު
🍳 5 ފިތް ލޮނުމެދު (ގާނާފައި ނުވަތަ ކުދިކޮށް ކޮށާފައި)
🍳 2 1/2 ރާތާ ކަށިނެތް، ހަންނެތް ކުކުޅު ފައިމަސް (8 ނުވަތަ 9 ކުޑަ އެތިކޮޅު)
🍳 ކެނޯލާ ތެޔޮ (ފިހާއިރު އުނގުޅުމަށް)
🍳 6 އަލަނާސި ފޮތި (އެއް އިންޗި ބޯމިނުގައި ބޮޅަށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
ކުކުޅު މަރިނޭޓް ކުރުން:
ބޮޑު ތަށްޓެއްގައި އަލަނާސި ޖޫސް، ސޯޔާ ސޯސް، ކެޗަޕް، ހަކުރު، ޝެރީ، ވިނިގަރ، އިނގުރު އަދި ލޮނުމެދު އެއްކޮށްލާށެވެ. ޒިޕްލޮކް ކޮތަޅަކަށް ކުކުޅުކޮޅު އެޅުމަށްފަހު، އެއްކުރި ސޯސްގަނޑުގެ ތެރެއިން 2 ޖޯޑު ސޯސް ކުކުޅުގެ ތެރެއަށް އަޅާލާށެވެ. ބާކީ ހުރި 1 ޖޯޑު ސޯސް ފަހުން ބޭނުންކުރުމަށް ބަހައްޓާށެވެ. ކޮތަޅުގެ އަނގަ ރަނގަޅަށް ބަންދުކުރުމަށްފަހު، މަދުވެގެން 2 ގަޑިއިރު ނުވަތަ ގިނަވެގެން 4 ގަޑިއިރު ފްރިޖުގައި ބަހައްޓާށެވެ.
ގްރިލް ތައްޔާރުކުރުން:
ކުކުޅު ފިހުމުގެ 30 މިނެޓް ކުރިން ފްރިޖުން ނެރޭށެވެ. ގްރިލް މެދު މިންވަރަކަށް (350 ފަރަންހައިޓް) ހޫނުކުރާށެވެ. ކުކުޅުތައް މަރިނޭޑުން ނެގުމަށްފަހު، ޓިޝޫއަކުން ފެންހިއްކާލާށެވެ. ބޭނުންކުރި މަރިނޭޑް އުކާލާށެވެ.
ކުކުޅު ފިހުން:
ގްރިލްގައި ތެޔޮ އުނގުޅާލުމަށްފަހު، ކުކުޅުތައް އަތުރާލާށެވެ. މަތި ބަންދުކޮށްގެން ގާތްގަނޑަކަށް 3 މިނެޓް ވަންދެން ފިހާށެވެ. އެއަށްފަހު ކުކުޅު އަނބުރާލާފައި އަނެއްކާވެސް 3 މިނެޓް ފިހާށެވެ. ދެން ކޮންމެ 2 މިނެޓަކުން ކުކުޅު ފުރޮޅަމުން ގެންދާށެވެ.
ސޯސް އުނގުޅުން (ގްލޭޒް ކުރުން):
ކުކުޅު ގާތްގަނޑަކަށް ފިހެވުމުން، ކުރިން ބެހެއްޓި ސޯސް ކުކުޅުގައި އުނގުޅަމުން ގެންދާށެވެ. ކޮންމެ 1 ނުވަތަ 2 މިނެޓަކުން ފުރޮޅަމުން ސޯސް އުނގުޅާށެވެ. ކުކުޅު ރަނގަޅަށް ފިހެވުމުން ގްރިލުން ނަގައި، 10 މިނެޓް ވަންދެން ބަހައްޓާށެވެ.
އަލަނާސި ފިހުން:
ކުކުޅު މަޑުކޮށްލަން ބަހައްޓާފައި ހުންނަ ވަގުތު، ގްރިލްގެ ހޫނުމިން މަތިކޮށްލާށެވެ. އަލަނާސި ފޮތިތައް ގްރިލްގައި އަތުރާލައިގެން، ދެފަރާތް ރީތިކޮށް ފިހެލާށެވެ.
ފިހެފައިވާ ކުކުޅާއި އަލަނާސި އެއް ތަށްޓަކަށް ލުމަށްފަހު، ހޫނުކަންމަތީ ސާވްކުރާށެވެ.
