ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިއްކުމަކީ މަނާކަމެއް!

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިއްކުމަކީ މަނާކަމެއްކަން ހަނދާންކޮށްދީ، އެފަދަ ފުޅިތައް ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވިޔަފާރިވެރިންނަށާއި އާންމުންނަށް އިލްތިމާސްކޮށްފިއެވެ. މިއީ ރާއްޖޭގެ ބާޒާރުގައި މިހާރަކަށް އައިސް މިފަދަ ފުޅިތައް ނުރަނގަޅު ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވޭތީ އެ އޮތޯރިޓީން ނެރުނު ހަނދާންކޮށްދިނުމެކެވެ.

އެއް ފަހަރު ބޭނުންކުރަން ފަރުމާކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިއްކުމަކީ ރާއްޖޭގައި މަނާކަމެއްކަން ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ. މި ގަވާއިދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމުގައި ރައްކާތެރި މިންގަނޑުތައް ހިފެހެއްޓުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

“ޕީ.އީ.ޓީ” (Polyethylene Terephthalate) ޕްލާސްޓިކް ފުޅިއަކީ ހަމައެކަނި އެއްފަހަރު ބޭނުންކުރުމަށް ހާއްސަކޮށް އުފައްދާފައިވާ އެއްޗެކެވެ. މިއީ ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަނުން ލިބެން ހުންނަ ތާޒާ ޖޫހާއި، ކުރުނބާ ފަނި ފަދަ ބުއިންތައް އެޅުމަށް އަލުން ބޭނުންކުރުމަށް ނުވަތަ ރައްކާކުރުމަށް އުފައްދާފައިވާ ފުޅިއެއް ނޫނެވެ.

އެމް.އެފް.ޑީ.އޭ އިން ހާމަކުރާ ގޮތުގައި މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމަކީ ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ހާއްސަކޮށް، ހޫނަށް ނުވަތަ އަވީގައި މިފަދަ ފުޅިތައް ބެހެއްޓުމުން ނުވަތަ ތަކުރާރުކޮށް ދޮވުމުގެ ސަބަބުން، ޕްލާސްޓިކުން ގެއްލުންހުރި ކެމިކަލްތައް ބުއިމުގެ ތެރެއަށް އެއްވެ، އޭގެ ރައްކާތެރިކަމާއި ފެންވަރު ގެއްލިގެންދެއެވެ.

ކެމިކަލްގެ ނުރައްކަލުގެ އިތުރުން، މި ފުޅިތަކަކީ ކާބޯތަކެތި ބަންދުކުރާ މިންގަނޑަށް ފެންވަރު ހިފެހެއްޓޭ ގޮތަށް އުފައްދާފައިވާ އެއްޗެއް ނޫން ކަމުން، އެކަށީގެންވާ ގޮތެއްގައި ސާފު ނުކުރެވޭ ނަމަ ބެކްޓީރިއާ ފަދަ ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑެވެ. އާދައިގެ ޕްލާސްޓިކް ފުޅިއަކީ ތަކުރާރުކޮށް ދޮވެ ސާފުކުރަން ފަރުމާކޮށްފައިވާ އެއްޗެއް ނޫނެވެ.

ރާއްޖޭގެ ބައެއް ފިހާރަތަކާއި މަގުމަތީގައި ހުންނަ ގާޑިޔާތަކުގައި، ތާޒާކޮށް ތައްޔާރުކުރާ ޖޫހާއި ކުރުނބާ ފަނި ބަންދުކުރުމަށް ބޭނުންކޮށްފައި ހުންނަ ޕީ.އީ.ޓީ ފުޅި ބޭނުންކުރާ މަންޒަރު ފެނެއެވެ. މިއީ ފަސޭހަ އަދި ހަރަދު ކުޑަ ގޮތެއް ކަމަށް ހީވި ނަމަވެސް، މީގެ ސަބަބުން ސާފުތާހިރުކަން ގެއްލި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން އިންޒާރު ދެއެވެ.

އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ކާބޯތަކެތި ބަންދުކުރުމުގައި ހުއްދަދެވިފައިވާ “ފުޑް ގްރޭޑް” (Food-grade) ތަކެތި ބޭނުންކުރުމަށް އެމް.އެފް.ޑީ.އޭ އިން ވިޔަފާރިވެރިންނަށް ބާރުއަޅައެވެ. އަދި ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅިއަށް ބުއިންތައް އަޅައިގެން ވިއްކުމުގެ ބަދަލުގައި، ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ގަންނައިރު އާންމުންވެސް މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. ކާބޯތަކެތި ރައްކާކޮށްފައި ހުންނަ ގޮތާއި އެތަކެތި ގެންގުޅޭ ގޮތާމެދު ހޭލުންތެރިވުމަކީ އަމިއްލަ ސިއްހަތު ރައްކާތެރިކުރުމަށާއި، މުޅި މުޖުތަމައުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އިލްތިމާސަކީ ރާއްޖޭގައި ވިއްކާ ކާބޯތަކެއްޗަކީ ސާފުތާހިރު އަދި ސިއްހީ ގޮތުން ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ވިޔަފާރިވެރިންނާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅިފައިވާ ޒިންމާއެއްކަން މި ހަނދާންކޮށްދިނުމުން ހާމަވެގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top